28 މޭ 2023 - 05:53 0
ފާތިމަތު ސާޔާ އަހުމަދު
ރޮޖާ ވޯޓާޒްގެ "ދިސް އިޒް ނޮޓް އަ ޑްރިލް" ޓުއާގެ ތެރެއިން ޝޯއެއް. -- ފޮޓޯ: ރޮއިޓާޒް
28 މޭ 2023 - 05:53 0
ބާލިން، ޖަރުމަނު (މޭ 27) - ޖަރުމަނުގެ ކުރީގެ ލީޑަރު އެޑޯލްފް ހިޓްލަރުގެ "ނާޒީ" ފައުޖުން ބޭނުންކުރި ޔުނިފޯމާ އެއް ގޮތް ޔުނިފޯމެއް ޝޯއެއްގެ ތެރެއިން ލީ ކަމަށް ބުނެ ޕިންކް ފްލޮއިޑްގެ މިޔުޒީޝަން ރޮޖާ ވޯޓާޒްގެ މައްސަލަ ބަލަން ގޮވާލައިފި އެވެ.
ޔަހޫދީންނާ ދެކޮޅު ވިސްނުން ހުއްޓުވުމަށް ޖަރުމަނުން ކަނޑައަޅާފައި ހުންނަ އޮފިޝަލް ފީލިކްސް ކްލެއިން ވިދާޅުވީ ބާލިންގެ ކޮންސެޓެއްގެ ތެރެއިން އެ ޔުނިފޯމް ލީ މައްސަލަ ބަލައި، ވޯޓާޒް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ.
މީގެ ކުރިން ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލަތައް ވޯޓާޒްއާ އެއްކޮޅަށް ނިމުނު ނަމަވެސް، އޭނާއަކީ ޔަހޫދީންނާ މެދު ނަފުރަތު އުފައްދާ މީހެއް ކަމަށް ފިޔުންކޭ މީޑިއާ ގްރޫޕަށް ދިން އިންޓަވިއުއެއްގައި ކްލެއިން ވިދާޅުވި އެވެ.
ބާލިންގެ ފުލުހުން ހުކުރު ދުވަހު ބުނީ ވޯޓާޒްގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގައި އުފެދުނު ކާމިޔާބު ބޭންޑް ޕިންކް ފްލޮއިޑްގެ އެއް ފައުންޑަރުގެ ގޮތުގައި ހިމެނޭ ވޯޓާޒްއަކީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލާ ވަރުގަދަ އެކްޓިވިސްޓެކެވެ. އޭނާގެ ކޮންމެ ޝޯއެއްގެ ތެރެއިން ވެސް ފަލަސްތީނުގެ ހައްގުގައި ޝުއޫރު ފާޅުކުރެ އެވެ.
މި ވަގުތު ކުރިއަށް ދަނީ ވޯޓާޒްގެ "ދިސް އިޒް ނޮޓް އަ ޑްރިލް" ޓުއާގެ ޝޯތަކެވެ. ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ޝޯ ދީފައިވާ އިރު، ޖަރުމަނުގެ ބައެއް ސިޓީތަކުން ވަނީ އޭނާގެ ޝޯ މަނާކުރުމަށް މަސައްކަތްކޮށްފަ އެވެ.
އެކަމަކު ކޯޓުން ނިންމާފައި ވަނީ މަނާ ނުކުރެވޭނެ ކަމަށެވެ. ޔަހޫދީންނާ ދެކޮޅު ވިސްނުން ގެންގުޅޭ ކަމަށް ކުރާ ތުހުމަތުތައް ވޯޓާޒް ދޮގުކުރެ އެވެ. އޭނާ ބުނީ އަޑުއުފުލަނީ އިޒްރޭލުގެ ސިޔާސަތުތަކާ ދެކޮޅަށް ކަމަށާއި ޔަހޫދީންނާ ދެކޮޅަށް ނޫން ކަމަށެވެ.
ހުކުރު ދުވަހުގެ ޝޯގެ ތެރެއިން އޭނާ ވަނީ ނުހައްގުން މަރުވެފައިވާ ބައެއް މީހުންގެ ނަންތައް ބޮޑު ސްކްރީނަށް އަރުވައިފަ އެވެ. އޭގެ ތެރޭގައި ހިޓްލަރުގެ ވެރިކަމުގައި ޔަހޫދީން އުޅެން މަޖުބޫރުވި ކޭމްޕެއްގައި މަރުވި އޭން ފްރޭންކްގެ ނަން ހިމެނެ އެވެ.
އޭގެ އިތުރުން މިދިޔަ އަހަރު އިޒްރޭލުގެ ފުލުހުން ގަސްދުގައި ބަޑި ޖަހައި މަރާލި ފަލަސްތީނުގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލެހްގެ ނަން ވެސް ސްކްރީނަށް އެރުވި އެވެ.
Comment