Advertisement

މުދިމުންގެ މުސާރައަށް ހެޔޮ ބަދަލެއް ގަންނާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

26 މޭ 2023 - 13:42 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އައިޔޫއެމްއިން އިމާމުކަމުގެ ޑިގްރީ ހާސިލްކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު ހުސެއިން މުހައްމަދު ސޯލިހު، އެ މަނިކުފާނު ރޭ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް


މުދިމުންގެ މުސާރައަށް ހެޔޮ ބަދަލެއް ގަންނާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

26 މޭ 2023 - 13:42 0

މުދިމުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ މި އަހަރުގެ ދަސްވެނިވުމުގެ ހަފުލާގައި ރައީސް ސޯލިހު ވިދާޅުވީ އެހެން މުވައްޒަފުންނާ ހިލާފަށް މުދިމުންނަކީ ހަފުތާގެ ކޮންމެ ދުވަހަކު، ޗުއްޓީއެއް، އިތުރު ގަޑިއެއް ނެތި މަސައްކަތް ކުރާ ބައެއް ކަމަށެވެ.

"އެހެން އޮފީސްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ހިލާފަށް، ހަފުތާގެ ހަތް ދުވަހު، ޗުއްޓީއެއް ނެތި، އޯވަޓައިމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންތަކެއް. ހިދުމަތްތެރިންތަކެއް އެއީ. އެ ބޭފުޅުންގެ އެ މަސައްކަތާ ގުޅޭގޮތުން މުސާރައަށާއި، ލިބެންވާ ޗުއްޓީއާ ބެހޭގޮތުން އަޅުގަނޑުމެން ބަދަލުތަކެއް އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ގެންނާނެ ވާހަކަވެސް މިރޭ ތިޔަބޭފުޅުންނަށް އަޅުގަނޑު ހިއްސާކުރަން،" ރައީސް ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސިޓީން މި އަހަރު 709 ދަރިވަރުން ދަސްވެނިވިގެން ދިޔައިރު އޭގެ ތެރޭގައި 78 އިމާމުން ވެސް ހިމެނެ އެވެ.

އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައި ދިނުމަށް މި ސަރުކާރުންވި ވައުދާއެކު އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިމާމުންގެ ޑިގްރީ ޕްރޮގްރާމު ފެށީ 2020 ވަނަ އަހަރު އެވެ. އިމާމުން ޑިގްރީ ސަނަދު ހާސިލުކުރުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށްބޮޑު އުފަލެއް. އަދި އޭގެއިތުރުން، މިރޭ ދަސްވެނިވާ ދަރިވަރުންތަކެއްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުންވެސް އިތުރު އުފާތަކެއް އެބަ އިހުސާސް ކުރެވޭ،" ރޭ ދަސްވެނިވުނު ދަރިވަރުންގެ ތެރޭގައި ރައީސް ސޯލިހުގެ އެއްބަންޑު އެއްބަފާ ތިން ބެއިން ހިމެނޭކަން ފާހަގަ ކުރެއްވުމުގެ ގޮތުން އެ މަނިކުފާނު ވިދާޅުވި އެވެ. އެ ތިން ބެއިންނަކީ ވެސް ގުރުއާން ހިތުދަސް، އިމާމުންނެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވެ ކޯސް ފުރިހަމަކޮށް ސަނަދު ހޯދި ރައީސް ސޯލިހުގެ އެއްބަނޑު އެއްބަފާ ތިން ބެއިންނާއެކު އެ މަނިކުފާނު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ރައީސް އޮފީސް


ޑިގްރީ ފެންވަރަށް އިމާމު ކޯސް ކުރިއަށް ގެންދިޔުން ނުކުންނާނެ އެތައް ރަނގަޅެއް ތަސައްވުރު ކުރެއްވޭ ކަމަށް އެ ރައީސް ސޯލިހު ވިދާޅުވި އެވެ.

"ދީނީ ގޮތުންނާއި، އިޖުތިމާއީ ގޮތުން އަދި އަހުލާގީ ގޮތުން ވެސް، ކިތަންމެ އިސްލާހީ ބަދަލުތަކެއް އަޅުގަނޑުމެންގެ މުޖުތަމައަށް އަންނާނެ. އޭގެ ތެރެއިން ވެސް އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވަނީ، ދީނުގެ ނަމުގައި ހިންގާ ހަރުކަށި ޢަމަލުތައް މަދުވުމަށް މަގު ފަހިވެގެންދާނެކަން،" ރައީސް ވިދާޅުވި އެވެ.

މުދިމުންގެ މުސާރައިގެ އިތުރުން ރައީސް ރޭ ވިދާޅުވީ އިސްލާމިކު ޔުނިވާސިޓީގެ ލެކްޗަރާއިންގެ މުސާރައާ ބެހޭގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން ފާހަގަ ކުރެވި އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާ އެކީގައި ކުރަމުން އަންނަ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ތައުލީމީ ދާއިރާގެ މުސާރަތަކަށް މިދިޔަ އަހަރު ވަނީ ބަދަލު ގެނެސްފަ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ޔުނިވާސިޓީތަކުގެ ލެކްޗަރާއިން ހިމެނެ އެވެ.