Advertisement

9 ބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ އަހުސަން އާއި ފާތީ

23 މޭ 2023 - 11:03 0

9 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފާތީ އަދި އަހުސަން - ފޮޓޯ: އެމްޕީބީއޭ


9 ބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ އަހުސަން އާއި ފާތީ

23 މޭ 2023 - 11:03 0

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބޭއްވި 9 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އަހުސަން ހާޝިމް އަދި އަންހެން ބައިގެ ޗެމްޕިއަންކަން އާމިނަތު ފާތީ ހޯދައިފި އެވެ.

އެމްޕީބީއޭ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މުބާރާތުގެ ފައިނަލްތައް ރޭ ނިމުނުއިރު ފިރިހެން ފައިނަލުގައި ވާދަކޮށްފައިވަނީ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އަކުސަމް އާއި އަހުސަން އެވެ. އަހުސަން މި މެޗު ކާމިޔާބުކުރީ 11-9 ފްރޭމުންނެވެ.

ފައިނަލު މެޗު ފަށައިގެން ފެނުނީ ދެ ކުޅުންތެރިންވެސް އެއްވަރެއްގައި ކުޅެލިތަނެވެ. އެ ގޮތުން، 2-2 އިން އެއްވަރުވެފައި އޮއްވާ އަހުސަން ވަނީ 5-2 އިން ލީޑު ނަގައި ޓައިމްއައުޓާ ހަމައަށް ލީޑު ހިފަހައްޓައިފަ އެވެ. ޓައިމް އައުޓަށް ފަހު އެނބުރި އައިސް އަހުސަން 8-4 އަށް ލީޑު ފުޅާކުރި އެވެ. ދެން ފެނުނީ މެޗުގެ ފަހުކޮޅަށް ދިޔަ ވަރަކަށް އަކްސަމް އަރާ ހަމަކުރި ތަނެވެ. އަދި، 9-9 އިން އެއްވަރުވެފައި އޮއްވާ އަކުސަމް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އަހުސަން އަނެއްކާވެސް ލީޑު ނަގައި 11-9 އިން މެޗު ކާމިޔާބުކުރި އެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލާ ހަމައަށް އަކްސަމް އައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ވިނާސް ބްރެކެޓުގެ ކުއާޓާ ފައިނަލުގައި އަކުސަމް ވަނީ 7-9 އިން އަހުސަންވެސް ބަލިކޮށްފަ އެވެ. ސެމީ ފައިނަލުގައި އަކްސަމް މޮޅުވީ ހުސައިން ފަޔާޒު އަތުންވެސް 9-7 އިންނެވެ.

އަހުސަން ފައިނަލަށް ދަތުރުކުރީ ލޫޒާސް ބްރެކެޓުގައި މުހައްމަދު ޝަރީފް 9-5 އިން ބަލިކޮށް، އިސްމާއިލް ސުވެއިދު 9-6 އިން ބަލިކޮށް އަދި ފަހު ސެމީ ފައިނަލުގައި ހުސައިން ފަޔާޒު 9-7 އިން ބަލިކޮށްގެންނެވެ.

ފިރިހެން ޑިވިޝަންގެ ތިން ވަނަ ލިބުނީ ފަޔާޒު އަށެވެ. ހަތަރު ވަނަ ސުވެއިދު އަށް ލިބުނުއިރު، ފަސް ވަނަ ލިބުނީ ޝަރީފް އަށެވެ. ހަތް ވަނަ މުހައްމަދު ސާހިލް ހަމީދު އެވެ. އަށްވަނަ އަކީ އިސްމާއިލް ޖީހާން އެވެ.

މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ފާތީ ހޯދީ ފައިނަލުގައި ދީނާ އަހުމަދު 7-4 އިން ބަލިކޮށްގެންނެވެ. މުޅި މުބާރާތުގައި ކޮންމެ މެޗެއްގައިވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ފާތީ ފައިނަލު މެޗު ފެށީވެސް އިތުބާރާ އެކުގަ އެވެ. މިގޮތުން ފުރަތަމަ ހަތަރު ފްރޭމް ހޯދައި 4-0 އިން ލީޑު ނެގި އެވެ. މެޗުގެ ޓައިމްއައުޓަށްފަހު ދީނާ މަޑު މަޑުން ކުޅުން ރަނގަޅުކުރި ނަމަވެސް ފާތީ ވަނީ ލީޑު ހިފަހައްޓައި 7-4 އިން މެޗު ކާމިޔާބުކޮށްފަ އެވެ.

އަންހެން ޑިވިޝަންގެ ތިން ވަނަ ހޯދީ އާމިނަތު ހަލީމް (ދިލް ) އެވެ. ހަަތަރުވަނަ އަކީ އާމިނަތު އަޒުރާ އެވެ. ފަސް ވަނަ ފަގީހާ އިބްރާހިމް އަށް ލިބުުނުއިރު ހަ ވަނަ ހޯދީ އައިޝަތު އަލީ އެވެ. ހަތް ވަނަ އާމިނަތު އަޒީމާ އަށް ލިބުނުއިރު އަށްވަނަ ކުޅުންތެރިއަކީ އާމިނަތު ނަދާ އެވެ.