Advertisement

މަޖިލިސް ނައިބު ރައީސްކަމުން އީވާ ވަކިކުރަން 50 މެމްބަރުންގެ ސޮޔާއެކު ހުށަހަޅައިފި

23 މޭ 2023 - 12:09 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ؛ އޭނާ ވަކި ކުރަން ހުށަހަޅާފައިވަނީ 50 މެންބަރުންގެ ސޮޔާއެކު-- ފޮޓޯ: މަޖިލިސް


މަޖިލިސް ނައިބު ރައީސްކަމުން އީވާ ވަކިކުރަން 50 މެމްބަރުންގެ ސޮޔާއެކު ހުށަހަޅައިފި

23 މޭ 2023 - 12:09 0

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުންނެވި އީވާ އަބްދުﷲ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ ތާއީދާއެކު ނައިބު ރައީސްގެ މަގާމަށް ވަޑައިގެންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުގެ މަސައްކަތް ފަށާފައިވަނީ އޭނާ އެ ޕާޓީން ވަކިވުމާ ގުޅިގެންނެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ވައްދާފައިވަނީ 50 މެންބަރުންގެ ސޮޔާއެކުގަ އެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ. އެއީ 43 މެންބަރުންނެވެ. އެ އަދަދަށް އެމްޑީޕީގެ ޕީޖީގައި މެމްބަރުން ތިއްބަވާނެ އެވެ.

އީވާ ހިމެނޭހެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައި ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އެމްޑީޕީން ވަކިވެފަ އެވެ. އެ މެންބަރުން އިސްވެ، "ދަ ޑިމޮކްރެޓްސް" ނަމުގައި އާ ޕާޓީއެއް އުފެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ނައިބު ރައީސްގެ މަގާމާ ބެހޭގޮތުން އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން އީވާ ވިދާޅުވެފައި ވަނީ އެއްވެސް މަގާމެއް އޭނާއަށް މުހިންމު ނޫން ކަމަށެވެ. އަދި މަގާމު ގެއްލިދާނެތީ ބިރު ނުގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީވާއަކީ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ބޭފުޅެކެވެ. މަޖިލީހަށް ތިން ދައުރަށް އިންތިހާބުވެވަޑައިގަތީ ވެސް އެ ޕާޓީގެ ޓިކެޓުގަ އެވެ.