about 22 hours 1
ޝަމްްހީދު މަޖިލީހުގައި: ވިދާޅުވީ އާންމުކޮށް ބަޖެޓުގައި ހިމަނާ ސަބްސިޑީތައް ސަރުކާރުން ކަނޑާލި ވާހަކަ -- ފޮޓޯ: މަޖިލިސް
about 22 hours 1
އަސާސީ ހިދުމަތްތަކާއި ތަކެތި އަގު ހެޔޮ ކުރަން ކުރަން އަބަދު ވެސް ހިމަނާ ފައިސާާއިން ބޮޑު ބަޔެއް އަންނަ އަހަރުގެ ބަޖެޓުން ކަނޑާލާފައި އޮތުމުން ރައްޔިތުން އަތުން 2.6 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝަމްހީދު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ގެނެސްދޭ "ހަވަރު ބެރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ، ސަބްސިޑީތައް ކަނޑާލާފައި އޮތުމުން ކާޑާއި ކަރަންޓާއި އަދިވެސް ބައެއް އެހެނިހެން ކަންކަމަށް ކަނޑައަޅާ ބަޖެޓު އަންނަ އަހަރު ނުލިބޭނެ ކަމަށާއި އެ ހަރަދު އުފުލަންޖެހޭނީ އާންމުން ކަމަށެވެ.
"މި އަދަދުތައް ގާތްގަނޑަކަށް 2.6 ބިލިއަނާ އެބަ ގާތްވޭ. އެއީ މި އަހަރު ރައްޔިތުންގެ އަތުން ހިނގި ހަރަދެއް ނޫން. އެހެންވީމާ 2.6 ބިލިއަން އެޑިޝަނަލް ކޮސްޓް ރައްޔިތުންގެ އަތުން ހަރަދުވާނެ ކަމަށް ބަޖެޓުން އަންދާޒާ ކުރެވޭ،" ޝަމްހީދު ވިދާޅުވި އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބިޔަ ބަޖެޓެވެ. އެކަމަކު އެވަރުގެ ބޮޑު ބަޖަޓެއް ހުށަހެޅިއިރު، ސަރުކާރުން ދޭ އެހީ އާއި ސަބްސިޑީގެ އަދަދު އޮތީ މަދުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި އެކަމަށް 10.9 ބިލިއަން ކަނޑައަޅާފައި އޮތެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ހަމަޖެއްސީ އެންމެ 7.9 ބިލިއަން ރުފިޔާ އެވެ.
ސަބްސިޑީއަށް ދޭ ފައިސާ މަދު ކުރިއިރު، އެންމެ ބޮޑަށް ކަނޑާލީ ފިއުލް ސަބްސިޑީ އެވެ. މި އަހަރުގެ ބަޖެޓުގައި ފިއުލް ސަބްސިޑީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ޖަހާފައި އޮތެވެ. އެކަމަކު އަންނަ އަހަރުގެ ބަޖެޓުގައި ފިއުލް ސަބްސިޑީގެ ގޮތުގައި ޖަހާފައި ވަނީ އެންމެ 433 މިލިއަން ރުފިޔާ އެވެ. އެއީ 80 ޕަސެންޓުގެ ދަށްވުމެކެވެ.
ކާބޯތަކެތީގެ އަގު ހެޔޮ ކުރަން ސަރުކާރުން ދޭ ސަބްސިޑީގެ ގޮތުގައި މި އަހަރު 352.9 މިލިއަން ޖަހާފައި އޮތެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ޖެހީ އެންމެ 93 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެއީ މި އަހަރު ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަށް ދިން ފައިސާގެ އެންމެ 26 ޕަސެންޓެވެ.
ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ދޭ އެހީގެ ގޮތުގައި މި އަހަރުގެ ބަޖެޓުގައި 216 މިލިއަން ރުފިޔާ ޖެހި އެވެ. އެކަމަކު އަންނަ އަހަރުގެ ބަޖެޓުގައި ޖެހީ 182 މިލިއަން ރުފިޔާ އެވެ. އެއީ 18 ޕަސެންޓުގެ ދަށްވުމެކެވެ.
ރާއްޖެއިން ކުރާ ބޭސް ފަރުވާއަށް ދޭ އެހީގެ ގޮތުގައި މިއަހަރުގެ ބަޖެޓުގައި 176.6 މިލިއަން ރުފިޔާ ޖެހި އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގައި ކުރާ ބޭސްފަރުވާއަށް ދޭ އެހީގެ ގޮތުގައި ޖެހީ 144 މިލިއަން ރުފިޔާ އެވެ. އެއީ 21 ޕަސެންޓުގެ ދަށްވުމެކެވެ.
ސަބްސިޑީ އެންމެ ބޮޑަށް ދަށްވި އެއް ދާއިރާއަކީ މަސްވެރިކަމެވެ. މަސްވެރިންނަށް ދޭ ސަބްސިޑީގެ ގޮތުގައި މި އަހަރު 413 މިލިއަން ރުފިޔާ ހިމެނި އެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނީީ 210 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެއީ 49 ޕަސެންޓުގެ ވެއްޓުމެކެވެ.
އޭގެ އިތުރުން ވެސް ބައެއް ސަބްސިޑީތައް ސަރުކާރުން ވަނީ ކަނޑައިފަ އެވެ. އެގޮތުން ނަރުދަމާ، ޓްރާންސްޕޯޓް އަދި ޕްރީ ސްކޫލް ހިންގުމަށް ދޭ އެހީ ވެސް ވަނީ މަދުކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment