Advertisement

އަލިފާން ރޯވެ ފިލިޕީންސްގެ ތާރީހީ ޕޯސްޓް އޮފީސް އަނދައި ހުލިވެއްޖެ

މެނީލާ ސެންޓްރަލް ޕޯސްޓް އޮފީސް އިމާރާތުގައި ރޯވެފައި.


އަލިފާން ރޯވެ ފިލިޕީންސްގެ ތާރީހީ ޕޯސްޓް އޮފީސް އަނދައި ހުލިވެއްޖެ

މެނީލާ، ފިލިޕީންސް (މޭ 22) - މެނީލާގެ ތާރީހީ ޕޯސްޓް އޮފީސް އިމާރާތުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި އެތަން އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ގާތްގަނޑަކަށް 100 އަހަރުވީ އެ އިމާރާތުގައި ރޯވި ހިނގި ހާދިސާގައި އެކަކަށް އަނިޔާވި އެވެ.

އަލިފާން ރޯވީ އެ ތަނުގެ ބޭސްމެންޓްގަ އެވެ. ފަސް ބުރީގެ އިމާރާތުގެ ހުރިހާ ބުރިއަކަށް އަލިފާންގަނޑު ފެތުރުނު އިރު، އަލިފާންގަނޑު ނިއްވާލެވުނީ ހަތް ގަޑިއިރު ފަހުންނެވެ.

އެކަން މެދުވެރިވި ސަބަބު ހޯދުމުގެ ތަހުގީގު ވަނީ ފަށައިފަ އެވެ. އަލިފާން ނިއްވުމުގެ އޮޕަރޭޝަނުގައި 80 އަށް ވުރެ ގިނަ އުޅަނދު ބައިވެރިވި އެވެ.

މެނީލާ ސެންޓްރަލް ޕޯސްޓް އޮފީހުގައި އަލިފާން ނިއްވަން ހާއްސަ ނިޒާމެއް ގާއިމްކޮށްފައި ނެތުމުން، އަލިފާންގަނޑު ފެތުރެން ފަސޭހަވި ކަމަށް ބެލެވެ އެވެ.

އެއީ 1926 ވަނަ އަހަރު ހެދި އިމާރާތެކެވެ. އެއީ މެނީލާގެ އެންމެ އަގުހުރި އެއް އިމާރާތުގެ ގޮތުގައި ފާހަގަކުރެވޭ ތަރިކައެކެވެ.

ދެ ވަނަ ބޮޑު ހަނގުރާމައިގައި އިމާރާތަށް ލިބުނު ގެއްލުންތައް މަރާމާތު ކުރީ 1946 ގަ އެވެ. މި ފަހަރު ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށް އޮފިޝަލުން ބުންޏެވެ.