Advertisement

ލާޒިއޯ ތިން ވަނަ އަށް ޖެހިލައިފި، ގަދަ ހަތަރެއްގެ ފޯރިގަދަ!

22 މޭ 2023 - 10:14 0


ލާޒިއޯ ތިން ވަނަ އަށް ޖެހިލައިފި، ގަދަ ހަތަރެއްގެ ފޯރިގަދަ!

22 މޭ 2023 - 10:14 0

ރޯމް (މެއި 22) - އިޓާލިއަން ލީގުގައި ރޭ އުދިނޭޒީ އަތުން 1-0 އިން މޮޅުވެ ލާޒިއޯ ތާވަލްގެ ތިން ވަނަ އަށް ޖެހިލިއިރު، ދެ ފައިނަލަށް ތައްޔާރުވަމުންދާ އިންޓަ މިލާން ވަނީ ރޭ ކުޅުނު މެޗުގައި ޗެމްޕިއަން ނަޕޯލީ އަތުން 3-1 އިން ބަލިވެއްޖެ އެވެ.

ލާޒިއޯ ރޭގެ މެޗުން މޮޅުވީ މެޗުގެ 61 ވަނަ މިނިޓުގައި ؛ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ތަޖުރިބާކާރު ފޯވަޑް ޗީރޯ އިމޯބިލޭ ޖެހި ލަނޑުންނެވެ.

މި މެޗުން މޮޅުވެ، ލާޒިއޯ ވަނީ 68 ޕޮއިންޓާ އެކު ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް ޔުވެންޓަސް އާއި ލާޒިއޯއާ ދެމެދު އޮތީ އެއް ޕޮއިންޓްގެ ފަރަގެކެވެ. ތާވަލްގެ ހަތަރު ވަނައިގައި އޮތް އިންޓަ އޮތީ ލާޒިއޯ އަށް ވުރެ ދެ ޕޮއިންޓް ފަހަތުގަ އެވެ.

އިޓާލިއަން ކަޕްގެ ފައިނަލްގައި ބުދަ ދުވަހު ފިއޮރެންޓީނާއާ ދެކޮޅަށް ކުޅޭ މެޗާއި، ޗެމްޕިއަންސް ލީގުގެ ފައިނަލް އިންޓަ އަށް ކުރިއަށް އެބައޮތެވެ. އެހެންކަމުން، ރޭ ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗަށް އިންޓާ ވަނީ ގިނަ ކުޅުންތެރިންތަކަކަށް އަރާމްކުރަން ދީފައެވެ.

ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނުނީ ފަހު ހާފުގައެވެ. މި މެޗުގައި ނަޕޯލީ އަށް ލަނޑު ޖަހައިދިނީ އަންދްރޭ ފްރޭންކް ޒަމްބޯ އަންގީސާ އާއި ޖިއޮވާނީ ޑި ލޮރެންޒޯ އަދި ޖިއަންލޫކާ ގައެޓާނޯ އެވެ.

އިންޓަގެ ހަމައެކަނި ލަނޑު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ރޮމެއޫ ލުކާކޫ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް އިންޓަގެ ތަޖުރިބާކާރު ޑިފެންޑަރު ރޮބާޓޯ ގަލިއަޑީނީ އަށް ރަތް ކާޑު ދެއްކުމާ ގުޅިގެން އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.