Advertisement

ގާނޫނު އަސާސީ އިސްލާހުކޮށް ރާއްޖެ ފެޑަރަލް ދައުލަތަކަށް ބަދަލުކުރަންޖެހޭ: ނަޝީދު

ހއ. ދިއްދޫގައި ރޭ ބޭއްވި ތިލައުތުރު އެވޯޑު ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ގާނޫނު އަސާސީ އިސްލާހުކޮށް ރާއްޖެ ފެޑަރަލް ދައުލަތަކަށް ބަދަލުކުރަންޖެހޭ: ނަޝީދު

ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، ދިވެހިރާއްޖެ ފެޑަރަލް ދައުލަތަކަށް ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅު ކައުންސިލުން ދިއްދޫގައި ރޭ ބޭއްވި ތިލައުތުރު އެވޯޑު ހަފުލާގައި، ވާހަކަ ދައްކަވަމުން ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތަކުގެ ގޮތުގައި ނަޝީދު ފާހަގަ ކުރެއްވީ ފެޑަރަލް ދައުލަތަކަށް ބަދަލުކުރުމުގެ އިތުރުން، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި މެންބަރުންގެ އަދަދު އިތުރު ނުވާނެ ގޮތަށް އަދި ހަމައެކަނި އަތޮޅު ދާއިރާތަކެއްގެ މައްޗަށް މަޖިލީސް އެކުލަވާ ނުލުމާއި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ލިޔުމެވެ.

"ދިވެހިންނަށް ހައްގު މިންވަރު ހޯދުމަށްޓަކައި، އަޅުގަނޑުމެންގެ ތަނަވަސް ތަރައްގީއެއް ލިބިގަތުމަށްޓަކައި އަޅަން ޖެހެނީ އެއްގަމު ތޮއްޓެއް ނޫން، އަޅަންޖެހެނީ މަލްޓި ޕާރޕަސް ހޯލެއް ނޫން، އަޅަންޖެހެނީ މަގެއް ވެސް ނޫން. ދޭންޖެހެނީ ބާރު. ދޫކޮށްލަންޖެހެނީ ކަސްތޮޅު. ހެދި ފޯދި ދިއުމަށް ފުރުސަތު ދޭންވީ. ފިތުރަތުގެ ނިޒާމަކީ ހެދި ފޯދި ދިއުން. އޮބެހެއްޓުން، ހިފެހެއްޓުން އެއީ ތަރައްގީ އަށް އެޅޭ އެންމެ ބޮޑު ހުރަސް. ބިމުގެ މިލްކުވެރިކަމާއެކުގައި ހަމަ ގައިމު ވެސް އެބަ ބޭނުންވޭ ދަރަންޏަށް ޒިންމާވުމުގެ ހައްގު،" ފެޑަރަލް ނިޒާމަކަށް ދައުލަތް ހިންގުން ފުރޮޅާލުމުގެ މުހިންމުކަން ފާހަގަ ކުރެއްވުމުގެ ގޮތުން ނަޝީދު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ ދެ ވަނަ މާއްދާ


ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިގްރާތީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެކެވެ. މި ދައުލަތުގެ ނަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއެވެ. މީގެ ފަހުން މި ގާނޫނުއަސާސީ ގައި ”ދިވެހިރާއްޖެ“ މި ނަމުން އިށާރާތްކުރެވެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށެވެ.

ދިއްދޫގައި ރޭ ބޭއްވި ތިލައުތުރު އެވޯޑު ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ހަމަނުޖެހުމެއްގެ އިންޒާރު

ގާނޫނު އަސާސީ، ހާއްސަކޮށް ލާމަރުކަޒީ ބާބުގައި ހުރި އުނިކަން ސާފުވާ ކަމަށާއި ރައްޔިތުންގެ ބާރު ދެމެހެއްޓުމަށް ލާމަރުކަޒީ ގާނޫނުގައި ދީފައިވާ ބާރު ގާނޫނު އަސާސީގައި ކަނޑައަޅަންޖެހޭ ކަމަށާއި ރަށްތަކުގެ މިލްކުވެރިކަން އެ އަތޮޅަކަށް ބޭއްވުމަށް ގާނޫނު އަސާސީގައި ލިޔަންޖެހޭ ކަމަށާއި އެ ބަދަލުތައް ނުގެނެސްފި ނަމަ ގިނަވާ ޝަކުވާ ހަމަނުޖެހުމަށް ބަދަލުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ހީނުކުރައްވާތީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ މައްސަލަ ނެތް ތަނެއްގެ ގޮތުގައި. ނޫން ވަރަށް ބައިވަރު ދާހިލީ މައްސަލަ މި ދިވެހިރާއްޖޭގައި އޮތީ އުފެދިފައި. ވަކިވެގަތުމުގެ ރޫހު. ބަގާވާތުގެ ކުލަވަރުތައް އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރޭ. ނުވިސްނައިފި ނަމަ އަޅުގަނޑުމެންނަށް މިކަންކަމުން ލިބޭނެ ގެއްލުން ވަރަށް ބޮޑު،" ނަޝީދު ވިދާޅުވި އެވެ.

"މިއަދު ފެޑަރަލް ނިޒާމަކަށް އަޅުގަނޑުމެން ބަދަލުވާން ނުވިސްނައިފި ނަމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ހަޔާތުގައި ވަރަށް ހިތާމަވެރި މަންޒަރެއް ފެނިދާނެއޭ. އިގުތިސޯދީ ތަނަވަސްކަމާއެކީގައި ފަލްސަފާއެއް ގަބޫލުކުރެވެން ފެށީމާ ދެން ކާމިޔާބު ހޯދަން ޒުވާނުން ނުނިކުންނާނެ ކަމަށް އިންސާނީ ތަޖުރިބާ އެއްވެސް، ގައުމުތަކުގެ ހަޔާތެއް ވެސް ދައްކާފައެއް ނެތް."

'ފެޑަރަލް ދިވެހިރާއްޖެ އަލިވިލާންޖެހޭކަން' މިހާރު ގަބޫލު ކުރައްވި ނަމަވެސް އެ ބާރު އެ މަނިކުފާނުގެ ވެރިކަމުގައި ވެސް ދިނުމަށް އުނދަގޫފުޅުވި ކަމަށް ވެސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ގައުމެއްގެ ތަރައްގީ ގުޅިފައި ވަނީ އުމްރާނީ ބިނާތަކެއްގެ ބިއްލޫރީގެ ދަޅަ، ޕްލާސްޓިކުގެ ވިދުވަރު ކަމަށް، ބޮކިތަކުގެ އަލިކަން ކަމަށް ހީވެ، އެ އަވާގައި ބައެއް ފަހަރު ގެއްލޭ ކަމަށް ނަޝީދު ފާހަގަ ކުރެއްވެވި އެވެ.

ހއ. ދިއްދޫގައި ރޭ ބޭއްވި ތިލައުތުރު އެވޯޑު ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު . -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


"ހަގީގަތުގައި އަޅުގަނޑުގެ ހިތަށް އަރަނީ ވަރަށް ދެރަ ގޮތެއް ވެސް ވެއްޖޭ،" ރަށްރަށުގައި ހިނގާ އުމްރާނީ މަޝްރޫއުތަކުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ނެތްކަން ފާހަގަ ކުރެއްވުމަށްޓަކައި ނަޝީދު ވިދާޅުވި އެވެ. ދިމާވެގެން އުޅޭ މައްސަލައަކީ އުމްރާނީ ތަރައްގީގެ މަޝްރޫއު އާއި ގޭބިސީ ގުޅާލުމުގެ ޕްރޮޖެކްޓު ނެތުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ ދޭތެރެ ހުސް. ފެޑަރަލް ނިޒާމަކަށް އަޅުގަނޑު ތާއިދު ކުރަނީ ތިބޭފުޅުން މި ދެންނެވި ހުސް ޖާގަ ފުރުއްވާނެތީ،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެއީ ކޮން ގޮތަކަށް ކަމެއް އެ މަނިކުފާނު ވިދާޅެއް ނުވެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައިވެސް ނަޝީދު ވަނީ ދިވެހިރާއްޖޭގެ ޔުނިޓަރީ ދައުލަތުގެ ސިފަ ބަދަލުކޮށް، ފެޑެރަލް ދައުލަތަކަށް ބަދަލުވާންޖެހޭކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ އެކު އުފެއްދި "ފިކުރެއްގެ ދިރުން" ފެކްޝަން، "ދަ ޑިމޮކްރޭޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއަކަށް ބަދަލުކުރަން ވަނީ ހުށަހަޅުއްވައިފަ އެވެ. ނަޝީދު މިވަގުތު އެމްޑީޕީގައި ހުންނެވި ނަމަވެސް، ޕާޓީ އުފައްދަނީ ނަޝީދުގެ މަޝްވަރާގެ މަތީންކަމަށް ޕާޓީ އުފައްދަން ހަރަކާތްތެރިވާ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.