Advertisement

ދުވާފަރު ހިޔާނާތުގެ މައްސަލާގައި ދައުވާނުކޮށް ނަސޭހަތް ދިނުމަށް ވިސްނަނީ

21 މޭ 2023 - 16:25 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ދުވާފަރު ކައުންސިލަރުން؛ ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުމަކަށް ދިޔުމަށް ޕީޖީން މަސައްކަތް ކުރަމުންދާ ކަން ހާމަކޮށްފި


ދުވާފަރު ހިޔާނާތުގެ މައްސަލާގައި ދައުވާނުކޮށް ނަސޭހަތް ދިނުމަށް ވިސްނަނީ

21 މޭ 2023 - 16:25 2

ރ. ދުވާފަރު ކައުންސިލުގެ މޮނިޓަރިން އޮޑިޓުން ފާހަގަވި ކޮރަޕްޝަން ތަހުގީގުކޮށް، އަށް މުވައްޒަފަކަށް ދައުވާކުރުމަށް ފޮނުވި މައްސަލާގައި ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުމަކަށް ދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ދުވާފަރު ކައުންސިލްގެ އަށް މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާ ގުޅިގެން، މައްސަލަ ތަހުގީގު ކުރުމަށް އޭސީސީގެ ޓީމެއް ދުވާފަރުގައި ހަރަކާތްތެރިވީ މިދިޔަ އޮގަސްޓު 25, އިން ސެޕްޓަމްބަރު 8, ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު ޑިއުޓީ ޕްރޮސެކިއުޝަނަށް މައްސަލަ ހުށަހަޅައިފައިވެ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "އަދަދު" ނޫހަށް މިއަދު ވިދާޅުވީ ނަސޭހަތުގެ އެއްބަސްވުން ނޫނީ އިއުތިރާފުގެ އެއްބަސްވުން ގާއިމުކޮށްގެން މައްސަލަ ކުރިއަށް ގެންދިޔުމަށް އެ އޮފީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިއުތިރާފު އެއްބަސްވުމަކީ ކުށަށް އިއުތިރާފުވެ އެކުލަވާލެވޭ އެއްބަސްވުމުގެ ދަށުން ދައުވާގެ އަދަބު ލުއިކޮށްދިނުމަށް ދައުލަތުން އެއްބަސްވުމެވެ. ނަސޭހަތުގެ އެއްބަސްވުމަކީ ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތް ދީފައި މައްސަލަ ނިންމާލުމެވެ.

"މި ދެ އޮޕްޝަން ވެސް ޕީޖީ އޮފީހުން މި ގެންދަނީ ބަލަމުން، އަދި ވަކި ގޮތެއް ނުނިމޭ، ޕީޖީ އޮފީހުގެ ވިސްނުން ގެންގުޅެނީ އެއިން ކޮންމެ ވެސް އެއް ގޮތަކަށް މައްސަލަ ނިންމުމަށް،" ޝަފީއު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާ


(ހ) ތަހްގީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުސަތު ދީ، މުޖުތަމައަށް ރުޖޫއަވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. (ށ) ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމަންވާނީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ އެގޮތަށް އެ މައްސަލަ ނިންމުނ ކަމުގައިވާނަމައެވެ. އެގޮތުން، މި ގާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަންކަމުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ރިއާޔަތްކުރަންވާނެއެވެ.

ދައުވާ ކުރުމަށް ފޮނުވާފައިވާ މުވައްޒަފުން

  1. ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް
  2. ދުވާފަރު ކައުންސިލްގެ ނާއިބު ރައީސް އިޒްމީލް އަހުމަދު
  3. ދުވާފަރު ކައުންސިލްގެ އޭރުގެ މެންބަރު އަހުމަދު ސަމޫހު
  4. ދުވާފަރު ކައުންސިލްގެ މެންބަރު މުހައްމަދު ޝާމް
  5. ދުވާފަރު ކައުންސިލްގެ މެންބަރު ޒުހުދާ އާދަމް
  6. ދުވާފަރު ކައުންސިލްގެ މެންބަރު އާމިނަތު ސޮލާހު
  7. ދުވާފަރު ކައުންސިލްގެ ސެކްރަޓަރީ ޖެނަރަލް މުހައްމަދު ނާސިހު
  8. ދުވާފަރު ކައުންސިލްގެ އޭރުގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ

އެ އެންމެންގެ މައްޗަށް ވެސް ދައުވާކުރުމަށް އެދުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މައްސަލައިގެ ފަސްފަހަތް

މޮނިޓަރިން އޮޑިޓުން ފާހަގަވި ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން އެ ރަށު ކައުންސިލްގެ މެމްބަރުން ސަސްޕެންޑުކޮށްފައިވެ އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތައްޔާރުކުރި މޮނިޓަރިން ރިޕޯޓުގައި ވަނީ ކައުންސިލުން ނުގަވާއިދުން ކުރަމުން އަންނަ ކަންކަމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައި ހުރި 34 ކަމެއް ފާހަގަކޮށް، އިސްލާހުކުރަން ލަފާދީފަ އެވެ. އަދި ކޮރަޕްޝަނަށް ތުހުމަތުވާ މައްސަލަ ބަލައިދިނުމަށް އެދި އޭސީސީއަށް ހުށަހެޅީ ވެސް އެލްޖީއޭ އިންނެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް މަތިކޮށްފައިވާ ޒިންމާ އަދާނުކުރުމާއި އޮންނަ އުސޫލުން ބޭރުން ކަންކަން ކުރުމުގެ އިތުރުން ގާނޫނާއި ގަވާއިދުތަކުގައި ބުނާ ގޮތަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ޖަވާބުދާރީ ނުވާކަން ފާހަގަކުރި އެވެ. އަދި ކޮރަޕްޝަނަށް ފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައި ހުރި ކަން ވެސް ފާހަގަކުރި އެވެ.

ދުވާފަރު ކައުންސިލްގެ މޮނިޓަރިން ރިޕޯޓުން އެނގޭ ގޮތުގައި އުސޫލުން ބޭރުން ކައުންސިލު މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ކައުންސިލުގެ އެހެނިހެން މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރި ފައިސާ އާއި ނަގުދު ފައިސާގެ އަދަދު 2.1 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ކައުންސިލުގެ ނައިބު ރައީސުން ފެށިގެން އިސް މުވައްޒަފުންނާއި ކޮންޓްރެކްޓް ސްޓާފުން ވެސް ހިމެނެ އެވެ. އެކަމަކު މި ފައިސާގެ ހަރަދުވީ ގިނަ ކަންކަމުގެ ތަފުސީލެއް ވެސް ލިޔެކިޔުމުން އެނގޭކަށް ނެތެވެ.

އޭގެ އިތުރުން ކައުންސިލު ހިންގަން ކަނޑައަޅާފައިވާ އިދާރީ ހަމަތަކާ އެއްގޮތަށް ކައުންސިލު ނުހިންގާ މައްސަލަތައް ވެސް ގިނަ އެވެ. މި މައްސަލަތަކުގެ ތެރޭގައި ގިނައީ ލާމަރުކަޒީ އާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކައުންސިލުތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަމެވެ.

ހަމަ އެހެންމެ މުސާރަ އާއި އިނާޔަތް ދިނުމާއި ޗުއްޓީ ދުވަސްތައް ނެގުމުގައި ވެސް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. ގިނަ ހަފުތާތަކުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެ ގަވާއިދުން ބާއްވަން ޖެހޭ ޖަލްސާ ވެސް ނުބާއްވަ އެވެ.