Advertisement

ކެޕްޓަން ޗެތުރީ ވެސް ހިމަނައިގެން އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕް އަށް ވަރުގަދަ ސްކޮޑެއް

21 މޭ 2023 - 14:32 0


ކެޕްޓަން ޗެތުރީ ވެސް ހިމަނައިގެން އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕް އަށް ވަރުގަދަ ސްކޮޑެއް

21 މޭ 2023 - 14:32 0

އަންނަ މަހުގެ ފަހުކޮޅު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް އިންޑިއާގެ ގައުމީ ޓީމުގެ 27 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފި އެވެ.

ޖޫން 21 އިން ޖުލައި 4 އަށް އިންޑިއާގެ ބެންގަލޫރުގައި އޮންނަ މުބާރާތުގައި މިއަހަރު އަށް ގައުމުން ވާދަކުރާނެ އެވެ. އެއީ ސާފް ސަރަހައްދުގެ ހަ ގައުމާއި ސާކް ސަރަހައްދުން ބޭރުގެ ޓީމްތަކުގެ ތެރެއިން ދައުވަތުދީގެން ވާދަކުރާ ކުވެއިތު އަދި ލެބަނަން އެވެ.

މުބާރާތުގެ ގުރުއަތުލުން މިދިޔަ ހަފްތާގައި ބައްވާފައިވާއިރު މުބާރާތް ބާއްވާ ގައުމު އިންޑިއާ ހިމެނެނީ ކުވެއިރު، ނޭޕާލް އަދި ޕާކިސްތާނާއިއެކު ގްރޫޕް އޭގަ އެވެ. ގްރޫޕް ބީގައި އޮތީ ލެބަނަން، ދިވެހިރާއްޖެ، ބޫޓާން އަދި ބަންގްލަދޭޝް އެވެ.

މުބާރާތަށް ޓީމްތަކުން ތައްޔާރީތައް ފަށާފައިވާއިރު އިންޑިއާ އިން ވަނީ 27 ކުޅުންތެރިންގެ ސްކޮޑެއް އިއުލާންކޮށްފަ އެވެ. 41 ކުޅުންތެރިންނާއިއެކު މިދިޔަ ހަފްތާގައި ތަމްރީންތައް ފަށައި ކޯޗު އިގޯ ސްޓިމަކް ވަނީ މިހާރު 27 ކުޅުންތެރިންނަށް ސްކޮޑު މަދުކޮށްފަ އެވެ.

ޓީމުން ބާކީވި ކުޅުންތެރިންގެ ތެރޭގައި 2021ގެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ފޯވާޑް މަންވީރު ސިންގް ހިމެނެ އެވެ. އޭނާގެ އިތުރުން ދެން ޓީމުން ބާކީވި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މިޑްފިލްޑަރު ޔާސިރު މުހައްމަދު އާއި ބަދަލު ކީޕަރު ވިޝަލް ކެއިތު އަދި ގެލެން މާޓިން ހިމެނެ އެވެ. އަނިޔާގެ ސަބަބުން ޓީމާ ވަކިވާން ޖެހުނު މި ކުޅުންތެރިންނަކީ 2021ގެ ޓީމްގައި ހިމެނުނު ކުޅުންތެރިންނެވެ.

އިންޑިއާގެ ގައުމީ ޓީމުގައި މިފަހަރު ހިމެނުނު ކުޅުންތެރިންނަށް ބަލާއިރު 38 އަހަރުގެ ކެޕްޓަން ސުނިލް ޗެތުރީވެސް ހިމެނެ އެވެ. މިދިޔަ މަހު ޗެތުރީގެ ފިޓްނަސްއާ ގުޅޭގޮތުން ސުވާލު އުފެދުނު ނަމަވެސް އޭނާ މިހާރު ހުރީ ފިޓުކޮށެވެ.

އެ ގޮތުން، 2021 ވަނަ އަހަރުގެ މުބާރާތުގައި ނުކުޅެވުނު ކުޅުންތެރިންގެ ތެރެއިން ޓީމްގެ ވައިސް ކެޕްޓަން ޑިފެންޑަރު ސަންދޭޝް ޖިންގަން މިފަހަރު ސްކޮޑުގައި ވަނީ ހިމަނާފަ އެވެ.

މިވަގުތު އިންޑިއާގެ ޓީމް ތައްޔާރުވަމުން އަންނަނީ ޖޫން 9-18 އަށް އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އިންޓަކޮންޓިނެންޓަލް ކަޕަށެވެ. މި މުބާރާތް ނިމުމަށްފަހު ޓީމު އެއްކޮށް ބެންގަލޫރަށް ދާނެ އެވެ.

އިންޑިއާގެ ގައުމީ ޓީމުން ކުރިން ނިންމައިގެން ތިބީ ސާފް ޗެމްޕިއަންޝިޕުގައި އެގައުމުގެ ޖޫނިއާ ޓީމް ވާދަކުރާށެވެ. ނަމަވެސް ކުވެއިތާއި ލެބަނަން މި މުބާރާތުގައި ވާދަކުރާ ގޮތަށް ހަމަޖެހުމުން ކޯޗު ސްޓިމަކް ބޭނުންވީ ސީނިއާ ޓީމް މި މުބާރާތުގައި ވާދަކުރާށެވެ. ސަބަބަކީ އަންނަ އަހަރުގެ އޭޝިއަން ކަޕަށް އޭޓީމުން ތައްޔާރުވަމުން ދިޔުމާއި، މި މުބާރާތުގެ ސަބަބުން ޓީމަށް ރަނގަޅު މެޗުތަކެއް ކުޅެލަން ފުރުސަތު ލިބުމެވެ.