Advertisement

ސޮސިއެޑާޑުން ލީގު ޗެމްޕިއަން ބާސެލޯނާ ބަލިކޮށްފި

21 މޭ 2023 - 04:22 0


ސޮސިއެޑާޑުން ލީގު ޗެމްޕިއަން ބާސެލޯނާ ބަލިކޮށްފި

21 މޭ 2023 - 04:22 0

ބާސެލޯނާ (މެއި 21) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ރެއާލް ސޮަސިއެޑާޑުން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބާސެލޯނާ 2-1 އިން ބަލިކޮށްފި އެވެ.

ރޭގެ މެޗަށް ފަހު ބާސެލޯނާ އިން ވަނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ލީގު ތަށި އުފުލާލައިފަ އެވެ. ބާސެލޯނާ އިން 2019 ގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމު އެއް ވަނައިގައި މި ވަގުތު އޮތީ 35 މެޗުން 85 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 34 މެޗުން 71 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ ކޮޅަށް ރޭގެ މެޗުގައި ސޮސިއެޑާޑުން ވަނީ ފަސް ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. ސޮސިއެޑާޑަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު މިކޭލް މެރީނޯ ވަނީ އެ ޓީމަށް ކުޅޭ ފޯވާޑް އަލެކްސަންޑާ ސޯލޯތު ދިން ބޯޅައަކުން ގޯލު ޖަހައިފަ އެވެ. މިއީ އޭރިއާތެރެއިން މެރީނޯ ހަމަޖެހިލައިފައި ޖެހި ގޯލެކެވެ.

ނަތީޖާ ހަމަހަމަކުރަން ބާސެލޯނާ އިން މަސައްކަތް ކުރި ނަމަވެސް ދެން ވެސް މި މެޗުގައި ފެނިގެންދިޔައީ ސޮސިއެޑާޑްގެ ގޯލެކެވެ. ސޮސިއެޑާޑަށް ލީޑުފުޅާކޮށްދިނީ މެޗުގެ 72 ވަނަ މިނިޓްގައި ސޯލޯތު އެވެ.

ބާސެލޯނާ އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 89 ވަނަ މިނިޓްގަ އެވެ. ބާސެލޯނާގެ ފެރާން ޓޮރޭޒް ދިން ބޯޅައަކުން މި ލަނޑު ޖެހީ ރޮބަޓް ލެވަންޑޯސްކީ އެވެ. އިތުރު ގޯލެއް ޖަހައި، އެއްވަރުކުރަން ބާސެލޯނާ އިން އުޅުނު ނަމަވެސް އެކަން ކާމިޔާބުނުވެ، މެޗުން ބަލިވީ އެވެ.

ސޮސިއެޑާޑް ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ބަލިވެފައިނުވާއިރު، އެ ޓީމު އޮތީ 35 މެޗުން 65 ޕޮއިންޓް ހޯދައިގެން ލީގުގެ ހަތަރު ވަނައިގަ އެވެ.