Advertisement

ތަކުރާރުކޮށް ނަން އިއްވުމުން ވެސް ރޮޒައިނާ ތަޅުމުން ނުނިކުތް

18 މޭ 2023 - 10:28 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް؛ ނަން އިއްވުމުން ތަޅުމުން ނިކުންނަން އޭނާ ވަނީ ދެކޮޅު ހަދާފައި-- ފޮޓޯ: މަޖިލިސް


ތަކުރާރުކޮށް ނަން އިއްވުމުން ވެސް ރޮޒައިނާ ތަޅުމުން ނުނިކުތް

18 މޭ 2023 - 10:28 0

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން، އައްޑޫ މީދޫ ދާއިރާގެ ރޮޒައިނާ އާދަމްގެ ނަން ތަކުރާރުކޮށް އިއްވުމުން ވެސް ނުނިކުތުމުން ޖަލްސާ އަލުން ފައްޓައިފި އެވެ.

ރޮޒައިނާގެ ނަން ރިޔާސަތުން އިއްވީ އެމްޑީޕީން ވަކިވެފައިވާ މަޖިލިސް މެންބަރުންނަށް އެ ޕާޓީގެ ބަހުސް ފުރުސަތު ދޭތީ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެންބަރުން މަޖިލީހުގެ ދަފްތަރުން ވަކިކުރާނީ އަމިއްލައަށް އެކަން މަޖިލީހަށް އެންގުމުން ކަމަށެވެ. އަދި އެ މެންބަރުންނަށް ފުރުސަތު ދީފައިވަނީ އެ އުސޫލުންނެވެ.

އެހެންނަމަވެސް, މެންބަރުން އަޑު ގަދަ ކުރެއްވުމުން ވެސް ގަވައިދުގައި އެކަން އޮތް ގޮތް ރިޔާސަތުން ސާފުކޮށްދީފައި ނުވެ އެވެ.

އެކަމާ މެދު ފުރަތަމަ ނިޒާމީ މައްސަލަ ނެންގެވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ. އޭނާ ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ބަހުސް ކުރައްވަމުން ގެންދަވަނީ ކޮން ވަގުތެއްގައިތޯ ސުވާލު ކުރަން އެދިފަ އެވެ.

ނިޒާމީ މައްސަލަ ބަލައިނުގަތުމާ އެކު، މަޖިލީހުގައި ތިއްބަވާ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލައި އަޑުގަދަ ކުރަން ފަށައިފަ އެވެ. އެކަމާ ދެކޮޅަށް ރޮޒައިނާ އަޑުގަދަ ކުރައްވަން ފެއްޓެވުމުން، ނަޝީދު ވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތިން ފަހަރު ނަސޭހަތް ދިނުމަށް ފަހު ނަން އިއްވައިފަ އެވެ.

"ވާހަކައެއް ނުދެއްކޭނެ [ފިކުރެއްްގެ ދިރުން] މެންބަރުންނަކަށް، ނުނިކުންނާނަން، ނުނިކުންނާނަން،" ރޮޒައިނާ އަޑުގަދަ ކުރައްވައި ވިދާޅުވި އެވެ.

ރޮޒައިނާގެ ނަން އިއްވުމަށް ފަހު އޭނާ ތަޅުމުން ނިކުތުމަށް ދެކޮޅު ހެއްދެވުމުން ހުސް ވަގުތުކޮޅަކަށް ދިޔަ އެވެ. އެ މައްސަލާގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުالله ސަނީފް އަޑުގަދަކުރުމުން އޭނާގެ ނަން ވެސް ވަނީ އިއްވާފަ އެވެ. އޭނާ ވަނީ ތަޅުމުން ނުކުމެފަ އެވެ.

އެހެންނަމަވެސް، 10 މިނިޓުގެ ހުސް ވަގުތަކަށް ފަހު ވެސް ނުނިކުތުމުން ޖަލްސާ ވަނީ އަލުން ފައްޓައިފަ އެވެ.

އަލުން ޖަލްސާ ފެއްޓެވުމަށް ފަހު ވެސް ނަޝީދު ވަނީ ރޮޒައިނާއަށް ނަސޭހަތްތެރިވެ، ދެ ވަނަ ފަހަރަށް ނަން އިއްވައިފަ އެވެ.

"މެންބަރު އަނެއްކާ ވެސް ގަވައިދާ ހިލާފަށް ތި އަމަލު ކުރެއްވީ، ފުރުސަތު ނާރުވަނިސް ވާހަކަ ދެއްކެވުން،" ނަޝީދު ވިދާޅުވި އެވެ.

ރޮޒައިނާ ނިކުތުމަށް ދެކޮޅު ހެއްދެވުމުން ނަޝީދު ވަނީ "ގަވައިދުގެ ބޭނުމަށް" ރޮޒައިނާ ތަޅުމުގައި ނެތް ކަމަށް ނިންމައި ޖަލްސާ އަލުން ފަށައިފަ އެވެ.

"ގަވައިދުގެ ބޭނުމަށް އަޅުގަނޑު މިދެކެނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު މިތަނުގައި ނެތް ކަމަށް،" އަލުން މެންބަރު ޔާސިރަށް ފުރުސަތު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

މިގޮތަށް ގަވައިދުގެ ބޭނުމަށް، މެންބަރު ނެތް ކަމަށް ބަލައި ކުރިއަށް ގެންދެވޭނެ ކަމަށް ލަފާ ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ގަސްދެއް ނުކުރަން ގަދަ ބާރުން އުފުލާލައިގެން ގެންދާކަށް އަދި، އަދި، އެކަމަކު އެކަން ވެސް ކުރާން ޖެހިއްޖެއްޔާ ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 36 ވަނަ މާއްދާގައި ބުނާ ގޮތުގައި މެންބަރަކު ވަކިވާނަމަ އެކަން އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެ އެވެ.