18 މޭ 2023 - 10:12 0
އައިޝަތު ނުޒުހާ
18 މޭ 2023 - 10:12 0
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއިން އިސްތިއުފާ ދިން މަޖިލިސް މެންބަރުންނަށް، އެ ޕާޓީގެ ބަހުސުގެ ވަގުތު ދޭތީ މަޖިލިސް ތަޅުން ހޫނުވެ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ނަން އިއްވައިފި އެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފައި ވަނިކޮށް، ނަޝީދު ފެކްޝަނަށް ނިސްބަތްވާ އިތުރު 12 މެންބަރަކު ވަނީ އެމްޑީޕީން އަމިއްލައަށް އިސްތިއުފާ ދީފަ އެވެ.
އެހެންނަމަވެސް، މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެންބަރުން މަޖިލީހުގެ ދަފްތަރުން ވަކިކުރާނީ އަމިއްލައަށް އެކަން މަޖިލީހަށް އެންގުމުން ކަމަށެވެ.
އެފަދައިން ވިދާޅުވެ، ނަޝީދު ވަނީ "ފިކުރެއްގެ ދިރުމުގެ މެންބަރުންނަށް އެމްޑީޕީއަށް ލިބިދޭ ބަހުސް ވަގުތުން ފުރުސަތު ދީފަ އެވެ.
އެކަމާ މެދު ފުރަތަމަ ނިޒާމީ މައްސަލަ ނެންގެވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ. އޭނާ ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ބަހުސް ކުރައްވަމުން ގެންދަވަނީ ކޮން ވަގުތެއްގައިތޯ ސުވާލު ކުރަން އެދިފަ އެވެ.
ނިޒާމީ މައްސަލަ ބަލައިނުގަތުމާ އެކު، މަޖިލީހުގައި ތިއްބަވާ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލައި އަޑުގަދަ ކުރަން ފަށައިފަ އެވެ.
މެންބަރު އިބްރާހިމް ރަޝީދަށް ފަހު ދެން ނަޝީދު ފުރުސަތު ދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްުދުއްލަތީފަށެވެ. އެއީ ވެސް ފިކުރެއްގެ ދިރުމުގެ މެންބަރެކެވެ.
އެކަމާ ދެކޮޅަށް ރޮޒައިނާ އަޑުގަދަ ކުރައްވަން ފެއްޓެވުމުން، ނަޝީދު ވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތިން ފަހަރު ނަސޭހަތް ދިނުމަށް ފަހު ނަން އިއްވައިފަ އެވެ.
އެހެންނަމަވެސް، ތަޅުމުން ނުނިކުންނާނެ ކަމަށް ރޮޒައިނާ ފާޅުގައި ވިދާޅުވެ ދެކޮޅު ހެއްދެވުމާއެކު މަޖިލީހުގެ ޖަލްސާ ވަނީ މެދުކަނޑާލައިފަ އެވެ.
"ވާހަކައެއް ނުދެއްކޭނެ [ފިކުރެއްްގެ ދިރުން] މެންބަރުންނަކަށް، ނުނިކުންނާނަން، ނުނިކުންނާނަން،" ރޮޒައިނާ އަޑުގަދަ ކުރައްވައި ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 36 ވަނަ މާއްދާގައި ބުނާ ގޮތުގައި މެންބަރަކު ވަކިވާނަމަ އެކަން އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެ އެވެ.
މެންބަރުން ވަކިވިކަން އީސީން މަޖިލީހަށް އެންގިނަމަވެސް، ނަޝީދު ވިދާޅުވާ ގޮތުގައި މެންބަރުން އަމިއްލައަށް ނާންގާ ހިނދަކު އެ މެންބަރުން ތިބޭނީ އެމްޑީޕީގެ ދަފްތަރުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment