Advertisement

ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތް: ދީމާގެ ހަތަރު މެޑަލާ އެކު ރާއްޖެ އަށް ޖުމްލަ އެކު އަށް މެޑަލް

18 މޭ 2023 - 09:51 0

މިދިޔަ އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ މުބާރާތުގެ ތެރެއިން ރާއްޖޭގެ ދީމާ.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތް: ދީމާގެ ހަތަރު މެޑަލާ އެކު ރާއްޖެ އަށް ޖުމްލަ އެކު އަށް މެޑަލް

18 މޭ 2023 - 09:51 0

އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގައި އިއްޔެ ނިމުނު ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރަތުން ރާއްޖޭގެ ގައުމީ ޖޫނިއާ ދެ ޓީމުން އަށް މެޑަލް ހޯދައިފި އެވެ.

ސާކު ސަރަހައްދުގެ މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ އިޓާނަގަރުގައި ފެށި މުބާރާތުގައި ސާކް ސަރަހައްދުގެ ހަ ގައުމަކުން އަންނަނީ ވާދަކުރަމުންނެވެ. އެއީ އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ބޫޓާން، ސްރީ ލަންކާ އަދި ރާއްޖެ އެވެ.

ރާއްޖެއިން މުބާރާތުގައި ޖުމްލަ އަށް މެޑަލް ހޯދިއިރު އޭގެ ތެރޭގައި ހިމެނެނީ ދެ ރިހި މެޑައްޔާއި ހަ ލޯ މެޑައްޔެވެ. އަށް މެޑަލްގެ ތެރެއިން ފަސް މެޑައްޔަކީ ޑަބަލްސް އިވެންޓުތަކުން ހޯދި މެޑަލްތަކެވެ. އެއް މެޑަލް ސިންގަލްސް އިވެންޓުން ހޯދިއިރު، ދެ މެޑަލް ލިބުނީ ޓީމް އިވެންޓުންނެވެ.

ރާއްޖެ އަށް ރިހި މެޑަލް ލިބުނީ ޖޫނިއާ ބައިގެ މިކްސް ޑަބަލްސް އިވެންޓުންނާއި، ޖޫނިއާ ބައިގެން އަންހެން ޑަބަލްސް އިވެންޓުންނެވެ. މިކްސް ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދީ ފާތިމަތު ދީމާ އަލީ އާއި އަޚްޔާރު އަހުމަދު ހާލިދު އެވެ. އަންހެން ޑަބަލްސް ރިހި މެޑަލް ހޯދީ ދީމާ އާއި މިޝްކާ މުހައްމަދު އިބްރާހިމްގެ ޕެއާ އެވެ.

ޑަބަލްސް އިން ބްރޮންޒް މެޑަލް ލިބުނު ޕެއާތަކަކީ ފިރިހެން ކުދިންގެ ޖޫނިއާ ކެޓަގަރީ އާއި ކެޑޭޓް އަންހެން ޑަބަލްސް އަދި ކެޑޭޓް ފިރިހެން ޑަބަލްސް އެވެ. ޖޫނިއާ ފިރިހެން ޑަބަލްސް ބްރޮންޒް މެޑަލް ލިބުނީ އަޚްޔާރު އާއި ތާބިން ސުޖާއުގެ ޕެއާ އަށެވެ. ކެޑޭޓް ފިރިހެން ޑަބަލްސް ބްރޮންޒް ލިބުނީ އުމެއިރު މުހައްމަދު މުއިއްޒު އާއި އޯން އިބްރާހިމް ލަތީފުގެ ޕެއާ އަށެވެ. ކެޑޭޓް ބައިގެ އަންހެން ޑަބަލްސް ބްރޮންޒް މެޑަލް ލިބުނީ މިޝްކާ އާއި އައިޝަތު ޒާރާ ސާހިލްގެ ޕެއާ އަށެވެ.

މުބާރާތުގެ ސިންގަލްސް އިވެންޓަކުން ރާއްޖެއަށް މެޑަލް މިފަހަރު ހޯދައިދިނީ ހަމައެކަނި ދީމާ އެވެ. ދީމާ ވަނީ ޖޫނިއާ ބައިގެ ސިންގަލްސް އިވެންޓުން ބްރޮންޒް މެޑަލް ހޯދާފަ އެވެ.

މީގެ އިތުރުން ޖޫނިއާ ފިރިހެން ޓީމާއި، ޖޫނިއާ އަންހެން ޓީމުންވަނީ މިފަހަރުގެ މުބާރާތުގެ ޓީމް އިވެންޓުންވެސް ބްރޮންޒް ހޯދާފަ އެވެ.

ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަކީ ރާއްޖޭގެ ޖޫނިއާ ކުޅުންތެރިން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ ސަބަބުން ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބި ބައިނަލްއަގްވާމީ މައިދާނަށް ކުޅުންތެރިން ލޯ ހުޅުވެ އެވެ. މިހާރު ރާއްޖޭގެ ގައުމީ ޓީމްގައި ހިމެނޭ ހުރިހާ ކުޅުންތެރިންވެސް ވަނީ ސަރަހައްދީ ޖޫނިއާ މުބާރާތްތަކުގައި ވާދަކޮށް މީގެ ކުރިން ކާމިޔާބީތައް ހޯދާފަ އެވެ.