Advertisement

އައިއޯއައިޖީ 2023: މި ފަހަރު ވެސް ސިންގަލްސް ރަން މެޑަލް ހޯދީ ދީމާ!

1 ސެޕްޓެންބަރު 2023 - 21:18 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ފައިނަލް މެޗަށް ފަހު ދީމާ އުފާފާޅުކުރަނީ.--- ފޮޓޯ؛ އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އައިއޯއައިޖީ 2023: މި ފަހަރު ވެސް ސިންގަލްސް ރަން މެޑަލް ހޯދީ ދީމާ!

1 ސެޕްޓެންބަރު 2023 - 21:18 0

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީި)ގެ ޓޭބަލް ޓެނިހުގެ އަންހެން ސިންގަލްސް ރަން މެޑަލް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ދީފާއުކޮށްފި އެވެ.

އެންމެ ފަހުން، އައިއޯއައިޖީ ބޭއްވި ފަހަރު، 2019 ގައި ވެސް ސިންގަލްސް އިން ރަން މެޑަލް ހޯދި ދީމާ މި ފަހަރު ވެސް އެ މެޑަލް ދިފާއުކުރީ ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ބަލިކޮށްގެންނެވެ. ފޯރިގަދަ އަދި ވާދަވެރި ފައިނަލް ދީމާ ކާމިޔާބުކުރީ 4-2 ސެޓުންނެވެ.

ފައިނަލް މެޗު ފަށައިގެން ފުރަތަމަ ސެޓު ކާމިޔާބުކުރީ 11-2 އިން ރަފާ އެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓު 12-14، 9-11، އަދި 7-11 އިން ކާމިޔާބުކޮށް ދީމާ ލީޑު ނެގި އެވެ. ފަސް ވަނަ ސެޓު ރަފާ ހޯދީ 11-8 އިންނެވެ. ޖެހިގެން އައި ސެޓުގައި ރަނގަޅަށް ކުޅެ ދީމާ ވަނީ 8-11 އިން ކާމިޔާބުކޮށް މުބާރާތުގެ ސިންގަލްސް ރަން މެޑަލް ހޯދައިފަ އެވެ.

މިއީ ދީމާ މި އަހަރު ގެ ގޭމްސްގައި ހޯދި ތިން ވަނަ ރަން މެޑައްޔެވެ. އޭނާ ވަނީ އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި އަންހެން ޓީމު އިވެންޓުގެ ރަން މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން މިކްސް ޑަބަލްސް ލޯ މެޑަލް ވެސް އޭނާ ހޯދި އެވެ.

ރަފާ ވެސް ވަނީ މި އަހަރު ތިން ރަން މެޑަލް ހޯދައިފަ އެވެ. އެއީ ދީމާއާ އެކު ހޯދި ޑަބަލްސް ރަން މެޑައްޔާއި، ޓީމް އިވެންޓުގައި ހޯދި ރަން މެޑަލްގެ އިތުރުން، މޫސާ މުންސިފް އަހުމަދުއާ އެކު ކުޅެ ހޯދި މިކްސް ޑަބަލްސް ރަން މެޑައްޔެވެ. ދެން ރަފާ އަށް ލިބުނީ މިއަދުގެ ފައިނަލުން ބަލިވުމުން ރިހި މެޑަލް އެވެ.

އައިއޯއައިޖީގައި މިއަދު ކުޅުނު މެޗުގެ ތެރެއިން ރަފާ.--- ފޮޓޯ: ރާއިފް ޔޫސުފް/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


މުބާރާތުގެ ފައިނަލަށް ދެ ކުޅުންތެރިން ދަތުރުކުރީ ވެސް މޮޅު ކުޅުމެއް ދައްކައިގެންނެވެ. ސެމީގައި ދީމާ ވަނީ ސީދާ ހަތަރު ގޭމުން މޮރީޝަސްގެ ކީނޫ ރުގިއްޔާ ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 11-6، 11-،4، 11-3 އަދި 12-10 އިންނެވެ. ކުއާޓާ ފައިނަލުގައި އޭނާ ވަނީ މޮރީޝަސްގެ ޑެސްކަން އިވާނާވެސް ސީދާ ހަތަރު ގޭމުން ބަލިކޮށްފަ އެވެ. އެއީ 11-7، 11-7، 11-2 އަދި 11-7 އިންނެވެ.

ރަފާ އަށް ބަލާއިރު އޭނާ ވަނީ ސެމީ ފައިނަލުގައި ފަހަތުން އަރައި މޮރީޝަސްގެ ޖާލިމް ނަންދޭޝް 4-1 ގޭމުން ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ރަފާ ގެންދިޔައީ 7-11، 12-10، 11-6، 11-9 އަދި 11-9 އިންނެވެ. ކުއާޓާ ފައިނަލުގައި އޭނާ މޮޅުވީ މޮރިޝަސްގެ ހޮސެނައްލީ ތައްޔިބާ އަތުން 4-2 އިންނެވެ.

މެޗުގެ ސެޓުތައް ރަފާ ގެންދިޔައީ 11-9، 14-12، 8-11، 11-4، 9-11 އަދި 11-4 އިންނެވެ.

މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ފަސް ކުޅުންތެރިއަކު ގްރޫޕް ސްޓޭޖް ފަހަނައަޅައި ގަދަ 32 އަށް ދަތުރުކުރި އެވެ. މި ގޮތުން ރާއްޖޭގެ ލައިސާ ފަތުހުﷲ އިސްމާއިލް ގަދަ ކެޓީ ގަދަ 16 އިންނެވެ. ގަދަ 16 ގައި އޭނާ ބަލިވީ މޮރީޝަސްގެ ހޮސެނައްލީ އަތުން ސީދާ ހަތަރު ސެޓުންނެވެ.

ގަދަ 16 ގައި ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހިމް ބަލިވީ ރިޔޫނިއަންގެ އަލްމެރީ ސޮލީން އަތުން 4-3 ސެޓުންނެވެ. ރާއްޖޭގެ ޖުމާނާ ނިމާލް ގަދަ 16ގައި ބަލިވީ މޮރީޝަސްގެ ކީނޫ ރުގިއްޔާ އަތުން 4-2 ސެޓުންނެވެ.