Advertisement


ފުރަތަމަ ބަޔާއި ގުޅޭ

އޭނާގެ ނޭފަތް ދީމާގެ މޫނުގައި ޖައްސާލިއެވެ. ދީމާ ވެސް ލަސްލަހުން ފުން ނޭވާތައް ބޭރުކުރަމުން ދިޔައެވެ. ހުރަސްކޮށް ބަނދެލައިފައިވާ ދެއަތުން ރިޔާޝްގެ މޫނުގައި ފިރުމައިލިއެވެ. ލަސްލަހުން އޭނާގެ ތުންފަތް ހަރަކާތްކޮށްލިއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ. މަޑުމަޑު ތުރުތުރަކާއެކު އޭނާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ދީމާ ބަޑިފަޅައިގެން ދިޔައެވެ. މަޑުމަޑުން ރިޔާޝްގެ މޭގައި އޭނާގެ މޫނު ޖައްސާލިއެވެ. އެ ހިމާޔަތަށް އޭނާއަށް އެދެވުނީ އިޚްތިޔާރުން ބޭރުގައެވެ.

އިރުކޮޅެއް ވަންދެން ދެމީހުން އެ ގޮތުގައި ގަނޑުވެފައި ތިއްބެވެ. ރޯން ވެސް ނޭނގިފައެވެ. ހަރަކާތެއް ކޮށްލާން ވެސް ނޭނގިފައެވެ. ޝަކުވާތަކާއި އިހުސާސްތައް ހުރީ ހުއްޓިފައެވެ. އެއްވެފައެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. ކުރާނެ

ކުއްލިއަކަށް ރިޔާޝްގެ ބުރަކަށްޓަށް ހަމަލާއެއް އަމާޒުވިއެވެ. އޭނާގެ އަނގައިން ވޭނީ އާޚެއް ނުކުތެވެ. ދީމާއާއި ރިޔާޝާއެކުގައި ވެއްޓުނެވެ. ލަސް ހަރަކާތްތަކަކާއެކު ރިޔާޝް ތެދުވިއެވެ. ދީމާއަށް އޮވެވުނީއެވެ. ވެއްޓި ޖެހުނު ގޮތުން ތަދުވެގެންނެވެ. އޭނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އޭރު އެ މީހާ ރިޔާޝާ ކުރިމަތިލަނީއެވެ.

"ނުލަފާ ފޭރޭ ޑާކު." ރިޔާޝް ހަޅޭއްލަވާ ގަތެވެ.

އޭރު އެމީހާ ރިޔާޝްގެ މޭމަތީ އިށީދެ އިނދެ ދެ އަތުން ތަޅަމުން ދިޔައެވެ. މުށްކަވައިގެންނެވެ. ރިޔާޝް ސަލާމަތަށް އެދި ހަޅޭއްލަވަމުން ދިޔައެވެ.

ދީމާއަށް އާ ހިތްވަރެއް ލިބުނެވެ. އޭނާ ކަށިން ހިތްވަރު ނެރެ އިށީނދެލިއެވެ. ލައްކަ ހިތްވަރުންނެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ވާތަކު ތެރޭގައި އޮތް ބަޑިއެވެ. ފިރުކެމުންފިރުކެމުން ކަހަލަ ގޮތަކަށް އޭނާ އެދިމާއަށް ދެވޭތޯ ބެލިއެވެ. ރިޔާޝަށް އެ މަންޒަރު ފެނުނެވެ.

"ނަގާ!" ރިޔާޝް ހަޅޭއްލަވަމުން ބާރުބާރަށް ގޮވާލިއެވެ. "ނަގާ! ނަގައިފަ މި އިފުރީތަށް ހަމަލާދީ."

ރިޔާޝްގެ ބަސްތަކުން ދީމާގެ ހިތްވަރު އާވިއެވެ. އޭނާގެ ހިތުގައި ޖަޒުބާތީ އޮއިވަރެއް ދައުރުވަމުން ދިޔައެވެ. މަޑުމަޑުން ލަސްލަހުން، ބަޑިއަށް ނަޒަރު ހިންގައިލިއެވެ.

"ނަގާ! ނަގައިފަ ޖަހާ!" ރިޔާޝް ބުނެލިއެވެ. "މަހުދީގެ ހައްޤުގައި."

ތުރުތުރު އަޅައަޅާ އޮތް އަތަކުން ބަޑި ހިއްލައިލިއެވެ. ދުނިޔޭގެ ކެތަށް އޭނާ ކޮޅަށް ތެދުވިއެވެ. ކަންތައް ކުރާންވީ ގޮތެއް އޭނާއަކަށް ނޭނގެއެވެ. މަހުދީއަށް ހަދައިލި ގޮތް އޭނާގެ ލޮލަށް ސިފަވިއެވެ. އެ މަންޒަރު ސިކުނޑީގައި ކުރެހުނެވެ. މަހުދީގެ މެއިން ލޭތައް ބުރައިގެން ދިޔަ މަންޒަރު އޭނާގެ ސިކުނޑީގައި ތަކުރާރުވިއެވެ. އެހެންވެ އޭނާގެ ތުންފަތަށް ބާރުކޮށްލާ އަތަށް ވާންކޮށްލެވުނެވެ. ކަނާއަތު ލޯ ކުޑަކޮށްލަމުން ބަޑީގެ މިސްރާބު އަމާޒުކޮށްލީ އެ މީހާގެ ބުރަކަށްޓަށެވެ.

"ޖަހާ! ޖަހާ!" ރިޔާޝް ހަޅޭއްލަވާގަތެވެ.

ޝަހާދަތް އިނގިއްޔަށް ބާރުކޮށްލިއެވެ. އިވުނު އަޑާއެކު ލިބުނު ކުއްލި ސިހުމުން ދީމާގެ ނޭވާ ހިފަހައްޓައިލަން މަޖުބޫރުވިއެވެ. އޭނާއަށް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އެނގުނީ އެހައި ހިސާބުންނެވެ. އޭނާއަށް ބެލުނީ ވަޒަނުގެ މިސްރާބަށެވެ. ރިޔާޝްގެ ގައިމަތީ އިން މީހާގެ ބުރަކަށްޓަށް ވަޒަން އަމާޒެއް ނުވިއެވެ. އެ މީހާއަށް ބަޑީގެ އަޑު އިވުމާއެކު ބަލައިލިއެވެ. ދިމާއަށެވެ. މިނިކާވަގެއްހެން އޭނާ ފުންމައިގަތެވެ. ބަޑިއާއެކު ދީމާ ފަހަތަށް ވެއްޓުނެވެ. އެމީހާ ދީމާގެ މޭމައްޗަށް ޖެހިގަންނަށް ފުއްމާގަތެވެ. ދީމާ ބަޑި ދިއްކޮށްލިއެވެ. ސީދާ އެމީހާގެ މެއަށް ވަޒަން އަމާޒުވިއެވެ. އެއްމެ ވަޒަނެއް ނޫނެވެ. ދީމާގެ ހަރަކާތް ތަކުރާރުކޮށްލިއެވެ. ލޭތައް ބުރައިގެން ދިޔައެވެ. ދީމާގެ މޫނަށް ހޫނު ރަތްލޭ އެޅުނެވެ. އެމީހާ ދުރަށް ވިއްސައިގެން ދިޔައެވެ. ދީމާއަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. ހިތަށް ލުއިކަމެއް އިހުސާސްވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ބިރުގަންނަ ގޮތްވިއެވެ. ތުރުތުރު އަޅާން ފެށިއެވެ. ދެ އަތަށް ބަލައިލިއެވެ. އަތުގެ ހުދުހަމަށް ނަޒަރު ހިންގައިލިއެވެ. މޫނުމަތީގައި އަތްއަޅަމުން ބާރުބާރަށް ހަޅޭއްލަވާގަތެވެ. ދެން ވީނުވީއެއް އޭނާއަކަށް ނޭނގުނެވެ. މުޅިތަން އަނދިރިވީއެވެ. މުޅި މަންޒަރު ކަޅުވީއެވެ.

މަހުދީގެ އަތާއި ފައި ހުރީ އައްސާފައެވެ. ބޮޑު ވަލަކުން ބަނދެލައިފައެވެ. އޭނާއަށް ގުޑުވާލެވޭނެ ފަދައެއް ނެތެވެ. އޭނާގެ ޓީޝާޓު އޮތީ ކަރާދިމާއިން އިރާލައިފައެވެ. މޭމަތީގައި ތޫނު އެއްޗަކުން ކޮށްފައިވާ ޒަޚަމުތައް ފެންނާން ހުއްޓެވެ. މޫނުގެ އެކި ތަން ހުރީ ނޫފައި ގެންފައެވެ. ބައެއް ތަންތަނުން ލޭގެ ކުލަ ފެންނަމުން ދިޔައެވެ.

"މި ބުނީނު ދޫކޮށްލާށޭ،" މަހުދީ ބާރުބާރަށް ހަޅޭއްލަވާ ގަތެވެ. "އަހަރުމެން ކުރީ ކޮން ކުށެއް؟"

އެއާއެކު އޭނާ ގާތުގައި ހުރި މީހާގެ އަތުގައި އޮތް ބަޑީގެ މުއްގަނޑުން މަހުދީގެ މޫނަށް ހަމަލާއެއް ދިނެވެ. ވީތަދުން މަހުދީ އަނެއްކާ ވެސް ހަޅޭއްލަވާގަތެވެ. ބާރުބާރަށެވެ. އޭނާގެ ދެވަނަ ހަމަލާ އަމާޒުވީ ސީދާ މަހުދީގެ ކަންކަށި މައްޗަށެވެ. އެއަށްފަހު އޭނާގެ ބަހުން ވާހަކައެއް ދެއްކިއެވެ. ދެވަނަ މީހާގެ ހަމަލާ އަމާޒުކޮށްލީ މަހުދީގެ ދަށްބަނޑަށެވެ. ފައި ކުރުކޮށްލުމަށްފަހު ޖެހި ގޮތުން މަހުދީގެ ހެޔަށް ގޮތްވިއެވެ.

އެ ހުރިހާ މަންޒަރެއް ބަލަން ދީމާއަށް މަޖުބޫރުކުރުވީ އޭނާ ހިފަހައްޓައިގެން ހުރި މީހާއެވެ. ދީމާގެ ހާލަތު މާގޯހެވެ. މަހުދީއަށް ލިބެމުންދިޔަ ކޮންމެ އަނިޔާއަކާއެކު އޭނާއަށް ސިފަވީ، ހިތުގައި ތޫނުވަޅިއަކުން ޅިޔަ ޖަހަމުންދާކަމެވެ.

"މަހުދީ!" ދީމާ ބާރުބާރަށް ހަޅޭއްލަވާގަތެވެ.

ކުރިމަތީގައި ހުރި މީހާގެ އަތަށް ބަޑި ހެޔޮވަރުކޮށްލި މަންޒަރު ފެނުމުންނެވެ. ދީމާގެ އަޑަށް މަހުދީ ލޯ ހުޅުވާލިއެވެ. ލަސްލަހުން މަޑުމަޑުންނެވެ. ނަމަވެސް އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ. ބަޑީގެ އަޑު ކަންފަތުގައި ޖެހުނު އިރު ވަޒަން އޮތީ މަހުދީގެ މެއަށް އަމާޒުވެފައެވެ.

ދީމާ ބާރުބާރަށް ހަޅޭއްލަވާގަތެވެ. އޭނާ ކުއްލިއަކަށް ތެދުވިއެވެ. މޭގައި އަތްއަޅައިގެންނެވެ. ކޮށި އަރައިގެންނެވެ. ނޭވާ ކުރުވެ ހާސްވެގެންނެވެ.

"މަހުދީ! މަހުދީ!" އެނދުން ފުންމާލަން ދީމާ މަސައްކަތްކުރިއެވެ.

ނަމަވެސް އޭނާ ހިފެހެއްޓުނެވެ. ކޮންމެ ވެސް ބަޔަކު އޭނާ މައިތިރި ކުރެވޭތޯ އުޅުނީއެވެ. އެއީ ކޮންބައެއް ހެއްޔެވެ؟ އޭނާއަށް އޮވުވުނީ ކޮންތަނަކު ހެއްޔެވެ؟ ދީމާ އަމިއްލަ ނަފުސާ ކުރި ސުވާލުތައް އެންމެންނަށް އިވުނެވެ. އެންމެ ފަހުން އޭނާ ހިމޭންވިއެވެ. މައިތިރިވިއެވެ. އޭނާއަށް ބަލައިލެވުނީ ދެ އަތަށެވެ. އެ އަތުގައި ލޭގެ ކުލައެއް ނެތެވެ. ގައިގައި އޮތީ ހުދު ހެދުމެކެވެ.

"ދީމާ! ދީމާ، ސަލާމަތްވެއްޖެ." އޯގާތެރި ކަމާއެކު އިވުނު އަޑާއެކު ދީމާ ބަލައިލިއެވެ.

އެއީ ނަރުހެކެވެ. ދީމާ ލޮލަށް ގޮތެއް ހަދައިލިއެވެ. ކިހިނެއްވީހޭ އަހައިލިއެވެ.

"ބޯޓެއްގައި ދީމާއާ ރިޔާޝް ހައްޔަރުކޮށްފައި ތިއްބާ؟" އޭނާ އިތުރަށް ކިޔައިދިނެވެ.

"ރިޔާޝް؟" ދީމާ ސުވާލުގެ ނަޒަރުން އެމީހާގެ މޫނަށް ބަލައިލިއެވެ.

"އާނ! ތުރާކުނާ ދިމާ އަށްޑިޔަވަރަކަށް މޭލު ބޭރުން. ސޯމާލިއާގެ ބޯޓެއްގައި،" ދީމާގެ ސުވާލަށް މި ފަހަރު ޖަވާބު ދެމުން ދިޔައީ ހުދު ޔުނީފޯމުގައި ހުރި އޮފިޝަލެކެވެ. "ދުނިޔޭގެ އެންމެ ގިނަ ޝިޕިން ލައިންތައް ދަތުރުކުރާ އެއް ޗެނަލަކީ އެއިޓް ޑިގުރީ ޗެނަލް. އެއީ ތުރާކުނާއި މަލިކާ ދެމެދުގައި އޮންނަ ބައިނަލް އަޤުވާމީ ކަނޑުގެ ސަރަހައްދު. މިއީ ކަނޑުފޭރޭ މީހުންގެ ލޯ އަމާޒުވާ ތަނެއް."

"ކަނޑުފޭރުން؟ ކީއްވެ؟" ދީމާ އަހައިލިއެވެ.

"ކަނޑުފޭރާ މީހުންގެ ހަރަކާތްތައް މޮނިޓަރކޮށް ބެލެހެއްޓުމަށް ސަރަހައްދީ ފެންވަރުގައި ވަރަށް ގިނަ މަސައްކަތް އެބަކުރެވޭ. އިންޑިޔާ ސަރުކާރުގެ އެހީގައި ވެސް ރާއްޖޭގައި މިކަހަލަ އެތައް ކަމެއް ކުރެވިފައި އެބަހުރި. ރާޑާ ސިސްޓަމު ގާއިމުކުރުމާ، ސަރވައިލަންސް ހަރަކާތްތައް އެބަ ހިންގޭ. ވަރަށް ގިނަ މީހުން ކުރާ ސުވާލެއްތީ؟ ކޮބައިހޭ ތިޔަ ކުރާ މަސައްކަތަކީ؟ ހަމަ މެޑެލް ޖަހައިލަން ކުރާ ކަމެއް ދޯއޭ." ސަލާމަތީ ބާރުގެ އޮފިޝަލް ފުން ނަޒަރަކުން ބަލައިލީ ދެ ނަރުހުންގެ މޫނަށެވެ. "މި މަސައްކަތުގެ ނަތީޖާ ވެސް އެބަފެނޭ. އިންޑިޔާ ކަނޑުގައި ހިންގޭ ކަނޑުފޭރުމުގެ ޖަރީމާތައް ވަރަށް ބޮޑުތަނުން މަދުކުރެވިއްޖެ. އެފުރިކާ ސަރަހައްދާއި ސިންގަޕޫރުގެ ކަނޑުގެ ސަރަހައްދުގައި ހިންގާ މިބާވަތުގެ ޖަރީމާތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަރަށް، ވަރަށް ނުހިންގޭ."

"ކީއްވެ އަހަރެން؟" ދީމާ ދެ ލޯ ބޮޑުކޮށްލިއެވެ.

"މިއީ ދެކުނު އިންޑިޔާ ކަނޑުގައި ހަރަކާތްތެރިވަމުން ދިޔަ ސޯމާލިއާގެ ފޭރޭ މީހުންގެ މައި ބޯޓަށް ހަމަލާދީ އެ މީހުން ފައްސާލުމަށް ކުރި މަސައްކަތުގައި އޭގެ ކުޑަބޯޓަކުން، މިސްރާބު އޮޅިގެން އާދެވުނު ގުރޫޕެއް. އެ މީހުންނަށް އޮޅިގެން ރާއްޖޭގެ ކަނޑަވަދެވުނީ. އެކަން ރާޑާތަކަށް އެރި ހިސާބުން އަހަރުމެން މަސައްކަތް ފެށިން." އޮފިޝަލް ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ރިޔާޝް؟" ދީމާ ރޯންފެށިއެވެ.

"އައިސީޔޫގައި." ނަރުސް ކުއްޖާ ޖަވާބުދިނެވެ.

ދީމާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. އޭނާއަށް ކަންކަން ހިނގައިދިޔަގޮތް ސާފުވިއެވެ. އެމީހުންގެ ކައިވެނީގެ ހަފުލާ ނިންމާލުމަށް ފަހު މަހުދީގެ ރަށަށް، ތުރާކުނަށް އާއިލާގެ އެންމެ އެކުގައި ދިޔަ ހަނދާންވިއެވެ. ޕިކުނިކު ދަތުރެއްގައި އެރަށާ ތިން ކިލޯ މީޓަރެއްހާ ކައިރީގައި އޮތް ފަޅުރަށެއް ކަމަށްވާ ވަނގާރަށް ރޭކުރާގޮތަށް ދިޔަ ހަނދާންވިއެވެ. ކައްކަން ބޭނުންވާ ބައެއް ސާމާނު ނުލައި ދެވުމުން އެ ސާމާނު ބަލައި، ދިޔުމަށް ތިން މީހުން ޑިންގީއަށް އެރި ހަނދާންވިއެވެ. ރަށުން އެއްޗެހި ހިފައިގެން ޑިންގީއަށް އެރި ހަނދާން ވެސް ވިއެވެ. އެ މަންޒަރު އޭނާއަށް ސާފުވިއެވެ.

"ކަނޑުމަތިން ޑިންގީގެ އިންޖީނަށް މައްސަލައެއް ޖެހުނީ. އެކަކު އަތުގައި ވެސް ފޯނެއް ނެތް. އޭރު އިރު އޮއްސިއްޖެ. ދެން ޑިންގީ އޮޔާ ބެހުނީ،" ދީމާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "އަނެއް ދުވަހު ކަނޑުމަތިން ފެނުނީ ބޯޓެއް. އެމީހުންގެ އަތްދަށުވީ، އަނިޔާކުރީ. މަހުދީ މަރައިލާ ކޮށައިލީ."

ދީމާއަށް ކެތެއް ނުކުރެވުނެވެ. އޭނާ ބަޑިފަޅައިގެން ދިޔައީއެވެ. މަހުދީއަށް ހަދައިލި ގޮތް ސިފަވީމައެވެ. ރަހުމެއްނެތި އެ ނިކަމެތި ފުރާނަ ދުއްވާލާ ހަށިގަނޑު ކޮށައިލާ މޫދަށް އަޅައިލީމައެވެ.

ޝިކާރަވެރިންގެ އަތްދަށުގައި ހޭދަކުރި ތިން ދުވަސްވީ އޭނާއަށް ތިންގަރުނަށެވެ. އެ ހަނދާނާއި އެ އަނިޔާ އޭނާގެ ހިތުންފިލައިގެން ނުދާނެއެވެ. ނަމަވެސް ދެން އޮތީ އެ ވާހަކަތައް މާޒީއަށް ދޫކޮށްލުމަށްފަހު ހިތްވަރާއެކު ކުރިއަށް ދިޔުމެވެ. މަހުދީވީ ޤުރުބާނާއި ރިޔާޝްވީ ލޯބީގެ އަގު އަދާކުރުމެވެ. ކަނޑުތަކުގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޚިދުމަތްތެރީންގެ ޙައްޤުގައި އޭނާ ތެދުވާން ނިންމީ ކަނޑުފޭރޭ މީހުންގެ ޝިކާރައަކަށްވެ ލިބުނު އަނިޔާ އެހެން މީހަކަށް ލިބެން ނޭދޭތީއެވެ. ރާއްޖެ ފަދަ ޤައުމަކަށް ކޮންމެ ހިނދެއްގައި ވެސް، ކޮންމެ ދަނޑިވަޅެއްގައި ވެސް މިފަދަ ބައެއްގެ ނުރައްކާ ކުރިމަތިވެދާނެތީއެވެ. އޭނާ ކަނޑު މައްޗަށް ނިކުންނަށް ނިންމީ އެހައި ހިސާބުންނެވެ.

މިއަދު އޭނާ އެ ދަނީ އެކަން ސާބިތުކޮށްދެމުންނެވެ. ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑުގެ ޚިދުމަތުގައި އޭނާ އެ ދައްކަނީ އެ ހިތްވަރެވެ. އެ ދުވަހު އޭނާގެ އަތުގައި ހިފީ ރިޔާޝެވެ. މިއަދު އޭނާގެ ޒިންމާތަކުގެ މުގުލުގައި ވެސް އެ ހުރީ ރިޔާޝެވެ. މިއީ ތެދުވެރި ލޯބީގެ އޮށަކުން ފެޅި ޤައުމީ ލޯތްބެކެވެ. ޝިކާރައަކަށްވުމުން އުފަންވި ޝިކާރަ ލޯތްބެކެވެ.

(ނިމުނީ)