Advertisement

ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ބޫޓާނާ ދެކޮޅަށް

17 މޭ 2023 - 15:09 0

ރާއްޖޭން މިދިޔަ އަހަރު ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ބޫޓާނާ ދެކޮޅަށް

17 މޭ 2023 - 15:09 0

އަންނަ މަހު އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭން ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ބޫޓާނާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.

މިއަދު ބޭއްވި މުބާރާތުގެ ގުރުއަތުލުމަށް ބަލާއިރު، ރާއްޖެ ހިމެނެނީ ބޫޓާނާއި ބަންގްލަދޭޝް އަދި ލެބަނަންއާ އެކު ގްރޫޕް ބީގަ އެވެ. ގްރޫޕް އޭގައި ހިމެނެނީ އިންޑިއާ، ކުވެއިތު، ނޭޕާލް އަދި ޕާކިސްތާން އެވެ.

ފީފާ ސަސްޕެންޝަންގައި އޮތުމުގެ ސަބަބުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާ އަށް ނުކުޅެވޭނެ އެވެ. އަނެއްކޮޅުން، މިއީ ސާފް ސަރަހައްދުން ބޭރުގެ ދެ ގައުމެއް ބައިވެރިވެގެން މުބާރާތް ކުޅޭ ފުރަތަމަ ފަހަރެވެ. އަދި ބޫޓާނާއި ޕާކިސްތާން ވެސް ސާފް ޗެމްޕިއަންޝިޕްގައި މި ކުޅެނީ މެދުކެނޑުމަކަށް ފަހު އެވެ.

މިއަދު ބޭއްވި ގުރުއަތުލުމުގައި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕްތައް ބެހިފައިވާ ގޮތް.


އަންނަ މަހުގެ 21 ވަނަ ދުވަހު ސާފް ޗެމްޕިއަންޝިޕް ފަށާނީ ގްރޫޕް އޭގައި ކުވެއިތާއި ނޭޕާލް ކުޅޭ މެޗުންނެވެ. ނޭޕާލް ވަނީ އެންމެ ފަހުން 2021 ވަނަ އަހަރު ރާއްޖޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ އަތުން ބަލިވެފަ އެވެ. ރާއްޖޭގައި ބޭއްވި އެ މުބާރާތުގަިއ ވާދަކޮށް، އިންޑިއާ އިން އެ ގައުމުގެ ތާރީހުގައި ސާފްގެ ތަށި އަށް ވަނަ ފަހަރަށް އުފުލާލިއިރު، އެ ފަހަރު ފައިނަލުގައި ވާދަކުރި ނޭޕާލަށް އެއީ ފައިނަލަށް ދަތުރުކުރެވުނު ފުރަތަމަ ފަހަރެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ކުޅޭނީ އަންނަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގަ އެވެ.

ރާއްޖޭން ސާފް ޗެމްޕިއަންޝިޕަށް ޕްރެކްޓިސް ފަށަން ހަމަޖެހިފައިވަނީ މި މަހު 21 ވަނަ ދުވަހު އެވެ. އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ކުޅޭ ގައުމީ ފުޓްބޯޅަ ޓީމުން ޕްރިލިމިނަރީ ސްކޮޑަކާ އެކު ޕްރެކްޓިސް ފެށުމަށް ފަހު، އަންނަ މަހުގެ ކުރީކޮޅުގައި ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ޖަޕާނުގައި ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އަންނަ މަހު 21 ވަނަ ދުވަހު ރާއްޖޭން ބޫޓާނާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅުމަށް ފަހު ދެ ވަނަ މެޗުގައި 25 ޖޫންގައި ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ޖޫން 28 ގައި ލެބަނަންއާ ކުޅޭނެ އެވެ. ރާއްޖޭން ވަނީ 2008 އާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޝެޑިއުލް.