16 މޭ 2023 - 13:23 0
ރައްޔާން މުހައްމަދު
މި ފީޗާ ހޯދުމަށް ވަޓްސްއެޕްގެ އެންމެ ފަހުގެ ވާޝަން އެޕް ސްޓޯ ނުވަތަ ގޫގުލް ޕްލޭ ސްޓޯ އިން ޑައުންލޯޑް ކުރަން ޖެހެއެވެ.
16 މޭ 2023 - 13:23 0
މަޝްހޫރު މެސެޖިން އެޕް ވަޓްސްއެޕް އިން ޕްރައިވެސީ އާއި ސެކިއުރިޓީގެ އިތުރު ފަށަލައެއް ފޯރުކޮށްދިނުމުގެ ގޮތުން 'ޗެޓް ލޮކް' ގެ ނަމުގައި އާ ފީޗާއެއް ތައާރަފު ކޮށްފި އެވެ.
މިހާރުވެސް އެންޑް ޓު އެންޑް އެންކްރިޕްޝަން ފޯރުކޮށްދޭ ވަޓްސްއެޕްގެ، މި އައު ފީޗާގެ ސަބަބުން ހިޔާރުކުރާ ވަކި ކޮންވަސޭޝަންތަކެއް ހުޅުވުމަށް އޯތެންޓިކޭޝަން ބޭނުންވާނެ އެވެ. މި ލޮކް ކޮށްފައިވާ ޗެޓްތަކަށް ވަނުމަށްޓަކައި ޕާސްކޯޑް، ފިންގަޕްރިންޓް ނުވަތަ ފޭސް އައިޑީ އޮތެންޓިކޭޝަން ފޯރުކޮށްދޭން ޖެހެ އެވެ.
ޗެޓްލޮކް ފީޗާ އިއުލާން ކުރަމުން މެޓަ އިން ކުރި ބްލޮގް ޕޯސްޓްގައި ބުނެފައިވަނީ ކޮންވަސޭޝަނެއްގެ ލޮކް އެކްޓިވޭޓް ވުމުން ވަކި ފޯލްޑަރއކަށް މި ޗެޓްތައް ބަދަލު ކުރެވޭނެ ކަމަށެވެ. އަދި, މި ޗެޓްތަކުގެ ނޮޓިފިކޭޝަންތަކުން، މެސެޖުކުރި ފަރާތުގެ ނަން ނުވަތަ މެސެޖް ޕްރިވިއު ނުފެންނާނެ ކަމަށާއި، މި ޗެޓްތަކުގައި ހިއްސާކުރާ މީޑިއާ ފައިލްތައް އޮޓޮމެޓިކުން ފޯނުގެ ގެލެރީއަށް ސޭވް ނުވާނެ ކަމަށް މެޓަ އިން ބުނެ އެވެ.
ވަޓްސްއެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް މި ފީޗާ ތައާރަފްކޮށްފައިވާއިރު، އެންޑްރޮއިޑް އަދި އައިއޯއެސް އަށް ވެސް މި ފީޗާ ލިބޭނެ އެވެ. މި ފީޗާ ހޯދުމަށް ވަޓްސްއެޕްގެ އެންމެ ފަހުގެ ވަރޝަން އެޕް ސްޓޯރ ނުވަތަ ގޫގުލް ޕްލޭ ސްޓޯރ އިން ޑައުންލޯޑް ކުރަން ޖެހެއެވެ.
މެޓާގެ ބްލޮގް ޕޯސްޓުގައިވާ ގޮތުން އެ ކުންފުނިން ދަނީ މި ފީޗާއަށް ގިނަ އަޕްޑޭޓްތަކެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ވަޓްސްއެޕް ބޭނުންކުރާ ހުރިހާ ޑިވައިސްއަކަށް މިފީޗާ އެނޭބަލްކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާކަމަށް ބުނެފައިވެ އެވެ.
ޗެޓް ލޮކް ފީޗާގެ ސަބަބުން ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް ވާހަކަ ދެއްކުމުގެ ޕްރައިވެސީ ކޮންޓްރޯލް އިތުރުވެގެންދެއެވެ. މިއީ ނާޒުކު އަދި ޕްރައިވެޓް މަޝްވަރާތައް ރައްކާތެރިކޮށްދޭ ސެކިއުރިޓީގެ އިތުރު ފަށަލައެކެވެ.
މި ފީޗާ އައިސްފައި މިވަނީ އިނގިރޭސިވިލާތުގެ ސަރުކާރުގެ އޮންލައިން ސޭފްޓީ ބިލާއި ހުރަސްއެޅޭފަދަ ޕްރައިވެސީ ފޯކަސްޑް ފީޗާސްތަކެއް ވަޓްސްއެޕްއަށް ތައާރަފުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މެޓާ އިން ވަނީ އޮންލައިން ސޭފްޓީ ބިލަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. މެޓައިން ބުނެފައިވަނީ އެ ބިލުގެ ސަބަބުން މެސެޖްގެ ކޮންޓެންޓް ލިބޭނީ ގަސްތުކުރާ މީހާއަށް އެކަނިކަން ކަށަވަރުކޮށްދޭ މުހިންމު ސެކިއުރިޓީ ފީޗާއެއް ކަމަށްވާ އެންޑް ޓު އެންޑް އެންކްރިޕްޝަނަށް ހުރަސްއަޅޭކަމަށެވެ.
މީގެ ކުރިން އެކުންފުނިން ވަނީ ޔޫޒަރުންގެ ޕްރައިވެސީއަށް އިސްކަން ދިނުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ. އަދި އިނގިރޭސި ޔޫޒަރުންގެ ހިދުމަތްތައް ބޭނުންކުރުން ހުއްޓުވަން ޖެހުނަސް މިފަދަ ސެކިއުރިޓީ ފީޗާސްތަކަށް ލުޔެއް ނުދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
Comment