Advertisement

ފުއްގިރި މައްސަލައިގައި އަދީބާއި ޒިޔަތަށް ބުރަދަން ދިނުމާ މެދު ދަށު ކޯޓަށް ގޮތް ނިންމޭނެ: ސުޕްރީމް ކޯޓު

16 މޭ 2023 - 12:09 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ފުއްގިރި މައްސަލައިގެ ހުށަހެޅުންތަކާ ގުޅޭ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުމަށް ރޭ ބޭއްވި އަޑުއެހުމުގެ ތެރެއިން


ފުއްގިރި މައްސަލައިގައި އަދީބާއި ޒިޔަތަށް ބުރަދަން ދިނުމާ މެދު ދަށު ކޯޓަށް ގޮތް ނިންމޭނެ: ސުޕްރީމް ކޯޓު

16 މޭ 2023 - 12:09 0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ ރ. ފުއްގިރި މައްސަލައިގެ ޝަރީއަތަށް ހެކީންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ބަލައިގަތަސް، މައްސަލަ ނިންމާއިރު އެ މީހުންގެ ހެކިބަސް ބަލައިގަތުމާއި ނުގަތުމުގެ ފުރުސަތު ދަށު ކޯޓުގެ ފަނޑިޔާރަށް އަދިވެސް އެބަ އޮތް ކަމަށް ސުޕްރީމް ކޯޓުން ރޭ ކަނޑައަޅައިފި އެވެ.

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ފުއްގިރި މައްސަލައިގައި ޔާމީންގެ ފަރާތުން ޝަރީއަތުގެ ކުރިން އެދުނު އެއް ކަމަކީ، އަލަށް އަމަލު ކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގެ ދަށުން އަދީބާއި ޒިޔަތުގެ ހެކީންގެ ގޮތުގައި ބަލައިނުގަތުމަށެވެ. އެއީ ހެއްކާ ބެހޭ ގާނޫނުގެ ދަށުން ހެކިބަސް ދޭ މީހާގެ ހުންނަން ޖެހޭ ޝަރުތުތަކާއި އަދުލުވެރިކަމާ ގުޅޭ އުސޫލުތަކެއް ބަޔާންކޮށްފައިވުމުން އެ ދެ މީހުން ބަލައިނުގަތުމަށް ނިންމިދާނެ ހާލަތްތަކެއް ހުރުމުންނެވެ.

އެކަމަކު، ދަށު ކޯޓުގެ ފަނޑިޔާރު އަލީ ނަދީމް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ގޮތް ނިންމެވި އިރު ނިންމެވީ އަދީބާއި ޒިޔަތު ހެކީންގެ ގޮތުގައި ބަލައިގަތުމަށެވެ. އެހެންވެ، އެ ނިންމުމާއި ޝަރީއަތުގެ ކުރީގެ އިތުރު އެހެން ނިންމުންތަކެއް ވެސް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ހައި ކޯޓުން ދަށު ކޯޓުގެ ނިންމުންތައް ދެމެހެއްޓުމުން ދެން ދިޔައީ ސުޕްރީމް ކޯޓަށެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ ކުރީ، އަދި ދައުވާއާ ގުޅޭ ހާދިސާ ހިނގީ، ޖެނުއަރީ 18، 2023 ގައި ހެއްކާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށުމުގެ މާ ކުރިންނެވެ. އެހެންވެ، އެ މައްސަލައިގައި ގާނޫނު މާޒީއަށް ތަތުބީގުކުރެވޭނެތޯ އިސްތިއުނާފު މަރުހަލާގައި ވެސް ބަހުސް ކުރި އެވެ.

ސުޕްރީމް ކޯޓުގައި ޔާމީންގެ ފަރާތުން ބުނެފައި ވަނީ އެ ކޯޓުގެ ޕީޖީ ވ. ހަސަން އަބްދުﷲ އަދި އިތުރު މީހުން ގަޒިއްޔާގެ ދަށުން ނިންމާފައިވާ ނިންމުންތަކުގައިވާ ގޮތުން އެ ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ. ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އިޖުރާއަތާ ގުޅޭ، އަލަށް އަމަލު ކުރަން ފެށޭ ގާނޫނަކީ ދައުވާ ލިބޭ މީހާއަށް މަސްލަހަތު ބޮޑު ގާނޫނަކަށްވާ ނަމަ ކުރީގައި ހިނގާފައިވާ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި ގާނޫނު މާޒީއަށް ތަތުބީގު ކުރެވޭނެ ކަމަށް އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަމަށް ޔާމީންގެ ފަރާތުން ބުނެފައިވެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު


އޭގެ އިތުރުން، އަދީބާއި ޒިޔަތަކީ ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުކުރުމަށް ހުށަހަޅާފައިވާ މައި ހެކީން ކަމަށްވާއިރު، ހެއްކާ ބެހޭ ގާނޫނުގެ ދަށުން އެ ދެ މީހުންގެ އަދުލުވެރިކަމާ މެދު ސުވާލު އުފައްދައި އެ ދެ ހެކިން ބަލައިނުގަންނަން ހުށަހެޅުމުގެ ފުރުސަތު ލިބުމަކީ ޔާމީނަށް މަސްލަހަތު ބޮޑު ގޮތެއް ކަމަށް ޔާމީންގެ ފަރާތުން ބުންޏެވެ. އަދި އެ ދެ މީހުން ހުށަނާޅައިފި ނަމަ ދައުވާ ސާބިތުވުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް ބުނެފައިވެ އެވެ.

މައްސަލައާ ގުޅޭ ހެއްކާ ބެހޭ ގާނޫނުގެ މާއްދާތައް:


47. ހެކިބަސް ދޭ މީހާގެ ހުންނަން ޖެހޭ ޝަރުތުތައް (ހ) (3) ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ފުރިހަމަވާ މީހަކު ކަމުގައިވުން 48. ހެކިބަސް ދިނުމުގައި އަދުލުވެރިކަން ހުރުން (ށ) ހެކިބަސް ދޭ ފަރާތުގެ ތެދުވެރިކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ފަރާތްތަކަކީ، ހެކިބަސް ދިނުމުގެ އަދުލުވެރިކަން ގެއްލިފައިވާ ފަރާތްތަކެއް ކަމުގައި ބެލޭނެއެވެ. (ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ފަރާތަކީ، އެފަރާތެއްގެ ތެދުވެރިކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދިފައިވާ ފަރާތެއް ކަމުގައި ބެލޭނެ އެވެ. (3) ވައްކަން، ޓެކުން، ހިޔާނާތް އަދި ފޭރުމުގެ ކުށްތައް (4) އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ ކުށްތައް (5) ކޮރަޕްޝަންގެ ކުށްތައް 51. މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހެކިބަސް ދޭ މީހާއަކީ މައްސަލައިގެ ހަސްމަކާ ފުށުއަރާ މަސްލަހަތެއް އޮތް ނުވަތަ މައްސަލައިގެ ހަސްމަކާ އަދާވާތްތެރިކަމެއް އޮތް މީހަކު ކަމުގައިވާނަމަ، އެ މައްސަލައެއްގައި އެމީހެއްގެ ހެކިބަސް ނަގައިގެންނުވާނެ އެވެ.

އެކަމަކު، ދައުލަތުން ބުނެފައި ވަނީ، ގާނޫނު މާޒީއަށް ތަތުބީގު ކުރުމުގައި އަމަލު ކުރަން ޖެހޭނީ، ސުޕްރީމް ކޯޓުގެ އަހުމަދު މާޖިދު ވ. ޖޭއެސްސީ ގަޒިއްޔާއަށް ކަމަށެވެ. އެ ގަޒިއްޔާގައި ނިންމާފައި ވަނީ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހާލަތެއްގައި އެ ގާނޫނުތައް ހިންގަން ފަށަންވާނީ އެ ގާނޫނުތަކަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ކަމަށެވެ.

ދައުލަތުން ބުނީ، ޔާމީންގެ ފަރާތުން އެދުނު ގޮތަށް ފުއްގިރި މައްސަލައިގައި ހެއްކާ ބެހޭ ގާނޫނު މާޒީއަށް ތަތުބީގުކޮށްފި ނަމަ އޭގެ ނަތީޖާއަކަށް ވެގެންދާނީ، އެ ގާނޫނުގެ ކުރިން ހިނގާފައިވާ ހުރިހާ ތަހުގީގުތަކާއި ދައުވާތައް ކުރުމުގައި ތަސައްވަރުކޮށްފައިނުވާ ގާނޫނީ އުސޫލުތައް ކުއްލިއަކަށް އެ ހުރިހާ މައްސަލަތަކުގެ މައްޗަށް ހިންގުން ކަމަށެވެ. އެހެންވެ، އެ ގޮތް ބަލައިނުގަނެވޭ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

ފުއްގިރި މައްސަލައިގެ ނިންމުންތަކާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު


ސުޕްރީމް ކޯޓުން ރޭ ހުކުމް ކުރީ ދައުލަތާ އެއްކޮޅަށެވެ. އެގޮތުން، ހުކުމުގައި ވަނީ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހާލަތެއްގައި އެ ގާނޫނުތައް ހިންގަން ފަށަންވާނީ އެ ގާނޫނުތަކަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ކަމަށެވެ. އަދި މި މައްސަލަގައި ހިމެނޭ ހެއްކާ ބެހޭ ގާނޫނަކީ ކުށުގެ އަދަބަށް ލުއި ދީފައިވާ ގާނޫނެއް ނޫންކަން ވެސް ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.

އެކަމަކު، ސުޕްރީމް ކޯޓުން ނިންމީ، އަދީބާއި ޒިޔަތު ހެކީންގެ ގޮތުގައި ބަލައިގަތަސް، މައްސަލަ ނިންމާއިރު، ހެއްކާ ބެހޭ ގާނޫނުގެ ދަށުން އަދީބާއި ޒިޔަތުގެ ވާހަތައް ބަލައިގަތުމާ މެދު ގޮތް ނިންމުމުގެ ފުރުސަތު ދަށު ކޯޓަށް އަދިވެސް އެބަ އޮތް ކަމަށެވެ. އެ ހެކި ޝަރީއަތަށް ބަލައިގަނެވޭނެ ކަމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަ އެވެ.

"އެ ހެއްކަށް ޝަރީއަތް ނިންމުމުގައި ބުރަދަން ދޭނެތޯ އާއި ބުރަދަން ދޭނަމަ ބުރަދަން ދޭނީ ކިހާ މިންވަރަކަށް ކަން ފަނޑިޔާރު ކަނޑައަޅާނީ ޝަރީއަތުގެ މަރުހަލާގައި ދެފަރާތުން ދައްކާ ވާހަކަތަކާއި ޝަރީއަތުގެ މަރުހަލާގައި ދެ ފަރާތުން ހުށަހަޅާ އެންމެހާ ހެކިތަކަށާއި ކަމާ ބެހޭ އެންމެހާ ގާނޫނުތަކަށް ބަލައިގެން އަދުލު އިންސާފުގެ ހަމަތަކުގެ މަތިން،" ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ފުއްގިރި މައްސަލަ އަދިވެސް ޝަރީއަތުގެ މަރުހަލާގައި އޮތް އިރު، އަދި އެއްވެސް ހެއްކެއްގެ ހެކިބަސް ނަގާފައި ނުވެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި އަދީބާއި ޒިޔަތު ހެކީންގެ ގޮތުގައި ބަލައިގަތަަސް، މައްސަލަ ނިންމާއިރު އެ ހެކީންގެ ހެކިބަހަށް ބުރަދަން ދިނުން ފަނޑިޔާރުގެ މައްޗަށް ލާޒިމު ނޫން ކަމަށެވެ.