Advertisement

ޔުވެންޓަސް މޮޅުވިއިރު، ޕޮގްބާ އަށް އަނެއްކާ ވެސް އަނިޔާވެއްޖެ

15 މޭ 2023 - 08:17 0


ޔުވެންޓަސް މޮޅުވިއިރު، ޕޮގްބާ އަށް އަނެއްކާ ވެސް އަނިޔާވެއްޖެ

15 މޭ 2023 - 08:17 0

ޓިއުރިން (މެއި 15) - އިޓާލިއަން ލީގުގައި ރޭ ކްރެމޮނޭސޭ އަތުން 2-0 އިން ޔުވެންޓަސް މޮޅުވި މެޗުގައި އެ ޓީމަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް އަނެއްކާ ވެސް އަނިޔާވެއްޖެ އެވެ.

މިއީ، ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސް އަށް ބަދަލުވެ، ޕޮގްބާ، 30 ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. ދެ ވަނަ ފަހަރަށް ޔުވެންޓަސް އަށް ބަދަލުވި ޕޮގްބާ މި ސީޒަނުގައި ޖުމްލަ އެކު، 10 މެޗު ޔުވެންޓަސް އަށް ކުޅެދިންއިރު، އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެގެން ރޭގެ މެޗުގެ 24 ވަނަ މިނިޓްގައި ބަދަލުކުރަން ޖެހުނެވެ.

"އަހަރެމެން އެންމެން މި ތިބީ ވަރަށް ދެރަވެފައި. އެއީ ހަމައެކަނި ޕޮގްބާ އަނިޔާވެގެން ޓީމަށް ގެއްލުންވާނެތީއެއް ނޫން. އެއީ އަހަރެމެންނަށް ފެނުނު ޕައުލް (ޕޮގްބާ) އަލުން ފިޓްވާން ކުރި މަސައްކަތް. ދެން، މިކަން ވެސް މި އޮތީ ދިމާވެފައި. އަހަރެއްގެ ތެރޭގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ފުރަތަމަ މެޗުގައި މި ކަހަލަ ކަމެއް ވެދާނެ،" ރޭގެ މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުންޏެވެ.

ރޭގެ މެޗަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ލިވަޕޫލް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށް ފަހު، ޕޮގްބާ ކްލަބް ލެވަލްގައި ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޔުވެންޓަސް އަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ ނިކޯލޯ ފަޖިއޯލީ އެވެ. ދެ ވަނަ ހާފްގައި ޔުވެންޓަސްގެ އަނެއް ލަނޑު ޖެހީ ބްރެޒިލްގެ ޑިފެންޑަރު، ގްލެއިސަން ބްރެމާ އެވެ.

ރޭގެ މޮޅާ އެކު ޔުވެންޓަސް ލީގުގެ ދެ ވަނައިގައި އޮތީ 35 މެޗުން 69 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި ޗެމްޕިއަންކަން ކަށަވަރުކޮށްގެން އޮތް ނަޕޯލީ ވަނީ ރޭ ލީގުގެ ނުވަ ވަނައިގައި އޮތް މޮންޒާ އަތުން 2-0 އިން ބަލިވެފަ އެވެ.

ބޮލޯނިއާއާ 0-0 އިން އެއްވަރުވެ، ހޯސޭ މޮރީނިއޯގެ ރޯމާ އަށް ވަނީ ގަދަ ހަތަރެއްގައި ނިންމަން ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ރޯމާ، ހަ ވަނައިގައި އޮތީ 35 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ.