Advertisement

ޒިންޗެންކޯ އަށް ސީޒަން ނުނިމޭ: އާޓެޓާ

14 މޭ 2023 - 18:23 0


ޒިންޗެންކޯ އަށް ސީޒަން ނުނިމޭ: އާޓެޓާ

14 މޭ 2023 - 18:23 0

ލަންޑަން (މެއި 14) - އަނިޔާގައި ހުރި އާސެނަލްގެ ޔޫކްރެއިން ޑިފެންޑަރު، އޮލެކްސަންޑާ ޒިންޗެންކޯ މި ސީޒަންގައި ބާކީ އޮތް މެޗުތަކުގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި އާސެނަލްގައި މި ސީޒަންގައި ބާކީ އޮތް ތިން މެޗުގައި އަނިޔާގެ ސަބަބުން ޒިންޗެންކޯ އާއި އެ ޓީމުގެ ޑިފެންޑަރު ވިލިއަމް ސަލީބާ އަށް ނުކުޅެވޭނެ އެވެ.

އެހެން ނަމަވެސް، އާޓެޓާ ބުނީ މި ސީޒަންގައި ޒިންޗެންކޯ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަމަކު، އިނގިރޭސި ލީގުގައި މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ޒިންޗެންކޯ ނުފެންނާނެ އެވެ. އަނިޔާގައި ހުރި އެ ޓީމުގެ ޑިފެންޑަރު ވިލިއަމް ސަލީބާ އަށް މި ސީޒަންގައި ބާކީ އޮތް މެޗުތަކުގައި ކުޅުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

"ސަލީބާ އަށް (މިރޭ) ބްރައިޓަން މެޗުގައި ނުކުޅެވޭނެ. އަދި ކުރިއަށް އޮތް މެޗުގައި ވެސް ކުޅެވޭނެކަމެއް ނޭނގޭ،" އާޓެޓާ ބުންޏެވެ.

އާސެނަލް ތާވަލްގެ ދެ ވަނައިގައި މި ވަގުތު އޮތީ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ އެއް ޕޮއިންޓް ފަހަތުގަ އެވެ. އާސެނަލް ވަނީ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެފަ އެވެ.

އެހެންކަމުން، ލީގު ހޯދުމަށް އާސެނަލް އިން ކުރަމުންދާ އުންމީދުތަކަށް ލީގުގައި ބާކީ އޮތް ތިން މެޗުން މޮޅުވުން ވަރަށް މުހިންމެވެ.

މި ސީޒަނުގައި އާސެނަލުން ބޮޑުބައި ލީގުގެ އެއް ވަނައިގައި އޮތް ނަމަވެސް ސީޒަނުގެ ފަހުކޮޅުގައި ޕްރެޝަރަށް ވެއްޓި، ލީގުގެ އެއް ވަނަ މަގާމު ވަނީ ގެއްލިފަ އެވެ. އެކަމަކު، އާޓެޓާ ހުރީ ސީޒަނުގެ ފަހު މެޗާ ހަމައަށް އޮތް ފުރުސަތެއްގެ ބޭނުންހިފައި ލީގަށް ވާދަކުރުމަށެވެ.