Advertisement

ބޮޑު ތޫފާނެއް އަންނާތީ ބަންގްލަދޭޝާއި މިޔަންމާގެ އެތައް ހާސް ބަޔަކު އިވެކުއޭޓްކޮށްފި

ތޫފާން މޯކާ ދަތުރު ކުރަނީ ގަޑިއަކު 240 ކިލޯމީޓަރު ބާރުމިނުގައި. -- ފޮޓޯ: އޭއެފްޕީ


ބޮޑު ތޫފާނެއް އަންނާތީ ބަންގްލަދޭޝާއި މިޔަންމާގެ އެތައް ހާސް ބަޔަކު އިވެކުއޭޓްކޮށްފި

ސިތުވޭ، މިޔަންމާ (މޭ 13) - ފާއިތުވި 10 އަހަރު ތެރޭގައި ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާނަށް ތައްޔާރުވުމުގެ ގޮތުން ބަންގްލަދޭޝާއި މިޔަންމާއިން އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވެއްޖެ އެވެ.

ތޫފާން މޯކާ ދަތުރު ކުރަމުން ދިޔައީ ގަޑިއަކު 240 ކިލޯމީޓަރު ބާރުމިނުގަ އެވެ. އާދީއްތަ ދުވަހުގެ ހެނދުނު ބަންގްލަދޭޝްގެ އައްސޭރިފަށަށް ތޫފާން ފޯރާއިރު ބާރު ކުޑަވާނެ ކަމަށް ބެލެވެ އެވެ.

ތޫފާން އެންމެ ފުރަތަމަ އަރާނީ މިލިއަނަކަށް ވުރެ ރޮހިންޔާ ރެފިއުޖީން ބަންގްލަދޭޝްގައި ދިރިއުޅޭ ކޮކްސަޒް ބާޒާރާއި މިޔަންމާގެ ހުޅަނގު އައްސޭރިފަށުން ސިތުވޭ ސަރަހައްދަށެވެ.

ކޮކްސަޒް ބާޒާރުގައި އުޅޭ 190،000 މީހުންނާއި ޗިއްޓަގޮންގްގައި އުޅޭ 100،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް ބަންގްލަދޭޝްގެ އިދާރާތަކުން ބުނެ އެވެ.

ބަންގްލަދޭޝްގެ މޫސުން ލަފާކުރާ ފަރާތްތަކުން ބުނީ ތޫފާނާ އެކު ހަތަރު މީޓަރު އުސް ރާޅު ޖެހުން އެކަށީގެންވާ ކަމަށާއި އައްސޭރިފަށުގެ ހިސާބުތަކުގައި ފެންބޮޑުވުން ގާތް ކަމަށެވެ.

މިޔަންމާގެ ރެޑް ކްރޮސްއިން ބުނީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ އިދާރާތަކުން ބުނީ މިއީ ތޫފާން ސިދްރްއަަށް ފަހު އެ ގައުމަށް ކުރިމަތިވާ އެންމެ ބާރުގަދަ ތޫފާން ކަމަށެވެ. ނޮވެމްބަރު 2007 ގައި އެރި ތޫފާން ސިދްރްގައި 3000 މީހުން މަރުވި އެވެ.