13 މޭ 2023 - 19:44 0
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އިލެކްޝަންސްގެ އޮފިޝަލުން ހަރަކާތްތެރި ވަނީ. އީސީގެ އަމާޒަކީ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާނުކުރުން އަވަސްކުރަން -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
13 މޭ 2023 - 19:44 0
ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށްޓަކަށް ރަޖިސްޓްރީކުރާ މީހުންގެ އަދަދު މަދުކޮށް، ވޯޓު ފޮށި އިތުރު ކުރަނީ ވޯޓު ގުނުން ފަސޭހަކޮށް، ނަތީޖާ އިއުލާނުކުރުން އެހެން ފަހަރުތަކަށް ވުރެ އަވަސް ކުރަން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "އަދަދު" ނޫހަށް ވިދާޅުވީ ވޭތުވެދިޔަ ރިޔާސީ އިންތިހާބުތަކުގައި ވޯޓު ފޮއްޓަކަށް ރަޖިސްޓްރީ ކުރަނީ 1،000 މީހުނަށް ވުރެ ގިނައިން ކަމަށެވެ. ނަމަވެސް މި ފަހަރު ފޮއްޓަކަށް ރަޖިސްޓްރީ ކުރާ އަދަދު 800 އަށް ދަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަތީޖާއަކަށް ވާނީ ވޯޓު ގުނުމުގެ އިދާރީ ކަންކަން އަވަސްވެ، ނަތީޖާ އިއުލާނުކުރުން އަވަސް ވެގެން ދިޔުން. އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް މިފަހަރަށް،" އޭނާ ވިދާޅުވި އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި މުޅި ރާއްޖޭގައި ބަހައްޓާފައި ވަނީ 472 ވޯޓު ފޮއްޓެވެ. މިފަހަރުގެ ބަދަލާއެކު ވޯޓު ފޮށީގެ އަދަދު 600 އަށް އަރާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 280،000 އަށް އަރާއިރު، ރާއްޖޭގެ އާބާދީގެ އެންމެ ގިނަ މީހުން ދިރިއުޅޭ މާލޭގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެ އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، މިހާރު ވެސް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ކޮންމެ ރަށެއްގެ ވޯޓާސް ލިސްޓު ބަލައިލެވޭނެ އެވެ. މިގޮތަށް ލިސްޓެއް ފެންނަ ގޮތް ހެދީ ޝަކުވާ ހުށަހަޅަން ފުރުސަތު ދީ، ފުރިހަމަ ލިސްޓެއް އެކުލަވާލުމަށް ކަމަށް ހަސަން ވިދާޅުވި އެވެ.
"މި މަހުގެ ނިޔަލަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ. ޝަކުވާތައް ބެލުމަށް ފަހު ބަދަލުތައް ގެންނާނަން،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު، ފުރަތަމަ ބުރު ސެޕްޓެމްބަރު 9 ގައި ބާއްވަން ކަނޑައަޅާފައި ވާއިރު، ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އޮންނާނީ ސެޕްޓެމްބަރު 30 ގަ އެވެ. އިންތިހާބުގައި ވާދަކުރަން ހުޅުވާލާނީ ޖުލައި 23 އިން އޮގަސްޓު 3 ގެ ނިޔަލަށެވެ.
Comment