Advertisement

މާޓީނޭޒަށް ޗެލްސީ، ޔުނައިޓެޑް އަދި ޓޮޓެންހަމްގެ އޮފާ ލިބިފައިވޭ

12 މޭ 2023 - 11:26 0


މާޓީނޭޒަށް ޗެލްސީ، ޔުނައިޓެޑް އަދި ޓޮޓެންހަމްގެ އޮފާ ލިބިފައިވޭ

12 މޭ 2023 - 11:26 0

ލަންޑަން (މެއި 12) - އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ގައުމީ ޓީމުގެ ކީޕަރު އެމިލިއާނޯ މާޓީނޭޒްގެ ސޮއި ހޯދަން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމް ހޮޓްސްޕާސް އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހު އެސްޓަން ވިލާއާ އެކު އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި މާޓީނޭޒް، 30، މި ސީޒަނަށް ފަހު ކްލަބް ބަދަލުކުރާނެ ކަމަށް ދެކުނު އެމެރިކާ އާއި އާޖެންޓީނާގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ޓައިކް ސްޕޯޓްސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ދެކުނު އެމެރިކާގެ ނޫސްވެރިޔާ، ގެސްޓޮން އެޑުލް ރިޕޯޓްކޮށްފައިވާ ގޮތުގައި ފީފާ އިން އެންމެ ފަހުން ހޮވި އެންމެ މޮޅު ގޯލްކީޕަރަށް ދޭ ބެސްޓް އެވޯޑްސް ހޯދި މާޓިނޭޒް މި ސީޒަނަށް ފަހު މިހާރު ކުޅެމުން އަންނަ އެސްޓަން ވިލާ ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.

"މާޓީނޭޒް ދެން ގުޅޭނީ އިނގިރޭސި ކްލަބަކާ ކަމަށް ބެލެވެނީ. އޭނާ އަށް އެބައޮތް، ޓޮޓެންހަމް، ޗެލްސީ އަދި ޔުނައިޓެޑްގެ އޮފާތަކެއް،" އެޑުލް ރިޕޯޓްކޮށްފައިވެ އެވެ.

އާޖެންޓީނާގެ އިންޑިޕެންޑިއެންޓޭ ޓީމަށް ކުޅެމުން އަންނަނިކޮށް، އާސެނަލުން މާޓީނޭޒަށް ޓްރަޔަލެއް ހަމަޖައްސައިދިނީ އޭނާގެ އުމުރުން އެންމެ 17 އަހަރުގަ އެވެ. މާޓީނޭޒް އާސެނަލްގައި ހޭދަކުރި ދިހަ އަހަރު ތެރޭ ގިނަ ފަހަރު ކުޅެފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އެހެން ޓީމުތަކަށެވެ. އެ ގޮތުން އިނގިރޭސި ދަށް ޑިވިޝަންތަކުގެ ގިނަ ޓީމުތަކަށް ވެސް ކުޅެފައިވެ އެވެ. މާޓީނޭޒް ލޯން އުސޫލުން ބަދަލުވި ޓީމުތަކުގެ ތެރޭގައި އޮކްސްފޯޑް ޔުނައިޓެޑް، ޝެފީލްޑް ވެނެސްޑޭ، ރޮތާހަމް ޔުނައިޓެޑް، ވުލްވްސް، ގެޓަފޭ އަދި ރެޑިން ހިމެނެ އެވެ.

މާޓީނޭޒްގެ ވިދުން ގަދަވާން ފެށި ހިސާބަކީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ މެޗެއްގެ ތެރެއިން އާސެނަލްގެ އޭރުގެ ގޯލްކީޕަރު ޖަރުމަނުގެ ބާން ލޭނޯ އަށް އަނިޔާވެގެން އޭނާގެ ބަދަލުގައި މާޓީނޭޒަށް ކުޅެލަން ފުރުސަތު ލިބުމެވެ. އެ ފަހަރު، މާޓީނޭޒް ވަނީ ފުރުސަތުގެ ބޭނުންހިފައި އާސެނަލް ގޯލުގައި މޮޅު ކުޅުމެއް ދައްކައިފަ އެެވެ.

އާސެނަލުން 2020 ވަނަ އަހަރު، ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، ގޯލު ބެލެހެއްޓީ މާޓީނޭޒް އެވެ. އޭގެ ފަހުން، ޖެހިގެން އައި ސީޒަނުގައި އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ލިވަޕޫލް އަތުން ޕެނަލްޓީ ޖަހައިގެން އާސެނަލް މޮޅުކޮށްދިނުމުގައި ވެސް ތަފާތަކީ މާޓީނޭޒް އެވެ. ކީޕަރު ލެނޯ އާސެނަލް ޓީމަށް އެނބުރި އަންނާނެކަން ޔަގީންވުމާ އެކު، އާސެނަލްގައި އޭނާގެ މުސްތަގުބަލާ މެދު "ސާފު މަންޒަރެއް" ފެންނަން ނެތް ކަމަށް ބުނެ، 22 މިލިއަން ޑޮލަރުގެ ފީ އަކަށް މާޓީނޭޒް ބަދަލުވީ، 2020 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެސްޓަން ވިލާ އަށެވެ.

މާޓީނޭޒަށް އިޓަލީ އާއި ސްޕެއިން އަދި ޖަރުމަނުގެ ކްލަބްތަކުން ވެސް ޝައުގުވެރިވެ އެވެ.