Advertisement

ލެބަނަން ވެސް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ

9 މޭ 2023 - 14:30 0

2019 ވަނަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ލެބަނަން އިން ކޮލަމްބޯގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން: ފީފާ ސަސްޕެންޝަނުގެ ސަަބަބުން ލަންކާ މި ފަހަރުގެ ސާފްގައި ނުކުޅުނަސް ދައުވަތުދޭ ސްލޮޓެއްގައި ލެބަނަން މި ފަހަރުގެ މުބާރާތުން ފެނުމުގެ ފުރުސަތު ބޮޑު.-- ފޮޓޯ: ގެޓީއިމޭޖަސް


ލެބަނަން ވެސް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ

9 މޭ 2023 - 14:30 0

އަންނަ މަހުގެ 23 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނެ އަށް ވަނަ ގައުމަކީ ލެބަނަން ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ އޮފިޝަލަކު ބުނެފި އެވެ.

މި މަހު ހަ ވަނަ ދުވަހު ބޭއްވި ސާފްގެ ބައްދަލުވުމުގައި ނިންމާފައިވަނީ މި ފަހަރުގެ ޖޫން 23 އިން ޖުލައި 4 އަށް ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ސާފުން ކުޅެވޭ ހަ ގައުމުގެ އިތުރުން ސާފުން ބޭރުން ދެ ގައުމަށް ދައުވަތު ދީގެން އަށް ޓީމުގެ މެދުގައި މުބާރާތް ބާއްވާށެވެ. އެ ގޮތުން، ދައުވަތު ފޮނުވި ގައުމުތަކުގެ ތެރެއިން ކުވެއިތާއި ލެބަނަން ވަނީ މުބާރާތުގައި ކުޅެން ނިންމައިފަ އެވެ.

"ލެބަނަން އާއި ކުވެއިތު އެ އޮތީ ދައުވަތު ގަބޫލުކޮށްފައި. އެހެންވީމަ، މި ދެ ޓީމާ އެކު ސާފް މުބާރާތް ފޯރިގަދަވާނެ ކަމަށް މި ބަލަނީ،" ސާފްގެ އޮފިޝަލަކު ބަންގްލަދޭޝް މީޑިއާ އަށް ބުނެފައިވެ އެވެ.

މި މަހު 15 ވަނަ ދުވަހު ސާފް އިން މުބާރާތުގައި ކުޅޭނެ ހުރިހާ ޓީމެއް ފައިނަލް ކުރާއިރު، ސާފްގެ ގައުމުތަކުގެ ތެރެއިން ވާދަކުރަނީ އަށް ފަހަރު ތަށި ހޯދާފައިވާ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާގެ އިތުރުން ރާއްޖެ، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ. ސްރީ ލަންކާ އޮތީ ފީފާގެ ސަސްޕެންޝަނެއްގައި ކަމަށްވާތީ އެ ޓީމަށް މުބާރާތުގައި ކުޅެވޭނެ މަގެއް ނެތެވެ.

ދުނިޔޭގެ ރޭންކިން 99 ވަނައިގައި އޮތް ލެބަނަން އިން ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ދިން ދައުވަތު ގަބޫލުކުރިއިރު، އެ ޓީމުން ޖޫން މަސް ތެރޭގައި އިންޑިއާގައި ބާއްވާ އިންޓަކޮންޓިނެންޝިއަލް މުބާރާތުގައި ވެސް ކުޅޭނެ އެވެ. ސާފްގެ ކުރިން ޖޫން 9-18 އަށް ކުޅޭ މި މުބާރާތުގައި ބައްދަލުކުރަނީ އިންޑިއާ އާއި ލެބަނަންގެ އިތުރުން ވަނުއާޓޫ އަދި މޮންގޯލިއާ އެވެ.

މި ފަހަރު ރޭވިފައިވާ ގޮތަށް އަށް ގައުމުގެ މެދުގައި އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކުޅެފައިވަނީ 2013 ވަނަ އަހަރު ނޭޕާލުގައި ހޯސްޓްކުރި މުބާރާތުގަ އެވެ. އެންމެ ފަހުން، 2021 ވަނަ އަހަރު ރާއްޖޭގައި ހޯސްޓްކުރި ސާފް ޗެމްޕިއަންޝިޕްގައި ކުޅެފައިވަނީ ފަސް ގައުމުންނެވެ. ލީގު ބުރެެއް ކުޅެފައި، ފައިނަލުގައި ކުޅުނީ ލީގު ބުުރުގެ އެއް ވަނަ އާއި ދެ ވަނަ އެވެ.