Advertisement

ލޯރިއަސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިއަކަށް މެސީ، އެންމެ މޮޅު ޓީމަކަށް އާޖެންޓީނާ

9 މޭ 2023 - 11:25 0


ލޯރިއަސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިއަކަށް މެސީ، އެންމެ މޮޅު ޓީމަކަށް އާޖެންޓީނާ

9 މޭ 2023 - 11:25 0

ޕެރިސް (މެއި 9) - ލޯރިއަސް ސްޕޯޓްސް އެވޯޑްސް އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަށް ލިބުނުއިރު، އެންމެ މޮޅު ޓީމުގެ މަގާމު ލިބުނީ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ގައުމީ ޓީމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބުކުރިއިރު، އެ ޓީމުގެ ކެޕްޓަން މެސީ ވަނީ މުބާރާތުގައި ވިދާލައިފަ އެވެ. މި މުބާރާތުގައި މެސީ ހަތް ލަނޑު ޖަހައި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ.

މެސީ އަކީ ލޯރިއަސް ސްޕޯޓްސް އެވޯޑްސްގެ ތާރީހުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ޓީމުގެ އެވޯޑް ވެސް އެއް އަހަރެއްގައި ލިބުނު ފުރަތަމަ އެތުލީޓެވެ.

"މިއީ ވަރަށް ހާއްސަ އެވޯޑެއް،" ޕީއެސްޖީ އަށް ކުޅެމުންދާ މެސީ ،35، ބުންޏެވެ.

"ހާއްސަކޮށް ޕެރިހުގައި މި އަހަރު މި އެވޯޑް ނައިޓް އޮތުމަކީ ވަރަށް ބޮޑު އުފަލެއް. ޕެރިހަކީ 2021 ވަނަ އަހަރުން ފެށިގެން އަހަރެން އާއިލާއާ އެކު ދިރިއުޅެމުން އަންނަ ސިޓީ."

މި މަގާމަށް މެސީއާ ވާދަކުރި އެތުލީޓުންގެ ތެރޭގައި ފްރާންސްގެ ފޯވަޑް ކިލިއަން އެމްބާޕޭ އާއި ފޯމިއުލާ ވަންގެ ޑްރައިވަރު މެކްސް ވެސްޓާޕަން އާއި ޓެނިސް ތަރި ރަފައެލް ނަޑާލް އަދި އެންބީއޭގެ މަގްބޫލު ކުޅުންތެިރޔާ ސްޓެފަން ކަރީ ހިމެނެ އެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ލިބުނީ ޖެމެއިކާގެ ޝެލީ އޭން ފްރޭޒާ ޕްރައިސް އަށެވެ. ޝެލީ ވަނީ މިދިޔަ އަހަރު އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި 100 މީޓަރުގެ ރަން މެޑަލް ހޯދައިފަ އެވެ. ޝެލީ އަކީ ވޯލްޑް ޗެމްޕިއަންޝިޕެއްގެ އިންޑިވިޑުއަލް އިވެންޓްތަކުގައި ފަސް ރަން މެޑަލް ހޯދި ފުރަތަމަ އެތުލީޓެވެ.