Advertisement

އޮސްޓްރޭލިއާގެ ކުންފުންޏަކަށް ޒިމްބާބުވޭއިން ތެލާއި ގޭސް ފެނިއްޖެ

ތެޔޮ ކާރުހާނާއެއް. -- ފޮޓޯ: އޭއެފްޕީ


އޮސްޓްރޭލިއާގެ ކުންފުންޏަކަށް ޒިމްބާބުވޭއިން ތެލާއި ގޭސް ފެނިއްޖެ

ހަރާރޭ، ޒިމްބާބުވޭ، (މޭ 9) - ޒިމްބާބުވޭގެ މީހުން މަދު އިރުއުތުރު ސަރަހައްދަކުން ތެލާއި ގޭސް އަދި ހީލިއަމް ފެނިފައިވާ ކަމަށް އޮސްޓްރޭލިއާގެ ކުންފުނި، އިންވިކްޓަސް އެނާޖީއިން ހޯމަ ދުވަހު އިއުލާންކޮށްފި އެވެ.

ޒިމްބާބުވޭއިން މުއްސަނދި ގުދުރަތީ ވަސީލަތްތައް ފެނުނީ ގިނަ މަސްތަކެއް ވަންދެން ކުރި ބުރަ މަސައްކަތުންނެވެ. ޒިމްބާބުވޭ އާއި މޮޒަމްބީކް ގުޅޭ ބޯޑަރު ކައިރިން ނެގި ސާމްޕަލްތަކުގެ ތަހުލީލުން ދެއްކި ގޮތުގައި އެ ތަނުގައި "ލައިޓް އޮއިލް، ގޭސް، ހީލިއަމް" އެބަ ހުއްޓެވެ.

މި ނަތީޖާއިން ޔަގީންވަނީ އެ ސަރަހައްދުގެ ގިނަ ވަޅުތަކުގައި ގުދުރަަތީ މުއްސަނދިކަން ހުރިކަމުގައި ކަމަށް އިންވިކްޓަސް އެނާޖީއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ސަރަހައްދުން ސާފު ނުކުރާ ތެޔޮ ފެނޭތޯ އެމެރިކާގެ ކުންފުނި އެކްސޮން މޮބިލްއިން މަސައްކަތްކޮށް، ކާމިޔާބު ނުވެގެން ހުއްޓާލީ މީގެ 30 އަހަރު ކުރިންނެވެ.

އާ ހޯދުމާ އެކު ޒިމްބާބުވޭގައި ފުރަތަމަ ފަހަރަށް ގޭސް އުފައްދައި، އެ ގައުމުގެ ހަކަތައިގެ ނިޒާމު ވަރުގަދަ ކުރެވޭނެ އެވެ. ޒިމްބާބުވޭއަކީ ކަރަންޓާއި ހަކަތައިގެ ދަތިކަން ވަރަށް ބޮޑަށް އޮތް ގައުމެކެވެ. އެގޮތުން ބައެއް ދުވަސް ދުވަހު 19 ގަޑިއިރަށް ވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑެ އެވެ.

އިންވިކްޓަސް އެނާޖީއިން ޒިމްބާބުވޭގެ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް މަސައްކަތް ފެށީ 2018 ގަ އެވެ. އެ ކުންފުނިން ރާވާފައި ވަނީ ޒިމްބާބުވޭގެ ގައުމީ ކަރަންޓު ގްރިޑަށް ހަކަތަ ސަޕްލައި ކުރަން ގޭހުން ހަކަތަ އުފެއްދޭނެ ފެސިލިޓީއެއް އެޅުމަށެވެ.

އެއްބަސްވުމުގެ ދަށުން އިންވިކްޓަސް އެނާޖީއިން އުފައްދާ ހަކަތައިގެ ގާތްގަނޑަކަށް 60 ޕަސެންޓު ދޭން ޖެހޭނީ ސަރުކާރަށެވެ. އެހެންކަމުން މިއީ ރައީސް އެމެސަން މްނަންގަގްވާގެ ސަރުކާރަށް ބޮޑު ކާމިޔާބެކެވެ.