7 މޭ 2023 - 10:20 0
ސާފްގެ ނައިބު ރައީސަކަށް އިންތިހާބުވެވަޑައިގަތް އަލީ އުމަރު.-- ފޮޓޯ: އަލީ އުމަރު/ފޭސްބުކް
7 މޭ 2023 - 10:20 0
ދެކުނު އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ކުރިއަށް އޮތް ހަތަރު އަހަރުގެ މުއްދަތަށް އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު އިންތިހާބުވެއްޖެ އެވެ.
އަލީ އުމަރު ވަނީ މީގެ ކުރިން ވެސް ސާފް އެގްޒެކްޓިވް ކޮމިޓީގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ.
ބަންގްލަދޭޝްގެ ޑާކާގެ އިންޓަކޮންޓިނެންޝިއަލް ހޮޓަލުގައި އިއްޔެ ބޭއްވި ސާފްގެ ކޮންގްރެސްގައި އަލީ އުމަރުގެ އިތުރުން 2023-2027ގެ ޓާމަށް ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ ނޭޕާލުގެ ސުންދަރު ނަރްސިންގް ޖޯޝީ އެވެ. ސާފްގެ ނައިބު ރައީސްގެ މަގާމު މިދިޔަ އަހަރު ޖުލައި މަހު ބޭއްވި އެންމެ ފަހުގެ ކޮންގްރެސް އިން ފެށިގެން އޮތީ ހުސްކޮށެވެ.
އިއްޔެ ބޭއްވި ސާފްގެ ކޮންގްރެސްގައި އޯލް އިންޑިއާ ފުޓްބޯލް ފުޓްބޯޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ޖެނެރަލް ސެކްރެޓަރީ، ޝާޖީ ޕްރަބާކަރަން ވަނީ ސާފްގެ ފަރާތުން މަންދޫބެއްގެ ގޮތުގައި އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ މަގާމުގައި 2023-2027 އަށް ހުންނާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް، އަލީ އުމަރު، ގައުމީ ފުޓްބޯޅަ ޓީމަށް 14 އަހަރު ކުޅުއްވި އެވެ. އަލީ އުމަރު 2013 ވަނަ އަހަރަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމަވާލެއްވުމަށް ފަހު ދެން މަސައްކަތް ފެއްޓެވީ ކުޅިވަރުގެ އެޑްމިނިސްޓްރޭޝަން ދާއިރާގަ އެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ހަވާލުވެވަޑައިގަތީ ފީފާ އިން އެފްއޭއެމް ހިންގަން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރެއްގެ ގޮތުގަ އެވެ.
އޭގެ ފަހުން، އެފްއޭއެމްގެ ރައީސްގެ މަގާމް، ކުރީގެ އެއް ވަނަ ފޯވާޑް، އަހުމަދު ތޯރިގް (ޓޮމް) ފުރުއްވިއިރު ނައިބް ރައީސްގެ މަގާމް އަލީ އުމަރު އަދާކުރެއްވި އެވެ. އެކަމަކު، އެ ފަހަރުގެ ލީޑަޝިޕާ އުފެދުނު ހިޔާލުތަފާތުވުންތަކެއް އުފެދި އެ މަގާމުން ފަހުން އިސްތިއުފާ ދެއްވިއިރު ބައްސާމްގެ ފުރަތަމަ ދައުރުގައި އަލުން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް އައްޔަނުކުރި އެވެ. އެކަމަކު، ފަހުން ފެނުނީ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުންނެވެ.
އެހެން ނަމަވެސް، 2019 ވަނަ އަހަރު ސްޕޯޓްސް ކޮމިޝަަނަރުގެ މަގާމުން ވަކިކުރުމުން، އަލުން އެފްއޭއެމްގެ މަގާމަކާ ހަވާލުވެވަޑައިގެންނެވި އެވެ. އަދި އެންމެ ފަހުން، ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި 2020 ވަނަ އަހަރު ނައިބު ރައީސްގެ މަގާމަށް އިންތިހާބުވި އެވެ. ސާފްގެ ނައިބު ރައީސްގެ މަގާމު ކުރިއަށް އޮތް ހަތަރު އަހަރު ވަންދެން އަލީ އުމަރު ފުރުއްވާނެ އެވެ.
Comment