Advertisement

ސާފް ޗެމްޕިއަންޝިޕްގެ ތާރީހަށް އަދި ބަދަލެއް ނެތް، ކުވެއިތު ފެނިދާނެ!

6 މޭ 2023 - 14:06 0

2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ނޭޕާލް އާއި އިންޑިއާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު ފައިލް ފޮޓޯ


ސާފް ޗެމްޕިއަންޝިޕްގެ ތާރީހަށް އަދި ބަދަލެއް ނެތް، ކުވެއިތު ފެނިދާނެ!

6 މޭ 2023 - 14:06 0

އިންޑިއާގެ ބެންގަލޫރުގައި އަންނަ މަހުގެ 21 އިން ޖުލައި ތިން ވަނަ ދުވަހުގެ ނިޔަލަށް ކުޅޭ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް، ކުރިން ކަނޑައެޅި އެ ތާރީހުގައި ކުރިއަށްދާނެ ކަމަށާއި މުބާރާތުން ކުވެއިތު ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ސާފް އިން ބުނެފި އެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަސްތެރޭ ދެކުނު އޭޝިއާގެ ބައެއް ގައުމުތަކުގެ މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސާފް ޗެމްޕިއަންޝިޕް މި އަހަރުގެ ޑިސެމްބަރު މަހަށް ރީޝެޑިއުލްކުރުމުގެ ވާހަކަތަކެއް ދެކެވިފައިވެ އެވެ.

އެކަމަކު، މިއަދު ބޭއްވި ސާފް ކޮންގްރެސްގައި ކުރެވުނު މަޝްވަރާތަކަށް ފަހު ނިންމާފައިވަނީ ހަމަ ކުރިން އޮތް ތާރީހުގައި މުބާރާތް ބޭއްވުމަށެވެ.

އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެހެން ސަރަހައްދުތަކުގެ އެއް ގައުމަށް ވުރެ ގިނަ ގައުމުތަކަށް ދައުވަތުދީގެން ކުޅެން ނިންމާފައިވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ އަށް ގައުމުގެ މެދުގައި ކުޅެވޭ ފޯމެޓަކަށެވެ.

އެ ގޮތުން، މުބާރާތުގައި ކުޅޭ ހުރިހާ ގައުމުތައް ފައިނަލް ވާނީ މި މަހު 20 ނޫނީ 21 ގައި ބާއްވާ ގުރުއަތުލުމާ ހަމައަށް ކަމަށް ސާފް އިން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ހާމަކޮށްފަ އެވެ.

އެ ގޮތުން، ސާފް އިން ދީފައިވާ މައުލޫމާތަށް ބަލާއިރު، މުބާރާތުން ކުވައިތު ފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ. ދެން، މުބާރާތުގައި ވާދަކުރަން ދައުވަތު ދީފައިވާ ގައުމުތަކަށް ބަލާއިރު، ތައިލެންޑް ސައުދީ އަރަބިއްޔާ، މެލޭޝިއާ، ޖޯޑަން، ބަހްރޭން، ސިންގަޕޫރު އަދި އިންޑޮނީޝިއާ ވެސް ހިމެނެ އެެވެ. މީގެ ތެރެއިން ދެ ގައުމެއް މި ފަހަރު ސާފްގައި ފެނުމުގެ ފުރުސަތު ބޮޑެވެ.

ދައުވަތު ގަބޫލުކޮށް ބައިވެރިވުމުގެ ފުރުސަތު ލިިބިއްޖެނަމަ، ސައުދީ އަރަބިއްޔާ އިން ފޮނުވާނީ 23 އަހަރުން ދަށުގެ ޓީމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފީފާ ސަސްޕެންޝަނެއްގައި ސްރީ ލަންކާ އޮތުމުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެ ގައުމު ފެންނާނެ ކަމަށް ނުބެލެވެ އެވެ.

މި އަހަރުގެ މުބާރާތުގައި އެންމެ ފަހުން، 2021 ވަަނަ އަހަރުގައި ނުފެނުނު ދެ ޓީމު ކަމަށްވާ ޕާކިސްތާނާއި ބޫޓާން ކުޅުމުގެ ފުރުސަތު ބޮޑެވެ. ސަސްޕެންޝަނަކުން ސަލާމަތްވެ، ފުޓްބޯޅައިގެ މަސައްކަތް އަނެއްކާ ވެސް ހިނގައިގަނެފައިވާ ޕާކިސްތާން ދާދި ފަހުން ރާއްޖޭގައި ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އަދި ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ އަށް ހުއްޓުމެއް އައި ބޫޓާނުން ވެސް ވަނީ ދާދި ފަހުން ނޭޕާލްގައި ބޭއްވި އިންޓަނޭޝަނަލް ކުރު މުބާރާތެއްގައި ކުޅެފަ އެވެ.

މި ފަހަރު ރޭވިފައިވާ ގޮތަށް އަށް ގައުމުގެ މެދުގައި އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކުޅެފައިވަނީ 2013 ވަނަ އަހަރު ނޭޕާލުގައި ހޯސްޓްކުރި މުބާރާތުގަ އެވެ. އެންމެ ފަހުން، 2021 ވަނަ އަހަރު ރާއްޖޭގައި ހޯސްޓްކުރި ސާފް ޗެމްޕިއަންޝިޕްގައި ކުޅެފައިވަނީ ފަސް ގައުމުންނެވެ. ލީގު ބުރެެއް ކުޅެފައި، ފައިނަލުގައި ކުޅުނީ ލީގު ބުުރުގެ އެއް ވަނަ އާއި ދެ ވަނަ އެވެ.