6 މޭ 2023 - 11:19 0
އަހުމަދު އާއިދު
6 މޭ 2023 - 11:19 0
ޕްރައިމަރީ ހެލްތުގެ ނިޒާމު އާލާކޮށް ހަރުދަނާކުރުމަށް ރޭ ފ. އަތޮޅުގައި ރަސްމީކޮށް ފެށި މަސައްކަތުގެ ސަބަބުން ސިއްހީ ދާއިރާއަށް އިންގިލާބީ ހެޔޮ ބަަދަލުތަކެއް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ޕްރައިމަރީ ހެލްތުކެއާ ހަރުދަނާކުރުމުގެ މަސައްކަތް ފެށުމަށް ފ. ނިލަންދޫގައި ބޭއްވި ހަފުލާގައި ވާހަކަދައްކަމުން ނަސީމް ވިދާޅުވީ އެ ނިޒާމަކީ އައު ނިޒާމެއް ނޫން ކަމަށާއި މީގެ ކުރިން ރާއްޖޭގައި ބަލިތައް ކޮންޓްރޯލްކޮށް އަދި ނައްތާލުމުގައި ކުރި އެންމެ އާސާސީ މަސައްކަތަކީ އޭރުގެ ހެލްތު ވޯކަރުން ގޭގެއަށް ގޮސް ސީދާ ރައްޔިތުންނާ ގުޅިގެން ކުރި މަސައްކަތްތައް ކަމަށެވެ.
އެ މަސައްކަތަކީ، ހާއްސަކޮށް ރަށު ފެންވަރުގައި މިހާތަނަށް ލިބެމުންދިޔަ ސިއްހީ ހިދުމަތަށް އިންގިލާބީ ހެޔޮބަދަލުތަކެއް ގެނެސްދޭނެ އުންމީދީ މަސައްކަތެއް ކަމަށާއި ސިއްހީ ރަނގަޅު އާދަތަކަށް އަހުލުވެރި ޖީލެއް އުފެއްދުމަށާއި ސިއްހީ ހާލަތު ދުރާލާ ދެނެގަތުމައް އެ މަސައްކަތުގެ ދަށުން އެހީތެރިވެދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
"ކުރިންވެސް ސާބިތުކޮށްދީފައިވާ ފަދައިން، އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ޕްރައިމަރީ ހެލްތުކެއާގެ އުސޫލުތަކުގެ މައްޗަށް ބިންގާއެޅިގެންދެވޭ ހިދުމަތަކީ، ސިއްހީ ހިދުމަތުގެ މުޅި ނިޒާމު ހަރުދަނާކުރުމަށް އޮތް އެންމެ ފަހި މަގު،" ނަސީމް ވިދާޅުވި އެވެ.
ދައުލަތުގެ އިސްވެރިންނާއި ފ. އަތޮޅު ސިއްހީ ދާއިރާގެ ގިނަ މަސައްކަތްތެރިން ބައިވެރިވި ރޭގެ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ހަފުލާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ސިއްހީ ދުޅަހެޔޮކަމަށް އާންމު ފަރުދުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި ދުޅަހެޔޮ މުޖުތަމައަކަށް އެންމެންގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
އޭގެ އިތުރުން، ސަރުކާރުގެ ޕޭ ހާމަނައިޒޭޝަނުގެ ދަށުން މި މަހު ސިއްހީ ހިދުމަތްތެރިންގެ މުސާރައަށް ގެނެވުނު ހެޔޮ ބަދަލަކީ މިފަދަ މަސައްކަތެއް ފެށުމުގެ ކުރިން ސިއްހީ މަސައްކަތްތެރިންނަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
"މި މަހު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ސިއްހީ ދާއިރާއަށް (މުސާރައަށް) ހެޔޮބަދަލެއް (ރައީސް އިބްރާހިމް މުހައްމަދު ސޯލިހު) ގެނެސްދެއްވިތަން. ކުރިއަށް އޮތްތަނުގައި ދިމާވާ ކަންތައްތައް އަޅުގަނޑުމެންގެ ސަރުކާރުން ހައްލުކޮށް އެންމެނަށްވެސް ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރާނަން،" ނައިބު ރައީސް ވިދާޅުވި އެވެ.
ފ. އަތޮޅުގައި މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރެއިން އެ އަތޮޅުގެ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންގެ ހެލްތު ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ދެ މަހުގެ މަސައްކަތުން އެ އަތޮޅުގެ އާބާދީގެ 80 ޕަސެންޓު މީހުންގެ ސިއްހީ ހާލަތު ދަނެގަނެވޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
Comment