6 މޭ 2023 - 08:59 0
ފާތިމަތު ސާޔާ އަހުމަދު
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރްދާރީ. -- ފޮޓޯ: ރޮއިޓާޒް
6 މޭ 2023 - 08:59 0
ނިއު ދިއްލީ، އިންޑިއާ (މޭ 5) - ހަތް އަހަރަށް ފަހު ޕާކިސްތާނުގެ އިސް އޮފިޝަލަކު އިންޑިއާއަށް ވަޑައިގެންނެވުމުން ދިނީ ފިނި މަރުހަބާއެއް ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރްދާރީ އިންޑިއާއަށް ވަޑައިގެންނެވީ ހުކުރު ދުވަހު އެވެ. އޭނާ ގޯއާއަށް ވަޑައިގެންނެވީ ޝަންހާއީ ކޯޕޮރޭޝަން އޯގަނައިޒޭޝަންގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށެވެ.
އެ ބައްދަލުވުމުގައި އޭނާ ގޮވާލެއްވީ ޑިޕްލޮމެޓިކް ގޮތުން ކުރި ހޯދަން ޓެރަރިޒަމަކީ ހަތިޔާރަކަށް ހެދުން ހުއްޓާލުމަށެވެ. އެ ވާހަކައަށް އިންޑިއާގެ ފޮރިން މިނިސްޓަރު އެސް ޖޭޝަންކަރު ހޫނު ރައްދެއް ދެއްވި އެވެ.
"ޕާކިސްތާނުން ދައްކާ ވާހަކައިގައި ސައްހަކަން ގެއްލިގެން އެ ދަނީ އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް ހުސްވަމުންދާ ވަރަށް ވުރެ މާ އަވަހަށް،" ޕާކިސްތާނުގެ އިގުތިސާދީ ކާރިސާއަށް އިޝާރާތް ކުރައްވަމުން ޖޭޝަންކަރު ވިދާޅުވި އެވެ.
އިންޑިއާއިން ތުހުމަތު ކުރާ ގޮތުގައި ޕާކިސްތާނުގެ ސަރުކާރުން ޓެރަރިސްޓުންނަށް އެއްބާރުލުން ދެ އެވެ. އެގޮތުން ކަޝްމީރުގައި އިންޑިއާއާ ދެކޮޅު ގްރޫޕްތައް އުޅެނީ ޕާކިސްތާނުގެ އެހީއާ އެކު ކަމަށް އިންޑިއާއިން ބުނެ އެވެ.
އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އޮތް ރައްޔިތުންގެ ސަރުކާރު އުވާލައި، ސީދާ އިންޑިއާގެ މައި ސަރުކާރުން ބޭނުންވާ ގޮތަކަށް ކަޝްމީރުގެ ކަންކަން ގެންދަން ފެށުމުން، 2019 ވަނަ އަހަރު ޕާކިސްތާނުން ވަނީ އިންޑިއާއާ އެކު ވިޔަފާރި އާއި ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފަ އެވެ.
ޝަންހާއީ ކޯޕޮރޭޝަން އޯގަނައިޒޭޝަންގެ ބައްދަލުވުމަށް ވަޑައިގެންނެވި ގައުމުތަކުގެ ވެރިންނާއި އިންޑިއާގެ ފޮރިން މިނިސްޓަރު ބައްދަލުކުރެއްވި ނަމަވެސް، ޕާކިސްތާނުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާފައެއް ނުވެ އެވެ.
Comment