Advertisement

ބްލޫސްކައި: ޓްވިޓާގެ ތަހުތު އަތުލަފާނެތަ؟

ބައެއް މީހުންނަށް މި ޕްލެޓްފޯމް ކަމުދަނީ، މިއީ ޓްވިޓާއަށް މިއަދު ދިމާވެފައިވާ މަރުކަޒީ ހިންގުމުގެ ބަދަލުގަ ލާމަރުކަޒީ ހިންގުމެއް އޮތް ޕްލެޓްފޯމަކަށް ވާތީ


ބްލޫސްކައި: ޓްވިޓާގެ ތަހުތު އަތުލަފާނެތަ؟

ބްލޫސްކައިގެ ވާހަކަ އަޑު އިވުނު ހެއްޔެވެ؟ ނީވޭނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއީ ތަރުހީބު އިތުރުވަމުން އަންނަ އައު ސޯޝަލް މީޑިއާއެކެވެ.

ބްލޫސްކައި އަކީ ޓްވިޓާއެކޭ އެއްފަދައިން "މައިކްރޯ ބްލޮގިން" މަންސައެއް ނުވަތަ ޕްލެޓްފޯމެކެވެ. މިއީ ޓްވިޓާގެ ކޯފައުންޑާ އަދި ކުރީގެ ސީއީއޯ ޖެކް ޑޯސީގެ ބައިވެރިވުމެއް ވެސް އޮތް މަންސައެކެވެ. ފެންނަ ފެނުމަށް ބްލޫސްކައި ޓްވިޓާއާއި ވަރަށް އެއްގޮތެވެ.

ނަމަވެސް ބްލޫސްކައި އަށް މީހުންގެ ތަރިހީބު ބޮޑުވަމުން ދަނީ އޭގެ ފެންނަ ފެނުމަކަށް ނޫނެވެ. ބައެއް މީހުންނަށް މި ޕްލެޓްފޯމް ކަމުދަނީ، މިއީ ޓްވިޓާއަށް މިއަދު ދިމާވެފައިވާ މަރުކަޒީ ހިންގުމުގެ ބަދަލުގަ ލާމަރުކަޒީ ހިންގުމެއް އޮތް ޕްލެޓްފޯމަކަށް ވާތީއެވެ. އަދި ފަސޭހަގޮތަކަށް އެކުލަވާލާފައިވުމާއި ޓްވިޓާއިން ނުކުރެވޭ ބައެއްކަންކަން ބްލޫސްކައި އިން ކުރެވޭން ކަމަށް ގަބޫލުކުރާތީ އެވެ.

މީގެ އިތުރުން ޓްވިޓާގެ "ސީރިއަސް ޓޯން" ގެ ބަދަލުގަ ބްލޫސްކައި އިން ލިބިގެންދަނީ، އިންޓަނެޓް މަގުބޫލުވުމުގެ ކުރީކޮޅު އާންމުނަށް ލިބިގެން ދިޔަ މަޖާ މަހައުލުކަމަށް ވެސް މި ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުން ބުނެ އެވެ. މިކަމުގެ ސަބަބުން މަޝްހޫރު ގިނަ ފަރާތްތަކެއް ވަނީ މި ޕްލެޓްފޯމް ބޭޏުންކުރަން ފަށައިފަ އެވެ.

ޓްވިޓާ ތައާރަފުވި ދުވަސްވަރު ގެނައި ނަޔާ މާހައުލާއެކު، ބްލޫސްކައިގައި މިވަގުތު އެއްވެސް އިސްތިހާރުތަކެއް ބްރޭންޑްތަކެއް އަދި އެއްވެސް އަލްގަރިތްމް އެއްގެ ސަބަބުން ފެންނަ ކޮންޓެންޓްތަކެއް ނެތުމަކީވެސް ބްލޫސްކައި މަގުބޫލުވަމުންދާ ސަބަބެކެވެ.

ނަމަވެސް ސޯޝަލް މީޑިއާތަކުގެ މައިގަނޑު އާމްދަނީ އަކީ އިސްތިހާރުތަކުން ލިބޭ ފައިސާކަމުން، ބްލޫސްކައި މިގޮތުގައި ދެމިއޮންނާނީ ކިހާ ދުވަހެއްވަންދެންތޯ ސުވާލުކުރާ މީހުންވެސް މަދެއް ނޫނެވެ. މިވަގުތު 50 ހާސް ޔޫޒަރުން ހިމެނޭ ބްލޫސްކައި ގެ މަގުބޫލުކަން އިތުރުވަމުން ގޮސް ބޮޑެތި ސޯޝަލް މީޑިއާތަކުގެ ލިސްޓްގައި ހިމެނޭނެ ތޯ ނުވަތަ ކްލަބްހައުސް ފަދައިން މިއީ ދުވަސްކޮޅެއްގެ "ހައިޕެއް"ތޯ ވެސް މިއީ އަދި ޖަވާބު ނުލިބޭ ސުވަލުތަކެކެވެ.

ޔަގީންކަމަކީ ޓްވިޓާއެކޭ އެއްފަދައިން ބްލޫސްކައި ވެސް ބޮޑުވަމުންދާ ވަރަކަށް އިތުރު މައްސަލަތައް ނިކުންނާނެ ކަމެވެ. މީގެ ތެރޭ ޓްވިޓާއަށް ކުރިން ދިމާވެފައިވާ މައްސަލަތަކާއި އައު މައްސަލަތައް ވެސް ހިމެނޭނެ އެވެ. ނަމަވެސް ޓްވިޓާގެ މިހާރުގެ ހާލަތާއި އަޅާކިޔާނަމަ ރޭހުގެ ކުރީގައި އޮތީ ބްލޫސްކައި އެވެ.

ބްލޫސްކައި އަކީ މުޅިން އައު ނުވަތަ އޮރިޖިނަލް ޕްލެޓްފޯމް އެކޭ ބުނުން ވާނީ ދޮގަކަށެވެ. ނަމަވެސް މަކަރާއި ހީލަތާއި ފޭކް އެކައުންޓުތަކުން ތަގައްޔަރުވެފައިވާ އެހެން ސޯޝަލް މީޑިއާ އެކައުންޓްތަކާ އަޅާބަލާ އިރު، ބްލޫސްކައިގައި މިވަގުތު އޮތީ ވަރަށް އަމާން މާހައުލެކެވެ.

ބްލޫސްކައި އަށް މިވަގުތު ޖޮއިންވެވެނީ ހަމައެކަނި ބްލޫސްކައި ބޭނުންކުރާ ފަރާތެއްގެ ދައުވަތު ލިބޭ ފަރާތްތަކަށެވެ. ބްލޫސްކައިގެ ފޯކަސް މިވަގުތު ހުރީ އަދިވެސް އިތުރަށް ތަރައްގީކޮށް ދެމިއޮންނަނޭ ފަދަ ގޮތަކަށް ޕްލެޓްފޯމް ބޭއްވުމެވެ. ބްލޫސްކައި އާއި ޓްވިޓާ އާއި ގިނަބަޔަކު އަޅާކިޔާއިރު، ޓްވިޓާގެ ބޮޑު ތަހުތަށް ބްލޫސްކައި އަށް އާދެވިދާނެކަން ނުވަތަ ނޫންކަން ހާމަކުރާނީ ވަގުތެވެ.