Advertisement

ދުނިޔޭގެ ރޭންކިންގައި ޒަޔާން އަށް ބޮޑު ކުރިއެރުމެއް

3 މޭ 2023 - 13:22 0


ދުނިޔޭގެ ރޭންކިންގައި ޒަޔާން އަށް ބޮޑު ކުރިއެރުމެއް

3 މޭ 2023 - 13:22 0

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ދުނިޔޭގެ ރޭންކިންގައި 243 ވަނަ އަށް ޖެހިލައި ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

ދާދި ފަހުން ދުބާއީގައި ނިމުނު އޭޝިއާ ޗެމްޕިއަންޝިޕްގެ ކޮލިފައިން ބުރުގެ ދެ މެޗުންވެސް މޮޅުވެ މެއިން ޑްރޯ އިން ޖާގަ ހޯދި ޒަޔާންއަށް ވަނީ ދުނިޔޭގެ ރޭންކިންގައި 87 ދަރަޖައިގެ ކުރިއެރުމެއް ލިބިފަ އެވެ. މިގޮތުން ކުރިން އޭނާ އޮތީ 330 ވަނައިގައި އެވެ.

އޭޝިއާ ޗެމްޕިއަންޝިޕްގައި ހޯދި ކުރިއެރުމާއިއެކު ޒަޔާންގެ މިވަގުތު އަމާޒަކީ އަންނަ އަހަރު އޮންނަ އޮލިމްޕިކްސް އަށް ކޮލިފައިވުމެވެ. އެކަން ހާސިލްކުރުމަށް މިއަހަރު ބީޑަބްލިއުއެފްގެ ގިނަ މުބާރާތްތަކެއްގައި ވާދަކުރަން އޭނާ އަންނަނީ ތައްޔާރުވަމުންނެވެ.

މިވަގުތު 243 ވަނައިގައި ޒަޔާން އޮތްއިރު އޭނާ އަކީ ސިންގަލްސް ރޭންކިން އަށް ބަލާއިރު އެންމެ މަތީގައި އޮތް ރާއްޖޭގެ ފިރިހެން ކުޅުންތެރިޔާ އެވެ.

އަނެއްކޮޅުން މިއީ ޒަޔާންގެ ކެރިއަރުގައިވެސް ސިންގަލްސްގެ އެންމެ މައްޗަށް ޖެހިލެވުނު ފަހަރެވެ.

ބީޑަބްލިއުއެފް ރޭންކިންގައި މިހާތަނަށް އެންމެ މައްޗަށް ޖެހިލި ފިރިހެން ކުޅުންތެރިޔަކީ މުހައްމަދު އަޖުފާން ރަޝީދު އެވެ. އޭނާ ވަނީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހު ދުނިޔޭގެ ރޭންކިންގެ 185 ވަނަ އަށް ޖެހިލައިފަ އެވެ. އެ އަހަރު ލަންޑަންގައި އޮތް އޮލިމްޕިކްސްގައި ވެސް އަޖުފާން ވާދަކުރި އެވެ.

ޒަޔާން ޒަކީ ވަނީ މިކްސް ޑަބަލްސްގެ ދުނިޔޭގެ ގަދަ 100ގެ ތެރޭގައި ހިމެނި އެ ޖާގަ ދަމަހައްޓަމުންނެވެ. ފާތިމަތު ނަބާހާ އާއި ޒަޔާންގެ ޕެއާ ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ދުނިޔޭގެ މިކްސް ޑަބަލްސް ގަދަ 100 ގެ ތެރޭގައި ހިމެނިފަ އެވެ. މި ވަގުތު މި ދެ ކުޅުންތެރިންގެ ޕެއާ އުޅެނީ ރޭންކިންގެ 94 ވަނައިގަ އެވެ.

އޭޝިއާ ޗެމްޕިއަންޝިޕަށް ފަހު އަޕްޑޭޓްކުރި ބީޑަބްލިއުއެފް ރޭންކިން އަށް ބަލާލާއިރު ރާއްޖޭގެ އެހެން ކުޅުންތެރިންގެ ތެރެއިން ގައުމީ ޗެމްޕިއަން ނިބާލް އަހުމަދު އުޅެނީ ސިންގަލްސްގެ 373 ވަނައިގަ އެވެ. އޭނާ އާއި އަޖުފާންގެ ޑަބަލްސް ޕެއާ އުޅެނީ ދުނިޔޭގެ 165 ވަނައިގަ އެވެ. މި ވަގުތު ސިންގަލްސް ރޭންކިންގައި އަޖުފާން އުޅެނީ 567 ވަނައިގަ އެވެ.

އަންހެން ކުޅުންތެރިންނަށް ބަލާއިރު ސިންގަލްސްގައި އާމިނަތު ނަބީހާ އުޅެނީ 225 ވަނައިގަ އެވެ. އެންމެ ފަހުން އޮތް ޓޯކިޔޯ އޮލިމްޕިކްސްގައި ވާދަކުރި ނަބާހާ އުޅެނީ ރޭންކިންގެ 199 ވަނައިގަ އެވެ. ނަބީހާ އާއި ނަބާހާގެ ޑަބަލްސް ޕެއާ އުޅެނީ ދުނިޔޭގެ ރޭންކިންގެ 100 ވަނައިގަ އެވެ.

ބީޑަބްލިއުއެފް ދުނިޔޭގެ ރޭންކިންގައި ކުރިއެރުން ލިބުމަކީ އޯޕަން މުބާރާތްތަކުގައި ވާދަކުރާއިރު ފައިދާތަކެއް ކުރާނެކަމެކެވެ. މި ގޮތުން ކޮލިފައިން ކުޅެން ނުޖެހި މެއިން ޑްރޯއިން ފުރުސަތު ލިބުމާއި މުބާރާތަށް ކުޅުންތެރިން ސީޑު ކުރުމުގައިވެސް ބަލަނީ މި ރޭންކިން އަށެވެ.