Advertisement

އައިފޯނުގެ ބެޓެރި ހެލްތާ ގުޅޭ ދެ ބިލިއަން ޑޮލަރުގެ މައްސަލައެއް

މީގެ ކުރިންވެސް މިފަދަ މައްސަލަތަކެއް އެޕަލްއާއި ދެކޮޅަށް ހުށަހެޅިފައިވޭ


އައިފޯނުގެ ބެޓެރި ހެލްތާ ގުޅޭ ދެ ބިލިއަން ޑޮލަރުގެ މައްސަލައެއް

އައިފޯނުގެ ސޮފްޓްވެއާ އަޕްޑޭޓްތަކުން ބެޓެރިއަށް ގެއްލުން ދޭކަމުގެ ތުހުމަތުކޮށް ދެ ބިލިއަން ޑޮލަރުގެ މައްސަލައެއް އެޕަލް އާއި ދެކޮޅަށް ހުށަހަޅައިފި އެވެ.

އިނގެރޭސިވިލާތުގައި ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ސޮފްޓްވެއާ އަޕްޑޭޓްތަކުން އައިފޯނުގެ ބެޓެރި ހަލާކުކޮށް ފޯނުގެ ޕާފޯމަންސް ދަށްކުރާކަމަށެވެ. އިނގެރޭސިވިލާތުގެ އައިފޯނު ޔޫޒަރުންގެ ފަރާތުން މި މައްސަލަ ހުށަހަޅާފައިވަނީ ކޮންސިއުމަރުންގެ ހައްގަށް މަސައްކަތް ކުރާ ފަރާތެއް ކަމަށްވާ ޖަސްޓިން ގަޓްމަން އެވެ.

ކޯޓް ފައިލިން ތަކުގައި ގަޓްމަންގެ ލޯޔަރުން ބުނެފައިވަނީ އައިފޯންގެ ބައެއް މޮޑެލްތަކުގައި ބެޓެރީގެ މައްސަލަތަށް އެޕަލް އިން "ފޮރުވާފައިވާ" ކަމަށެވެ. އަދި, ފޯނުގެ ޕާފޯމަންސް ދަށްކޮށްލާ ޕަވާ މެނޭޖެމަންޓް ޓޫލް އެއް ސިއްރިއްޔާތުގައި އިންސްޓޯލްކޮށްފައިވާ ކަމުގެ ތުހުމަތުކޮށްފައިވެ އެވެ.

ގަޓްމަންގެ ލޯޔަރުން ބުނެފައިވަނީ 2020 ގައި އެމެރިކާގައި އައިފޯންގެ ބެޓެރި އާއި ގުޅޭގޮތުން ހުށަހެޅި މައްސަލައަށް ރިއާޔަތް ކުރުމަށް ވެސް ޓްރިބިއުނަލްގައި އެދިފަ އެވެ. އަދި އެ މައްސަލައިގެ ސެޓްލްމެންޓްގައި އެޕަލް އިން ތުހުމަތުތަކަށް އިންކާރުކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ބެޓެރީ ހެލްތާއި މެދު ކުރިއަށް އޮތްތަނުގައި ވަރަށް ސާފު އުސޫލުތަކެއް ގެންގުޅޭނެކަމަށް އިނގެރޭސިވިލާތުގެ ޓީވީ ޕްރޮގްރާމެއްކަމަށްވާ "ވޮޗްޑޯގް" ގައި އެޕަލް އިން 2019 ގައި ބުނެފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެޕަލް އިން ވަނީ މި މައްސަލަ ކުރިއަށް ނުގެންދިޔުމަށް އެދި ލަންޑަންގެ ޓްރިބިއުނަލްގައި އެދިފަ އެވެ. އެޕަލް އިން ބުނެފައިވަނީ އެކުންފުންޏަށް ކޮށްފައިވާ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ. އަދި އައިފޯނުގް ބެޓެރިއަށް އަދި ޕާފޯމަންސްއަށް ވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ.

އެޕަލް އިން ބުނެފައިވަނީ ބެޓެރީގެ މައްސަލައެއް ހަމައެކަނި ކުރިމަތިވެފައިވަނީ އައިފޯން ސިކްސް އެސްގެ ބައެއް ފޯނުތަކަށްކަމަށެވެ. އެފޯނުތަކަށް ފްރީ ރިޕްލޭސްމްންޓް ބެޓެރި ދީފައިވާނެކަމަށް ވެސް ބުނެފައިވެ އެވެ.

އެޕަލް އިން 2017 ގައި ނެރުނު ޕަވަ މެނޭޖްމަންޓް ޓޫލް އިން ނޭދެވޭ އަސަރެއް ހަމަ އެކަނި ކޮށްފައިވަނީ އައިފޯން ސިކްސް ގެ ބެޓެރި އަށް ކަން ވެސް އެކުންފުނިން ފާހަގަކޮށްފައިވެ އެވެ. އެއީ ޕާފޯމަންސް 10 އިންސައްތަ ދަށްވުންކަމަށް ބުނެފައިވެ އެވެ.

އެޕަލްއިން ކުރީގެ އައިފޯނު ތަކުގެ ޕާފޯމަންސް ގަސްތުގާ ދަށްކުރާކަމުގެ ތުހުމަތުތަކެއް އަބަދުވެސް ކުރެވެ އެވެ. ކުރީގެ ބައެއް އައިފޯންތަކުގެ ޕާފޯމަންސް ދަށްވާ ފަދަ ފީޗާއެއް ހިމެނޭ އަޕްޑޭޓުތަކެއް އެޕަލް އިން ނެރުނު ކަމަށް 2017 ގައި އެކުންފުނިން ވަނީ އެއްބަސްވެ މައާފަށް އެދިފަ އެވެ.

އެކަމުގެ އަސަރުކުރި ފަރާތްތައް ގުޅިގެން ހުށަހެޅި މައްސަލައަކަށް އެޕަލް އިން ވަނީ 500 މިލިއަން ޑޮލަރުގެ ސެޓްލްމެންޓެއް ދައްކައިފަ އެވެ. އެއީ ކޮންމެ ފަރާތަކަށް 25 ޑޮލަރެވެ.