9 އޮކްޓޯބަރު 2024 - 20:21 0
އަމަން ހަލީމް
ރައީސް މުއިއްޒު ބެންގަލޫރުގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަނީ: ޓެކްނޮލޮޖީ ދާއިރާ ކުރިއަރުވަން ބެންގަލޫރުގެ ތަޖުރިބާ ބޭނުން ކަމަށް މި ފޯރަމްގައި އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
9 އޮކްޓޯބަރު 2024 - 20:21 0
ދެމެހެއްޓެނެވި ތަރައްގީގެ އަމާޒަށް ރާއްޖެއިން ކުރާ މަސައްކަތުގައި ޑިޖިޓަލް ހައްލުތައް ހޯދައިދޭން ރާއްޖެ އާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުގެ ހަވާސާގައި، ބެންގަލޫރުގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
މި ފޯރަމްގައި ރައީސް ދެއްކެވި ވާހަކައިގައި، ޑިޖިޓަލް މާލީ ހިދުމަތްތަކާއި އިންޑިއާގެ ރޫޕޭ ކާޑު ރާއްޖޭގައި ތައާރަފުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އަމަލުކުރުމަށާއި ބައިނަލްއަގުވާމީ އެއްބާރުލުމަށް ރާއްޖެއިން ދޭ އަހަމިއްޔަތުކަން ފާހަގަކުރެއްވި އެވެ.
ހަމައެހެންމެ، ޓެކްނޮލޮޖީއަށް ބަރޯސާވާ ސިނާއަތްތަކާއި އާޓްސް އަދި މީޑިއާ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ "މޯލްޑިވްސް ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓެޖީ" ގެ ދަށުން، ޑިޖިޓަލް އިގުތިސޯދު ފުޅާކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އައިސީޓީ ދާއިރާގައި އިންޑިއާގައި އެންމެ ކުރީގައި އުޅޭ ބެންގަލޫރުގެ ތަޖުރިބާގެ ބޭނުންކޮށްގެން، މި ދާއިރާއިން ރާއްޖެއަށް ފައިދާ ވާނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ރައީސް ވަނީ ތައުލީމީ މުއައްސަސާތަކާއި ޓެކްނޮލޮޖީ ކުންފުނިތަކާއެކު ގުޅުން ބަދަހިކޮށް އެ ދާއިރާ ވަރުގަދަވެ، ޑިޖިޓަލް ގެޕް ކުޑަކުރެވިގެންދާނެ ކަަމަށް ވިދާޅުވެފަ އެވެ.
އޭގެ އިތުރުން، ދެ ގައުމުގެ އަވައްޓެރިކަމާއި، ސަގާފީ އަދި އިގުތިސޯދީ ގުޅުންތައް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ އިންވެސްޓަރުންނަށް ވިޔަފާރިކުރަން އެންމެ އެކަށީގެންވާ މާހައުލު ކަމަށެވެ. އަދި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވަން ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، މި ދާއިރާތަކުން އިންވެސްޓުކުރަން އިންޑިއާގެ އިންވެސްޓަރުންނަށް އެމަނިކުފާނު ދައުވަތު ދެއްވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ދަތުރު ކާމިޔާބު ދަތުރަކަށް ހެދުމަށް އިންޑިއާ ސަރުކާރާއި އެ ގައުމުގެ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment