Advertisement

އެޕަލް އާއި ގޫގުލް ގުޅިގެން، އެއާޓެގު ބޭނުންކޮށްގެން ފާރަލުން ހުއްޓުވަނީ

ބްލޫޓޫތް ޓްރެކަރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކުށްކުރާ މިންވަރު ދަނީ އިތުރުވަމުން


އެޕަލް އާއި ގޫގުލް ގުޅިގެން، އެއާޓެގު ބޭނުންކޮށްގެން ފާރަލުން ހުއްޓުވަނީ

އެޕަލްގެ އެއާޓެގް ފަދަ ބްލޫޓޫތު ލޮކޭޝަން ޓްރެކިންގެ ބޭނުން ނަހަމަގޮތުގައި ހިފާ، މީހުންނަށް ފާރަލާ ފަރާތްތައް ހުއްޓުވުމަށް އެޕަލް އާއި ގޫގުލް ގުޅިގެން މަސައްކަތް ފަށައިފި އެވެ.

ދެ ކުންފުނިން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް ފަރާތަކަށް ނޭނގި ބްލޫޓޫތް ޓްރެކަރެއް ހަރުކުރެވިފައިވާނަމަ، އެކަން އެނގޭނެ ނިޒާމެއް ގާއިމުކުރުމަށް ސްޕެސިފިކޭޝަން ޑްރާފްޓެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.

އަދި, މި ޑްރާފްޓު ފުރިހަމަކުރުމުގައި ޓެކްނޮލޮޖީ ދާއިރާގެ އެންމެހާ ފަރާތްތަކާއި، ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުގެ އެއްބާރުލުމަށް ވަނީ އެދިފަ އެވެ. މިފަދަ ޓްރެކަރުތައް އުފައްދާ ކުންފުނިތައްކަމަށްވާ ސެމްސަންގް، ޓައިލް، ޗިޕޯލޯ އަދި ޕެޕްލްބީ އިން ޑްރާފްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ދެ ކުންފުނިން އެކުލަވާލާފައިވާ ޑްރާފްޓްގައިވަނީ ބްލޫޓޫތް ޓްރެކަރެއްގަ ހުންނަންޖެހޭ ސްޕެސިފިކޭޝަންތަކެއް ޕްރޮޕޯސްކޮށްފަ އެވެ. މި ޑްރާފްޓް އާންމުކޮށްފައިވަނީ ސްޓޭންޑާޑް ޑިވެލޮޕްމެންޓް ކުންފުންޏެއް ކަމަށްވާ އިންޓަނެއް އިންޖިނިއަރިން ޓާސްކްފޯސް (އައިއީޓީއެފް) މެދުވެރިކޮށެވެ.

މި ޑްރާފްޓަށް ހިޔާލުފާޅުކުރުމަށް ކުރިއަށް އޮތް ތިން މަސް ދުވަހަށް ވަނީ ހުޅުވާލައިފަ އެވެ. އެއަށް ފަހު ގެންނަންޖެހޭ ބަދަލުތައް ގެނެސް މި އަހަރު ފަހުކޮޅާއި ހަމައަށް އުފެއްދުންތަކުގައި ސްޕެކްސްތައް ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން މި ސްޕެކްސްތައް އެންޑްރޮއިޑާއި ކުރިއަށް ހުރި އެޕަލް އުފެންދުންތަކުގައި ވެސް ބޭނުންކުރާނެ އެވެ.

އެޕަލްގެ ޔޫޒަރުން ކައިރީ އެއާޓެގް އެއް ވާނަމަ އައިފޯނަށް މިހާރުވެސް ނޮޓިފިކޭޝަން އެއް އާދެ އެވެ. ނަމަވެސް މި ހިދުމަތް އެންޑްރޮއިޑް ފޯނުތަކުން އަދި އިތުރު އެއްވެސް ބްރޭންޑަކުން ނުލިބެ އެވެ. އާންމުކޮށް ގެއްލޭ ތަކެތި ހޯދުމަށް އުފައްދާފައިވާ ބްލޫޓޫތް ޓްރެކަރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކުށްކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން, މީހުންގެ ދަބަހަށް ޓްރެކާރެއްލާ ލޮކޭޝަން ހޯދައިގެން ފޭރުން ފަދަ ކަންކަން ކުރުން ދަނީ އާންމުވަމުންނެވެ.