Advertisement

ނޫސްވެރިކަމުގެ މިނިވަންކަމަކީ ހުރިހާ އިންސާނީ ހައްގެއްގެ ދިރުން: ރައީސް

3 މޭ 2023 - 10:30 1

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު ބައެއް ނޫސްވެރިންނާ ރައީސް ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް


ނޫސްވެރިކަމުގެ މިނިވަންކަމަކީ ހުރިހާ އިންސާނީ ހައްގެއްގެ ދިރުން: ރައީސް

3 މޭ 2023 - 10:30 1

ނޫސްވެރިކަމުގެ މިނިވަންކަމާ މެދު މިއަދުގެ ޑިމޮކްރެޓިކް މުޖުތަމައު ދެކެނީ، ހަމައެކަނި އަސާސީ ހައްގެއްގެ ގޮތުގައި ނޫން ކަމަށާއި އޭގެ ބަދަލުގައި، ނޫސްވެރިކަމުގެ މިނިވަންކަމާ މެދު މިއަދު އޮތް ގަބޫލުކުރުމަކީ، އެއީ ހުރިހާ އިންސާނީ ހައްގުތަކެއްގެ ދިރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ ހިތާބުގައި ރައީސް ވަނީ މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް، ނޫސްވެރިން ކުރައްވާ ބުރަ މަސައްކަތްތަކުގެ އަގު ޝުކުރުވެރިކަމާއެކު ވަޒަން ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހެޔޮގޮތުގައި ހިފުމުން، އެ ބައެއްގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަޒަންކުރެވި، އެ ހައްގުތައް އިތުރަށް ކަށަވަރު ކުރުމަށާއި ލިބިދިނުމަށް މަސައްކަތް ކުރުމުގެ ހިތްވަރާއި ހަކަތަ އެ ބައެއްގެ މެދުގައި އުފެދޭ" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

ނޫސްވެރިންގެ އެންމެ އިސް ވާޖިބަކަށް ވާންވީ، އެންމެހައި ފަރުދުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް، އެ މުޖުތަމައެއްގައި ދިރިއުޅޭ އެންމެންގެ އިންސާނީ އަސާސީ ހައްގުތައް ހިމާޔަތްކޮށްދީ ރައްކާތެރި ކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ތެދު މަޢުލޫމާތު ލިބުމަކީ އެންމެ އަސާސީ އެއް ހައްގަށް ވާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭންވާނީ ސާފު ތެދު މައުލޫމާތުކަން ކަށަވަރެވެ. ރައްޔިތުންގެ މެދުގައި ފަތުރާ މައުލޫމާތުގައި ދޮގާއި ޝައްކާއި ވަހުމާއި ޔޯލަތައް އެކުލެވިއްޖެ ނަމަ، ފަރުދީ އެތައް ހައްގެއް ގެއްލިގެން ދިއުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ," ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ރާއްޖެއަށް ޑިމޮކްރެސީގެ މަގުގައި ލިބުނު ކުރިއެރުންތަކުގެ މައިގަނޑު އެއް އަސްލަކީ، މައުލޫމާތު ފެތުރުމުގެ ދާއިރާއިން، ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތެވެ. ގާނޫނީ އޮނިގަނޑުގެ ތެރެއިން އާންމު ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މައިގަނޑު ބާރަކަށްވީ ވެސް، އެ ހައްގުތަކާ މެދު އާންމު ރައްޔިތުންގެ މެދުގައި، ނޫސްވެރިކަމުގެ ޒަރީއާއިން އުފެދިގެން ދިޔަ ހޭލުންތެރިކަމެވެ."

ނޫސްވެރިންގެ އެންމެ މަތިވެރި ޒިންމާއަކީ، ކޮންމެ ހާލަތެއްގައި ވިޔަސް އިތުބާރު ހުރި ތެދު މައުލޫމާތު ފެތުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި, މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމުގެ ހައްގު ލިބިފައިވާއިރު، އަނެކުންނަށް ލިބިގެންވާ، އަބުރާއި އިއްޒަތް އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ހައްގު ރައްކާތެރިކޮށްދިނުމަކީ، ކޮންމެ ނޫސްވެރިއެއްގެ ޒިންމާއެއް ކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާ އެންމެ ބޮޑަށް ގުޅިފައިވާ އަނެއް ހައްގަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަމަށާއި މައުލޫމާތު ހޯދުމާއި މަޢުލޫމާތު ފެތުރުމުގެ ވަސީލަތްތައް ވެސް އެތައް ގުނައެއް އިތުރުވެ، ފުރިހަމަ ތެދު މައުލޫމާތަށްޓަކައި ރައްޔިތުން ގޮވާ ގޮވުމުގެ އަޑުތައް އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އިޖުތިމާޢީ ގޮތުން ގައުމަށް އަންނަ ބަދަލުތަކާއި ސިޔާސީ ގޮތުން ގައުމަށް ކުރިމަތިވާ ފުރޮޅުންތަކާއި، އަދި އިގްތިސާދީ ގޮތުން ގައުމަށް ކުރިމަތިވަމުން އަންނަ ކޮންމެ ބަދަލެއްގެ މިސްރާބު ސީދާކުރުމުގައި ނޫސްވެރިންގެ ޒިންމާ ވަރަށް ބޮޑު," ރައީސް ވިދާޅުވި އެވެ.

ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް، ސަރުކާރުގެ ފަރާތުން މަސައްކަތް ކުރާނެ ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދުވެސް ކަށަވަރުކުރާނެ ކަމަށް ވެްސ އެމަނިކުފާނު ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ ތިން ވަނަ ދުވަހަކީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް، ޔުނެސްކޯގެ ފަރާތުން ކަނޑައެޅީ 1993 ގަ އެވެ. މިދިޔަ 30 އަހަރުގެ ތެރޭގައި ނޫސްވެރިކަމުގެ ހައްގު ހިމާޔަތް ކުރުމަށް ގިނަ ކަންކަން ކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.