Advertisement

މާ ގަޔާވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"; ރައްޔިތުންގެ ހިދުމަތުގައި އެއް އަހަރު

2 މޭ 2023 - 22:26 0


މާ ގަޔާވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"; ރައްޔިތުންގެ ހިދުމަތުގައި އެއް އަހަރު

2 މޭ 2023 - 22:26 0

"ޢީދު އައީ ހިނިތުންވަމުން، މީރުވަހުން ޖައްވު ހުވަނދުލަމުން،" މިއީ 2022 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު، އާދެ! އެއަހަރުގެ ކުޑަ ޢީދު ދުވަހުގެ އިރު ފެނުން ތޮޅިލައިގެން އައި ވަގުތު، ހދ. އަތޮޅުގެ ރައްޔިތުންގެ ތެރޭ ގުގުމަމުން ދިޔަ ތަރާނާ އެވެ. އެ ރައްޔިތުންނަށް ލިބިފައިވާ އުފާވެރިކަން ރަމްޒުކޮށްދޭ އެންމެ ރިވެތި ލަފުޒުތަކެވެ. އެހެން ނުވާންވީ ކީއްވެތޯ އެވެ.

ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ، ވަށައިގެން ކަނޑު އޮންނަ ރާއްޖޭގެ، ކަނޑުދަތުރުފަތުރުގެ ޚިދުމަތަށް އެހާތަނަށް އަންނަ އެންމެ ތާރީޙީ އިންޤިލާބީ ބަދަލު، އެންމެފުރަތަމަ އަންނަގޮތަށް ހަމަޖެހިފައި އޮތީ އެދުވަހުގެ މެންދުރުފަހު ހދ. އަތޮޅުގެ ރަށްތަކަށެވެ.

ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރް.ޓީ.އެލް) ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) ގެ ދަށުން، ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓެއްގެ ދަތުރުތައް ފެށުމާއެކު، އަތޮޅުގެ ރައްޔިތުން ރަށު ބަންދުން ވީއްލުނީ އެވެ. އަދި, އެމްޓީސީސީގެ 42 އަހަރުގެ ދިގު ތާރީޙުގައި ކަނޑުދަތުރުފަތުރުގެ ނިޒާމަށް އަންނާނެ އެންމެ ހެޔޮ ބަދަލުގަ ސިއްކަ ޖެހިގެން ދިޔައީ އެވެ.

މުޅި ރާއްޖެ ގުޅާލެވޭ އާރުޓީއެލް ހައި ސްޕީޑް ފެރީ ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް ސޯލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. މިގޮތުގެ މަތިން، "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ. އަދި ދެވަނަ އަދި ތިންވަނަ ފިޔަވަހި އެމްޓީސީސީއާއި ސަރުކާރުން ހަވާލުކުރެއްވީ 14 އޭޕްރީލް 2022 ވަނަ ދުވަހުއެވެ.

އާރުޓީއެލްގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބައެއް ލޯންޗުތައް. ރާއްޖޭގެ ހުރިހާ ރަށެއް މި ނިޒާމުގެ ދަށުން ގުޅާލާނެ --- ފޮޓޯ: އެމްޓީސީސީ


ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) އަދި ދެވަނަ އާއި ތިންވަނަ ފިޔަވަހީގެ ޒޯން 2 (ނ،ރ،ބ އަދި ޅ) ޒޯން 3 (ކ،އއ،އދ، އަދި ވ) ޒޯން 4 (މ،ފ،ދ،ތ އަދި ލ) ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ)، އާއިއެކު، ޖުމްލަ 20 އަތޮޅު ހިމެނޭހެން މުޅި ރާއްޖެއަށް އާރް.ޓީ.އެލްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އަދި މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށާއި، ފޭސް 2 ގެ ދަށުން ޒޯން 2 ގެ ޅ. އަތޮޅަށް މިހާރުވަނީ އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފެށިފައެވެ. އެއީ ބޮޑުތިލަދުންމަތީގެ 41 ރަށާއި ޅ. އަތޮޅުގެ 5 ރަށާއެކު، ޖުމްލަ 46 ރަށެވެ. ކުރިއަށްއޮތް ތަނުގައި، ބާކީ 16 އަތޮޅަށް ޚިދުމަތް ދޭން ފެށި މުޅި ރާއްޖެ ކަނޑުދަތުރުފަތުރުގެ އެއް ވިއުގައަކުން ގުޅާލެވިގެންދާނެއެވެ.

އާރުޓީއެލްގެ ފެރީ ޚިދުމަތް ފެށިގެން މިވީ އެއް އަހަރު ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ހދ. އަތޮޅުގައި 101,802 ރައްޔިތުން، ހއ. އަތޮޅުގައި 89,993 ރައްޔިތުން، ށ. އަތޮޅުގައި 61,421 ރައްޔިތުން، އަދި ޅ. އަތޮޅުގައި 9,111 ރައްޔިތުން، އެކު ޖުމްލަ 262,327 ރައްޔިތުން އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް ވަނީ ބޭނުންކޮށްފައިވެއެވެ. އަދި މި މުއްދަތުގައި، ހދ. އަތޮޅުގައި 4,599 ދަތުރު، ހއ. އަތޮޅުގައި 5,546 ދަތުރު، ށ. އަތޮޅުގައި 3,280 ދަތުރު، ޅ. އަތޮޅުގައި 1,076 ދަތުރު، އެކު ޖުމްލަ 14,501 ޝެޑިއުލް ދަތުރު ވަނީ ކުރެވިފައިވެއެވެ.

ވަކިން ޙާއްސަކޮށް ފާހަގަކޮށްލެވެނީ ނޮވެމްބަރ 2022 އިން ފެށިގެން މިހާތަނަށް އެއްވެސް ދަތުރެއް ކެންސަލް ނުކޮށް ހަފްތާގެ ކޮންމެ ދުވަހަކު އާރްޓީއެލްގެ ދަތުރުތަށް ދަނީ ކުރެވެމުންނެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް ހިދުމަތުގެ ދަށުން ފެރީ އަދި ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް މިހާތަނަށް 514 މުވައްޒަފުން ދަނީ މަސައްކަތްކުރަމުންނެވެ.

ނޯޓު


މިއީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުންދާ ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް) ގެ ހިދުމަތަށް އެއް އަހަރު ފުރުމާއި ގުޅިގެން އެ ކުންފުނިން ތައްޔާރުކޮށްފައިވާ އެޑްވަޓޯރިއަލް އާޓިކަލެކެވެ.