Advertisement

އީގަލްސް ބަލިކޮށް މާޒިޔާ އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފި

2 މޭ 2023 - 22:57 0

މާޒިޔާ ކުޅުންތެރިން ތަށްޓާ އެކުު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އީގަލްސް ބަލިކޮށް މާޒިޔާ އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފި

2 މޭ 2023 - 22:57 0

ފައިނަލުގައި މިރޭ، ކްލަބް އީގަލްސް އަތުން 2-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދެ ވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މާޒިޔާ އިން ވަނީ މީގެ ކުރިން 2015 ވަނަ އަހަރު މި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފައިނަލުގައި، ރ. އަަލިފުށީ ސްޓޭޑިއަމްގައި ކްލަބް ވެލެންސިއާ އަތުން ބަލިވި މާޒިޔާ އިން މުބާރާތުގެ ފައިނަލުގައި ކުޅުނު ހަތަރު ވަނަ ފަހަރު އެވެ. އީގަލްސް އިން 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، މި ވަނީ މި ފަަހަރާއި 2014 ވަނަ އަހަރު ބަލިވެފަ އެވެ.

މިއީ، 2017 ވަނަ އަހަރުގެ ފަހުން، މާލޭގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ ފައިނަލެވެ. މިރޭގެ ފައިނަލް ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މެޗު ފެށުމުގެ ކުރިން، އެފްއޭއެމް އިން ވަނީ މި އަހަރުގެ ޖޫން 23 އިން ޖުލައި 2 އަށް އިންޑިއާގެ ބެންގަލޫރުގައި ކުޅޭ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްބޯޅަ ޓީމު ބޭނުންކުރާ ޖޯޒީ ރައީސް ސޯލިހަށް ހަދިޔާ ކުރައްވައިފަ އެވެ.

އީގަލްސްގެ ފުރަަތަމަ އެގާރަ:

މުހައްމަދު ޝަފީއު (ޗެކް)، އަހުމަދު ރިޒްވާން (ރިޒޭ)، ހުމެއިދު ހުސެއިން، އަބްދުﷲ ހަނީފް (ބެންޖޯ)، އަހުމަދު ހަސަން (އައްމަޑޭ)، އިމްރާން ނަޝީދު (އިންމަ)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިިއްބެ)، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، އަސްކަރްބެކް ސަލިއޭފް، އިވާން ކާލޯސް، އައިހަމް ސައީދު

މާޒިޔާގެ ފުރަތަމަ އެގާރަ:

މުހައްމަދު ފައިސަލް، ސަމޫހު އަލީ (ސަމުއްޓެ)، އެލްޑާ ހަސަނޯވިޗް، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، ހަމްޒާ މުހައްމަދު (ހަމްޕު)، ހަސަން ރާއިފް އަހުމަދު (ހަންނަ)، ހަސަން ޝިފާޒް (ޑުންގާ)، އިބްރާހިމް އައިސަމް، އެޑްގަރާސް ޒަރްކިސް، ހައިޝަމް ހަސަން (ބިޑި)

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި މާޒިޔާގެ ހަންނަ ޖާގަ ހުސްކޮށްލާފައި ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އެ ޓީމުގެ އިބްރާހިމް އައިސަމް ޖެހި ޝޮޓް ވަނީ ބްލޮކްވެފަ އެވެ. އީގަލްސްގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 13 ވަނަ މިނިޓްގަ އެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ރިޒޭ ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ އިން މެޗުގެ ކުރީކޮޅުގައި ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެ ފުރުސަތު ތަނަވަސްކުރެވޭތޯ ބެލި އެވެ. އެ ގޮތުން މެޗުގެ 19 ވަނަ މިނިޓްގައި މާޒިޔާގެ ނިހާޓް އޭރިއާ ރޮނގުމަތިން ޖެހި ބޯޅަ ދިޔައީ ގޯލު ހުރަސްދަނޑިމަތިންނެވެ.

މެޗުގެ 20 ވަނަ މިނިޓްގައި މާޒިޔާގެ ސަމުއްޓެ ހެދި ގޯހެއްގެ ފައިދާނަގައި، އީގަލްސްގެ އިވާން އެ ބޯޅަ ހޯދައި، ފޭދޫ އިއްބެ އަށް ދިނުމުން އޭނާ މަތިމަތިން ރިޒޭ އަށް ހުސްކޮށްލާފައި ދިނެވެ. އޭރިއާތެރެއިން ރިޒޭ އަށް ލިބުނު ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުުކުރެވި، ފޮނުވާލި ނަމަވެސް ކީޕަރު ފައިސަލް ހުއްޓުވީ އެވެ.

މެޗުގެ 24 ވަނަ މިނިޓްގައި މާޒިޔާގެ ހަންނަ ޖެހި ބޯޅައެއް އީގަލްސް ކުޅުންތެރިއަކު ފައިގައި ޖެހިފައި ވަނީ ބޭރުވެފަ އެވެ. އަދި މެޗުގެ 26 ވަނަ މިނިޓްގައި ނިހާޓް އޭރިއާތެރެއިން ހުސްކޮށް ހުރެފައި ބޮލުންޖެހި ބޯޅަ ކީޕަރު ޝަފީއު ވަނީ ހުއްޓުވައިފަ އެވެ. އަދި އޭގެ ދެ މިނިޓް ފަހުން، އައިސަމް ޖެހި ބޯޅައެއްގެ ހުރަަހަކަށްވީ ވެސް ކީޕަރު ޝަފީއު އެވެ.

ކައުންޓަ އެޓޭކެއްގައި މެޗުގެ 29 ވަނަ މިނިޓްގައި އީގަލްސްގެ އިވާން ޖެހި ބޯޅަ މާޒިޔާ ކުޅުންތެރިއަކު ފައިފައި ޖެހިފައި އައުމުން ވެސް ކީޕަރު ފައިސަލް ވަނީ ކޯނަރަކަށް ބޯޅަ ބޭރުކޮށްލައިފަ އެވެ.

އީގަލްސް އިން ވަނީ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އަނިޔާގެ ސަބަބުން ބެންޖޯގެ ބަދަލުގައި އިބްރާހިމް މައިސާން ކުޅެން އަރުވައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު މާޒިޔާގެ އައިސަމް އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މާޒިޔާ އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގޯލު ޖަހައިފަ އެވެ. މިއީ ދާދު ނެގި ހުރަހަކުން އޭރިއާރެރެއިން އައިސަމް އެއް ފަހަރުން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ހިނގިތަނާ މާޒިޔާ އިން ލީޑުފުޅާކުރަން ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. ދާދު އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ޖެހި ބޯޅަ ކީޕަރު ޝަފީއު އަތުގައި ޖެހިފައި ބޭރުވީ ދަނޑީގައި ވެސް ޖެހިފަ އެވެ.

މެޗުގެ 55 ވަަނަ މިނިޓްގައި އީގަލްސް އިން ރަނގަޅު ފުރުސަތެއް ހޯދި އެވެ. ފޭދޫ އިއްބެ އަރިމަތިން ނަގައިދިން ހުރަހަކަށް އަރައި އިވާން ބޮލުން ޖެހި ބޯޅައިގައި ބާރެއް ނެތްއިރު، ކީޕަރު ފައިސަލް ވަނީ ފަސޭހައިން ބޯޅަ އަތަށް ނަގައިފަ އެވެ.

މާޒިޔާ އަށް ދެ ވަނަ ގޯލެއް ޖަހައިދޭން މެޗުގެ 87 ވަަނަ މިނިޓްގައި އޭރިއާތެރެއިން ހަންނަ ހުސްކޮށްލާފައި ޖެހި ބޯޅަ ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން، އީގަލްސްގެ ބްރެޒިލް ފޯވާޑް، އިވާން މަތި މަތިން އޭރިއާތެރެއަށް ކުޅުނު ދިގު ބޯޅައެއް ކޮންޓްރޯލް ކޮށް އީގަލްސްގެ ޒައިން ޒަފަރު އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ބޯޅަ ދީގެން ޖަހަން މަަސައްކަތްކުރި ނަމަވެސް ބްލޮކްވީ އެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އައިސަމް އެވެ. އީގަލްސް އިން 2016 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، އެ ޓީމަށް ކުޅުނު އައިސަމް މި ގޯލު ޖެހީ އޭރިއާތެރެއިން އީގަލްސް ކުޅުންތެރިއަކު ކައިރިން ނައްޓާފައި ހަނި އޭންގަލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ކީޕަރު ޝަފީއު އަތްމަތިން ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

މާޒިޔާ އިން މި ފަހަރުގެ ސީޒަން ފެށި ޗެރިޓީ ޝީލްޑް މެޗުގައި ވެސް ވަނީ އީގަލްސް އަތުން މޮޅުވެފަ އެވެ. އެ މެޗުގައި އީގަލްސްގެ މައްޗަށް ކުރިހޯދީ 2-1 އިންނެވެ.