Advertisement

ވޭޕް ކުރުމާ ދެކޮޅަށް އޮސްޓްރޭލިއާގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ

މީހަކު ވޭޕް ކުރަނީ. -- ފޮޓޯ: އޭއެފްޕީ


ވޭޕް ކުރުމާ ދެކޮޅަށް އޮސްޓްރޭލިއާގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ

ސިޑްނީ، އޮސްޓްރޭލިއާ (މޭ 2) - ދުންފަތުގެ ބާވަތްތައް ވިއްކާ ކުންފުނިތަކުން ގަސްދުގައި ފުރާވަރު އުމުރުގެ ކުދިންނަށް ޓާގެޓްކޮށް، "ނިކޮޓީންއަށް ދެވިހިފާފައިވާ އާ ޖީލެއް" އުފައްދަމުންދާ ކަމަށް ތުހުމަތުކޮށް، އޮސްޓްރޭލިއާގައި ވޭޕް ކުރުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

އަލަށް އިއުލާން ކުރީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދުންފަތާ ދެކޮޅަށް އޮސްޓްރޭލިއާގައި އަޅަން ނިންމި އެންމެ ބޮޑު އިސްލާހީ ބަދަލުތަކެވެ. އެގޮތުން އެއް ފަހަރު ބޭނުންކުރާ ބާވަތުގެ ވޭޕް މަނާކޮށް، ޕްރިސްކްރިޕްޝަނެއް ނެތި އެތެރެކުރުން މަނާކޮށް، އީ-ސިނގިރޭޓުގައި ހުންނަ ނިކޮޓީންގެ މިންވަރު ކޮންޓްރޯލް ކުރުން ހިމެނެ އެވެ.

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް އެއްކޮށް ނައްތާލަން އޮސްޓްރޭލިއާއިން ބޭނުންވެ އެވެ. ސިނގިރޭޓު ވަކި ބާވަތެއްގެ ފޮށީގައި ވިއްކަން މަޖުބޫރު ކުރި ފުރަތަމަ ގާނޫނު 2012 ގައި ތަންފީޒު ކުރި ގައުމަކީ ވެސް އޮސްޓްރޭލިއާ އެވެ. މިހާރު ބޮޑެތި ބައެއް ގައުމުތަކުން ވަނީ އެ ގާނޫނު އެޑޮޕްޓުކޮށްފަ އެވެ.

އެހެން ނަމަވެސް، ފަހަކަށް އައިސް ވޭޕް ކުރުން އިތުރުވެ، ވަކިން ހާއްސަކޮށް ފުރާވަރު އުމުރުގެ ކުދިން ވޭޕް ކުރުމުގެ މައްސަލަ ވަނީ އޮސްޓްރޭލިއާއަށް ކުރިމަތިވެފަ އެވެ.

"ހައި ސްކޫލްތަކުގައި ކުދިންގެ އުޅުން ގޯސްވާ މައިގަނޑު އެއް ސަބަބީ ވޭޕް ކުރުން ކަމަށް އެބަ ދައްކާ. ޕްރައިމެރީ ސްކޫލުތަކަށް ވެސް އެކަން ދަނީ ފެތުރެމުން،" ހެލްތު މިނިސްޓަރު މާކް ބަޓްލާ ވިދާޅުވި އެވެ.

އޮސްޓްރޭލިއާގައި އަޅާ ފިޔަވަޅުތަކުގެ ދަށުން ދެން ވޭޕް ކުރެވޭނީ ސިނގިރޭޓް ބުއިމާ ދުރުވާން ކުރާ ކަމެއްގެ ގޮތުން ޑޮކްޓަރެއްގެ ލިޔުން އޮވެގެންނެވެ.

އޭގެ އިތުރުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ދުންފަތުގެ ވިޔަފާރިން ނަގާ ޓެކްސް ފަސް ޕަސެންޓުން ބޮޑުކުރަމުން ދާނެ އެވެ.

މިހާރު ވެސް ސިނގިރޭޓް އެންމެ އަގު ބޮޑު އެއް ގައުމަކީ އޮސްޓްރޭލިއާ އެވެ. އާ ޓެކްސްތަކާ އެކު 25 ސިނގިރޭޓުގެ ފޮއްޓެއް ލިބޭނީ 33 އެމެރިކާ ޑޮލަރަށެވެ.