2 މޭ 2023 - 12:37 1
ސާއިފް ޝިޔާދު
2 މޭ 2023 - 12:37 1
ޗާގޯސް ޖަޒީރާ އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ، މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން ބޮޑުބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަދި, އެމަނިކުފާނުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ކަނޑުގެ ސަރަހައްދުން ބައެއް "ގެއްލިގެން ދިޔައީ" ދިވެހިން ޒަމާނުއްސުރެ ގެންގުޅެމުން ދިޔަ ސްޓޭންޑް ރައީސް ސޯލިހުގެ ސިޓީއަކުން ބަދަލުކުރުމުން ކަން އެނގޭ ކަމަށް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފަ އެވެ.
އެ ޓްވީޓުގައި ގާސިމް ވަނީ އިޓްލޮސްގެ ނިންމުމުގެ 51 ވަނަ ނުކުތާގައި ރައީސްގެ ސިޓީއަށް ރިއާޔަތްކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަށް ރައްދު ދެއްވައި މުއިއްޒު ވަނީ އެހެން އެކަން އޮތް ނަމަވެސް ރާއްޖޭން ބައެއް ގެއްލެން މެދުވެރިވެފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
"51 ވަނަ ޕެރެގްރާފުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް. ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ނުދެކެން," މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ރައީސް ސޯލިހު ފޮނުއްވި ސިޓީ ހޯދުމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން، މުހައްމަދު މުސްތާގް އަދި ލ.ކާނަލް (ރޓޑ) ޒުބައިރު އަހުމަދު މަނިކުގެ ނަމުގައި ސުޕްރީމް ކޯޓަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
ހަމައެހެންމެ, އެ ސިޓީ ހޯދުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ. އަދި, ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް އެ މައްސަލަ ބަލައިދިނުމަށް އޭނާ ވަނީ އެދިފަ އެވެ.
Comment