Advertisement

ބީރިއަލްގަ ސެލެބްރިޓީސް އަށް ހާއްސަ ފީޑެއް

މިފަދަ ފީޗާ އެއް އައުމުން ގިނަބައެއްގެ ފާޑުކިޔުންވަނީ އެޕަށް އަމާޒުވެފަ


ބީރިއަލްގަ ސެލެބްރިޓީސް އަށް ހާއްސަ ފީޑެއް

މަޝްހޫރު މީހުނަށް ހާއްސަ ފީޑެއް ސޯޝަލް މީޑިއާ އެޕް ބީރިއަލް އަށް އަންނަ ކަމަށް އެކުންފުނިން ބުނެފި އެވެ.

"ރިއަލް ޕީޕަލް"ގެ ނަން ދީފައިވާ ފީޑުން ދުނިޔޭގެ މަޝްހޫރު ފަންނާނުންނާއި ކުޅިވަރުކުޅުންތެރިންނާއި އާޓިސްޓް ފެނިގެންދާނެ އެވެ. މީގެ އިތުރުން ވެސް އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ މަގުބޫލު ފަރާތަތްތައް ފެނިގެންދާނެކަމަށް އެކުންފުނިން ބުނެ އެވެ.

ބީރިއަލްގެ މި އައު ފީޗާ ހިމެނެނީ އެޕްގެ ޑިސްކަވަރީ ޓެބްގަ އެވެ. ޑިސްކަވަރީ ޓެބަށް ދިޔުމަށް ފަހު ރިއަލް ޕީޕަލް އަށް ފިތާލުމުން މަޝްހޫރު ފަރާތްތަކުގެ ޕޯސްޓްތައް ފެނިގެންދާނެ އެވެ.

ބީރިއަލް ބޭނުންކުރާ ފަރާތްތަކަށް ރިއަލްމޮޖިސް ބޭނުންކޮށްގެން މި ޕޯސްޓްތަކަށް ރިއެކްޓް ކުރެވިދާނެ އެވެ. ނޫނީ އިތުރު ޕޯސްޓްތައް ބެލުމަށް ސްކރޯލްކޮށް، ބޭނުން ޕޯސްޓެއް ހައިޑްކޮށް ނުވަތަ ރިޕޯޓް ވެސް ކުރެވިދާނެ އެވެ.

އަދި މި ފީޑް އިން ފެންނަން ބޭނުންވާ ވަކި ފަރާތެއް ހުރި ނަމަ އެމީހަކު ސަޖެސްޓްކުރުމުގެ އޮޕްޝަނެއް ވެސް އެޕުން ލިބޭނެ އެވެ. މިއަހަރުގެ ހޫނު މޫސުމާއި ދިމާކޮށް ތައާރަފުކުރި މި ފީޗާ މިވަގުތު ލިބޭނީ ހަމައެކަނި އިނގެރޭސިވިލާތުގެ ޔޫޒަރުންނަށް ކަމަށް ބީރިއަލް އިން ބުނެ އެވެ.

މީހުންގެ އަސްލު ދިރިއުޅުން ދައްކުވައިދޭ އެޕެއްގެ ގޮތުގައި މާކެޓްކޮށް މަޝްހޫރުވެފައިވާ ބީރިއަލް އަށް މިފަދަ ފީޗާ އެއް އައުމުން ގިނަބައެއްގެ ފާޑުކިޔުންވަނީ އެޕަށް އަމާޒުވެފަ އެވެ. މިއީ އެޕްގެ އަސްލު މަގުސަދާ ފުށޫއަރާ ފީޗާއެއް ކަމަށް އެފަރާތްތަކުން ބުނެ އެވެ.

ގިނަބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ އިރު ބީރިއަލް އިން ބުނެފައިވަނީ، މި ފީޗާ ގެ ބޭނުމަކީ ސެލެބްރިޓީސް އަކީ ވެސް އާންމުންނެކޭ އެއްފަދަ ބައެއްކަން ދައްކާ ދިނުން ކަމަށެވެ.

މިދިޔަ އަހަރު ކުރީކޮޅު މަގުބޫލުކަން ހޯދި ބީރިއަލް އެޕުގައި، ކޮންމެ ދުވަހެއްގެ ވެސް ވަކި ވަގުތުކޮޅެއްގައި އެމީހެއް އެވަގުތަކު ހުރި ތަނުގެ ފޮޓޯއަކާއި ސެލްފީއެއްގެ ފޮޓޯ ލާން ޖެހެ އެވެ. "އެންޓައި-އިންސްޓަގްރާމް" އެޕެއް ގޮތުގައި ގިނަބަޔަކު ފާހަގަކުރާ މި އެޕުގައި ކޮންމެ މީހެއްގެ ވެސް ހަޔާތް "ފިލްޓާ ނުކޮށް" ހަގީގީގޮތުގައި ދައްކާދެ އެވެ.

ނަމވެސް އެޕަށް މިހާރު ލިބެމުން އަންނަނީ ފިނި ތަރުހީބެއްކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. މީގެ ސަބަބެއް ކަމަށް ފާހަގަކުރެވިފައިވަނީ، އެހެން ސޯޝަލް މީޑިއާ އެޕްތަކާއި ހިލާފަށް، އައު ޝައުގުވެރި ފީޗާސް ތަކެއް ގެންނަން ނުކުޅެދުންތެރިވުމެވެ.