2 މޭ 2023 - 08:49 0
މުހައްމަދު ވިޝާމް
މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
2 މޭ 2023 - 08:49 0
ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އިން ވަކިކުރުމުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާނޫނު އަސާސީއާ ހިލާފުވެފައިވާތީ އެމަނިކުފާނު އަޒުލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ސޯލިހު ދިވެހި ފަސްގަނޑުގައި ހުންނަވައިގެން މިހާރު ކުރައްވާ ކަންތައްތަކަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ކެންޑިޑެސީ ބާތިލުވުމުގެ އިތުރުން، ވެރިކަމުގެ މި ދައުރު ފުރިހަމަ ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ކަމަށެވެ.
"މި ޕްރެސްގަ ވެސް އަޅުގަނޑު ދަންނަވާލަން ބޭނުން، ރައީސް ސޯލިހު އަޒުލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި ފަށަނީ،" އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައި ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅުން މި މަސައްކަތް ފެށީ ރައީސް ސޯލިހު އަޒުލުކުރަން ދިވެހި ރައްޔިތުން އެދޭތީ އެވެ. އަދި ރައީސް ސޯލިހު މިހާރު އެ ކުރައްވަނީ ވެރިކަމުގައި ހުންނަވައިގެން ކުރެއްވޭނެ ކަންތައްތަކެއް ނޫން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް އެ ވިއްކާލީ. މަސްވެރިންގެ ކަނޑު އެ ވިއްކާލީ ރޯމާ ދުވާލު،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، އިންޑިއާގެ ޑިފެންސް މިނިސްޓަރު އިއްޔެގެ ވަގުތެއްގައި ރާއްޖެއަށް ވަޑައިގެންނެވީ، ރާއްޖެ-މޮރިޝަސްގެ އިން ވަކިކުރީ ދިވެހި ރައްޔިތުން އެދޭ ގޮތަށް ކަން ދުނިޔެއަށް ދެއްކުމަށް ކަމަށް ވެސް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް ސޯލިހުގެ ސިޓީއަކުން، ރައްޔިތުންނަށް ނޭނގި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަކީ ގާނޫނު އަސާސީއާ ސީދާ ހިލާފަށް ކުރެއްވި ކަމެކެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ބައެެއްގެ ގޮތުގައި ބަލައިގެން ރާއްޖެއާ މޮރިޝަސްއާ ދެމެދު ބޯޑަރު ކަނޑައަޅަން އިޓްލޮސް އިން ނިންމުމަކީ ޗާގޯސްއަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އިޓްލޮސް އިން އެއްބަސްވުމެވެ. މި މައްސަލައިގެ ފުރަތަމަ މަރުހަލާގައި ރާއްޖޭން ދެކޮޅު ހެދީ ވެސް ހަގީގަތުގައި އެކަމާ އެވެ.
ރާއްޖޭގެ އޭރުގެ ސްޓޭންޑަކީ އިޓްލޮސް އަށް އެ މައްސަލަ ނުބެލޭނެކަމަށް ބުނުމެވެ. އެއީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު އަރައިރުމެއް އޮތީމަ އެވެ. އެހެން ނަމަވެސް އިޓްލޮސް އިން ރާއްޖޭގެ އެ ނުކުތާ ބަލައި ނުގަނެ މައްސަލަ ކުރިއަށް ގެންދިޔައީ އެވެ. އެ ފަހުން ރާއްޖޭގެ އެ ސްޓޭންޑް ބަދަލުކުރި އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބެން ޖެހޭ ކަމަށް އައިސީޖޭއިން ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް އަމަލުކުރަން ގޮވާލައި އދ.ގެ އާއްމު މަޖިލީހުން 2019 ވަނަ އަހަރު ގަރާރެއް ފާސްކުރި އެވެ. އެގަރާރާ ދެކޮޅަށް އިނގިރޭސީންނާ އެކު ވޯޓު ދިނީ ރާއްޖެއާއި އެމެރިކާ، އޮސްޓްރޭލިއާ ހަންގޭރީ އަދި އިޒްރޭލުންނެވެ.
އިނގިރޭސީންގެ ދަށުން މިނިވަންވެ، މޮރިޝަސްގެ ދައުލަތް އުފެއްދި އިރު ވެސް އެގައުމުގެ ބަޔަކަށް ނުވެ އޮތް ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ބައިނަލްއަގުވާމީ އެކިއެކި ފޯރަމްތަކަށް ހުށަހެޅި އެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އެގައުމުން ހުށަހެޅި ހުށަހެޅުމަކީ އެފަދަ އެއް ހުށަހެޅުމެވެ.
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.
ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.
މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހަދަނީ މިކަމާ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.
އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
އެއާއެކު، އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.
Comment