Advertisement

އާސެނަަލް އަދިވެސް ލީގުގެ ރޭހުގައި އެބައޮތް، އާޓެޓާ ބުނަނީ އަދި ރަނގަޅުވާނެ ކަމަށް

2 މޭ 2023 - 09:28 0


އާސެނަަލް އަދިވެސް ލީގުގެ ރޭހުގައި އެބައޮތް، އާޓެޓާ ބުނަނީ އަދި ރަނގަޅުވާނެ ކަމަށް

2 މޭ 2023 - 09:28 0

ލަންޑަން (މެއި 2) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމު އާސެނަލަށް ގެއްލުނު ނަމަވެސް އެ ޓީމު އަދިވެސް ލީގުގެ ރޭހުގައި އެބައޮތް ކަމަށާއި ސީޒަނުގެ ބާކީ ބައިގައި އެ ޓީމަށް ރަނގަޅު ކަންތައްތަކެއް ވާނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

މިދިޔަ އާދިއްތަ ދުވަހުގެރޭ މެންޗެސްޓާ ސިޓީން ވަނީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އަމިއްލަ ބާރުގައި އެއް ވަނަ މަގާމު ދަމަހައްޓައި، ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ. މި ފަހަރު ލީގުގައި 247 ދުވަސް ވަންދެން އެއް ވަނައިގައި އޮތް އާސެނަލަށް ދެން ލީގު ޗެމްޕިއަންކަން ލިބެން އޮތީ ދެ މެޗެއްގައި ސިޓީ އަތުން ޕޮއިންޓް ގެއްލިގެންނެވެ.

ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޗެލްސީ އަތުން މޮޅުވެގެން، އަނެއްކާ ވެސް އާސެނަލަށް އެއް ވަނަ އަށް އެރިދާނެ އެވެ. އާސެނަލްގެ ކޯޗު އާޓެޓާ ބުނީ ލީގުގެ ރޭހުގައި އޮވެ، އެ ޓީމު ކުރިއަށްދާން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުންހިފަން ބޭނުންވާ ކަމަށެވެ.

"އަހަރެމެން މިހާރު ވެސް މި ތިބީ ވަރަށް އުނދަގޫ ކަންކަން ހާސިލްކޮށްގެން މި ހިސާބަށް އައިސް. އަދިވެސް އަހަރެމެން މި ތިބީ ލީގުގެ ރޭހުގައި. އަދިވެސް ބާކީ އެބައޮތް ފަސް މެޗު އެހެންވީމަ، ގިނަ ކަންތައްތަކެއް ނުހިނގާނެއެކޭ ނުބުނެވޭނެ،" އާޓެޓާ ބުންޏެވެ. "ތެދެއް، ޔަގީންކަމަކާ އެކީ ފެންނަން އޮތް ކަމެއް ލީގު ތަށި ހޯދުމުގެ އަމިއްލަ ބާރު އަހަރެމެން އަތުގައި ނެތް. އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ ކުޅެން ހުރި މެޗުތަކުން މޮޅުވުން، ބާކީ އެ އޮތީ ސިޓީގެ އަތްމަތީގައި،"

ޖެހިޖެހިގެން ތިން މެޗުން އާސެނަލް އަތުން ޕޮއިންޓް ގެއްލިފައިވާ ކަމަށް އިޝާރާތްކޮށް، އާޓެޓާ ބުނީ މިދިޔަ ހަފްތާތަކުގައި ހިނގާފައިވާ ކަންކަމާ މެދު ފިކުރުކޮށްގެން ދެން ވާނެ ފައިދާއެއް ނެތް ކަމަށެވެ. އެ އަށް ވުރެ ބޮޑަށް ފޯކަސް ކުރަންވީ ކުރިއަށް އޮތް މެޗަށް ކަމަށާއި އަމިއްލަ ދަނޑުގައި މޮޅެއް ހޯދައި، ސަޕޯޓަރުންގެ އިތުބާރު ދެމެހެއްޓުން މުހިންމު ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

"އަހަރެެމެންނަށް އަދިވެސް މި ތިބެވެނީ ރަނގަޅު ހިސާބެއްގައި. ރަނގަޅު ކަންތައްތަކެއް ކުރިއަށް ވާން ހުރި ކަމުގެ އިހުސާސް އެބަކުރެވޭ. އަހަރެންގެ ވިސްނުމުގައި ބަހެއް ބުނާނަމަ ބުނެވޭނީ އަދިވެސް މިކަމެއް ނުނިމެއޭ،" އާޓެޓާ ބުންޏެވެ.

އެންމެ ފަހުން ނިމުނު މެޗުތަކުގެ ނަތީޖާ އަށް ފަހު، އާސެނަލަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންވެފަ އެވެ. އާސެނަލުން ޔޫރަޕްގެ އެންމެ ވަރުގަދަ ކްލަބް ފުޓްބޯޅަ މުބާރާތް، ޗެމްޕިއަންސް ލީގުގައި ވާދަ މިކުރަނީ ހަތް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.