Advertisement

މާޒިޔާ އަކީ ފައިނަލުގެ ފޭވަރިޓުން ކަމަށް އިވާން އެއްބަހެއްނުވި

1 މޭ 2023 - 15:22 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު އިވާން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މާޒިޔާ އަކީ ފައިނަލުގެ ފޭވަރިޓުން ކަމަށް އިވާން އެއްބަހެއްނުވި

1 މޭ 2023 - 15:22 0

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މާދަމާރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަކީ ފޭވަރިޓުންނެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ބަލްގޭރިއާގެ އިވާން ކޮލޭވް ބުނެފި އެވެ.

މާދަމާރޭ ފައިނަލުގައި މާޒިޔާ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅެން ހަމަޖެއްސި ފައިނަލް މެޗު މާދަމާ ރެ އަށް ފަސްކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ބައިވެރިވެވަޑައިގެންނެވޭ ތާރީހެއްގައި މެޗު ކުޅުމުގެ ގޮތުންނެވެ.

މިއީ، މާޒިޔާ އިން ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. މާޒިޔާ އިން 2015 ވަނަ އަހަރު މުބާރާތުގެ ތަށި އުފުލާލި އެވެ. އީގަލްސް އިން ތިން ވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ކުޅޭއިރު، އެ ޓީމުން ވަނީ 2016 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ފައިނަލް މެޗުގެ ކުރިން މިއަދު މެންދުރު ފަހު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަމުން މާޒިޔާގެ ކޯޗު އިވާން ބުނީ ފައިނަލަކީ ދެ ޓީމަށް ވެސް ހާއްސަ މެޗެއް ކަމަށާއި ވަކި ފޭވަރިޓެއް ނެތް ކަމަށެވެ.

"އެއްވެސް ފައިނަލެއްގައި ފޭވަރިޓުންނެއް ނޯންނާނެ. އެއީ މިއީ އެންމެ މެޗެއް. އެ ގޮތަށް ވިސްނާއިރު ކޮންމެ ޓީމަކުން ވެސް ފައިނަލެއްގައި ކާމިޔާބު ހޯދާނެ ގޮތްތަކެއް ވިސްނައިގެން އެ އަށް މަަސައްކަތް ކުރާނެ. އެެހެންވެ، އަހަރެން ނުވިސްނަން އަހަރެމެންނަކީ (މާޒިޔާ އަކީ) ފޭވަރިޓުން ކަމަކަށް. އީގަލްސް އަކީ ވަރުގަދަ ޓީމެއް. އަހަންނަށް އެނގޭ އެ މީހުން ވެސް ތައްޔާރުވާނެ ކަން،" އިވާން ބުންޏެވެ.

މާޒިޔާ އާއި އީގަލްސް އަކީ މި ފަހަރުގެ ސީޒަނަށް ދުރާލާ ޕްރީ ސީޒަން ފެށި ހަމައެކަނި ދެ ޓީމެވެ. މި ދެ ޓީމުން ޗެރިޓީ ޝީލްޑް މެޗުގައި ކުުޅުނުއިރު، މާޒިޔާ އިން ވަނީ 2-1 އިން އީގަލްސް ބަލިކޮށްފަ އެވެ. އިވާން ބުނީ ހުރިހާ ގޮތަކުން ބެލިޔަސް ޗެރިޓީ މެޗާއި މި ފައިނަލް މެޗު އަޅާނުކިޔޭނެ ކަމަށެވެ.\

އިވާން ދެކޭގޮތުގައި މާޒިޔާ އިން ވިސްނަން ޖެހޭނެ ކަމަކީ އީގަލްސް އިން އެ މެޗަށް ވުރެ މި މެޗަށް ހުރިހާ ގޮތަކުން ވެސް ތައްޔާރުވާނެ ކަމަށެެވެ.

"ހަގީގަތަކީ މާޒިޔާގެ ޓާގެޓް އަބަދުވެސް ވަރަށް މަތީގައި އުޅޭނީ. އެހެންވެ، މާދަމާރޭ އަހަރެމެން މޮޅުވާން މަސައްކަތް ކުރާނީ، ހަމަ ޔަގީންކަމެއް މި މެޗު ފަސޭހައެއް ނުވާނެ،" އިވާން ބުންޏެވެ.

މިދިޔަ އަހަރު މާޒިޔާ އަށް ގެއްލުނު ހަމައެކަނި މުބާރާތަކީ ޕްރެޒިޑެންޓްސް ކަޕް އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗުން މާޒިޔާ ވަނީ 2-1 އިން ކްލަބް ވެެލެންސިއާ އަތުން ބަލިވެފަ އެވެ.

އިވާން ބުނީ މިދިޔަ އަހަރުގެ ފައިނަލާ މެދު ނުވިސްނާނެ ކަމަށެވެ.

"ތި ވާހަކަތައް މިހާރު އެ ހުރީ މާޒީގައި. މިހާރު އަހަރެމެން ވިސްނަންވީ ކުރިމަތީގައި އޮތް މެޗަށް، އަހަރެމެން ވަރަށް ސީރިއަސްކޮށް މި މެޗަށް ތައްޔާރުވާންވީ. އަހަރެމެން ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ވިސްނައިގެން ހުރި ހުރިހާ އެއްޗެއް ބޭނުންކޮށްގެން މި މެޗުގައި ކުޅެން ޖެހޭނީ. މޮޅުވެވޭނެ ގޮތްތަކަށް މި މަސައްކަތްކުރަނީ،" އިވާން ބުންޏެވެ.

ކޮންމެ ޓީމެއްގައި ވެސް ކުޅުންތެރިންނާ ގުޅޭ އެކި އެކި މައްސަަލަތައް އެބަހުރިކަން ފާހަގަކޮށް އިވާން ބުނީ މާޒިޔާ އަށް ވެސް އެކި ކަހަލަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

"ސަމުއްޓެ ވެސް އަންނަނީ (އަނިޔާއިން) ރަނގަޅުވަމުން. މިއަދު، މިއީ އޭނަ (ސަމުއްޓެ) އަށް ފަހު ޓެސްޓް. ނޫމްބެ ވެސް އަންނަނީ ރަނގަޅުވަމުން. ފުރަތަމަ އެގާރައިގައި ނޫމްބެ ނެތަސް ކޮންމެ ދަނޑިވަޅެއްގައި ވެސް އަރަން ތައްޔާރަށް އޭނަ ހުރީ. ސެންޓޭ އަދިވެސް އެބަޖެހޭ ރަނގަޅު ކުރަން. ދެން، ސްޓެފަން، އަހަރެމެންގެ ސާބިއާ ސްޓްރައިކަރު، ވެސް އަމިއްލަ މައްސަލައެއްގައި އުޅެނީ. ދެން ހުރި ޕްލޭޔަރުން މި ތިބީ ފިޓްކޮށް،" އިވާން ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބް އަތުން އީގަލްސް މޮޅުވީ އިތުރު ވަގުުތުގެ ދެ ހާފް ކުޅެގެން 2-1 އިންނެވެ. އަނެއްކޮޅުން، ގްރޫޕް ސްޓޭޖުގައި ބުރު އަތުން ވީ ބަލި ހަނދާން ނައްތާލައި، މާޒިޔާ އިން ވަނީ ސެމީ ފައިނަލުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 8-0 އިން މޮޅުވެފަ އެވެ.

މި ވަގުތުގެ ފޯމަށް ބަލާއިރު، މާޒިޔާ އަށް ހިތްހަމަޖެހިލައިގެން އެކި ކުޅުންތެރިން ބޭނުންކޮށްގެން ވެސް ރަނގަޅަށް ކުޅެވިދާނެތޯ އެހުމުން އިވާން ބުނީ ކޮންމެ ޓީމެއް އަދި ކޮންމެ މެޗެއް ވެސް މާޒިޔާއާ ކުޅޭއިރު ގިނަ ގޮތްގޮތުން ވިސްނާނެ ކަމަށެވެ.

މާޒިޔާ އިން މި ފައިނަލް މެޗުގައި ކުރިއަށްދާނީ އީގަލްސްގެ ރޭވުންތެރިކަމާ ދެކޮޅަށް ނަތީޖާ ނެރެވޭނެ އެންމެ ރަނގަޅަށް ހުރިހާ ވަގުތެއްގައި ވެސް ފޯކަސް ކޮށްގެން ކުޅުމަށް ކަމަށް ވެސް އިވާން ވަނީ ބުނެފަ އެވެ.