Advertisement

މިއަހަރުގެ ފައިނޭންސް ފޯރަމް މިމަހު ފަހުކޮޅު ބާއްވަނީ

މިއަހަރުގެ ފޯޜަމް ހާއްސަ ކޮށްފައިވަނީ ީ ފިންޓެކް އަދި އޭއައި އަށް -- ފޮޓޯ: މުހައްމަދު ޝާބިން -- އަދަދު


މިއަހަރުގެ ފައިނޭންސް ފޯރަމް މިމަހު ފަހުކޮޅު ބާއްވަނީ

ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަލީ ދާއިރާގެ އިސްފަރާތްތަކާއެކު މަޝްވަރާ ކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓުރޭޝަން އިން އިންތިޒާމު ކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް މިމަހު ފަހުކޮޅު ބާއްވަން ނިންމައިފި އެވެ.

ކޮންމެ އަހަރަކު ވެސް ގަވާއިދުން ބާއްވަމުން އަންނަ ފޯރަމް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރުނބާ މޯލްޑިވްސްގަ އެވެ. ފޯރަމް ހާއްސަކޮށްފައި ވަނީ ފިންޓެކް އަދި އޭއައި އަށެވެ. ފިންޓެކަކީ ފައިނޭންޝަލް ޓެކްނޮލޮޖީސް އެވެ. އޭއައި އަކީ އާޓިފިޝަލް އިންޓެލިޖެންސް އެވެ.

މިފޯރަމްގައި ފިންޓެކް އަދި އޭއައި ގެ ސަބަބުން މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި އެކަމުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާއަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާ މެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވާކަމަށް ޕެންޝަން އޮފީހުން ބުނެ އެވެ.

އަދި ފިންޓެކް އާއި އޭއައިގެ އެހީގައި މާލީ ހިދުމަތްތައް ތަރައްގީކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުންވެސް މައުލޫމާތު ބަދަލުކޮށް މަޝްވަރާކުރާނެ ކަމަށާއި އޭގެއިތުރުން ރާއްޖޭގައި ފިންޓެކް އަދި އޭއައި އާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މީހުންގެ ތަޖުރިބާ ހިއްސާކުރުމާއި އީޖާދުތައް ދައްކާލުމުގެ ފުރުސަތު ވެސް ހުޅުވައިލާފައި ވާކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދެއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އިތުރުން ބައިނަލްއަގްވާމީ މާލީ މަޝްރަަހަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ހާއްސަ ތީމްތަކަށް ޕްރެޒެންޓޭޝަންތަކާއި ޕެނަލް ޑިސްކަޝަންތަކާއި ތަޖުރިބާ ހިއްސާކުރުމުގެ ސެޝަންތަކާއި ތީމާގުޅޭ ހިދުމަތްތަކާއި ވަސީލަތްތައް ދައްކާލުން ފަދަ ތަފާތު ބައިތައް އެކުލެވޭ ގޮތަށް ފަރުމާކޮށް އަހަރަކު އެއްފަހަަރު ކުރިޔަށް ގެންދާ ފޯރަމެކެވެ. ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ހާއްސަކުރެވިގެން ފެށި މިފަދަ ފުރަތަމަ އަދި މެދުނުކެނޑި ކުރިޔަށްގެންދާތާ އެންމެ ދުވަސްވީ އެެއް ފޯރަމެވެ. މިއަހަރުގެ ފައިނޭންސް ފޯރަމްއަކީ ދިހަވަނަ އެޑިޝަނެވެ.

އެފަދަ ފޯރަމެއް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ ހައިސިޔަތުން ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި ޕެންޝަން ފަންޑު އެންމެ އެކަށޭނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފަހި މާހުލެއް ގާއިމުކޮށް ވަސީލަތްތައް އިތުރުކުރުމާއި ހިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން ކަމަށް އެ އޮފީހުން ބުނެ އެވެ.