Advertisement

ޕެންޝަން އޮފީހުގެ ކަލަންޑަރުން ހަނދާންކޮށްދީ, ހަރުލައްވައިދެނީ މުހިންމު އާދައެއް

11 ޖަނަވަރީ 2024 - 11:28 3

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ޕެންޝަން އޮފީހުގެ ކަލަންޑަރު.


ޕެންޝަން އޮފީހުގެ ކަލަންޑަރުން ހަނދާންކޮށްދީ, ހަރުލައްވައިދެނީ މުހިންމު އާދައެއް

11 ޖަނަވަރީ 2024 - 11:28 3

ކޮންމެ އަހަރެއްގެ ފެށުމާ އެކު އެންމެ އިންތިޒާރުކުރެވެނީ, އާ އަހަރުގެ ކޯޕަރޭޓް ކަލަންޑަރުތަކަށެވެ. ތަފާތު ފަރުމާތަކަށް, އެކިއެކި ބޭނުންތައް ފުދޭނެހެން, ހިތްގައިމު ކަލަންޑަރުތައް ހެދުމަކީ ރާއްޖޭގެ ކުންފުނިތަކާއި, އޮފީސްތަކާއި, މުއައްސަސާތަކުގައި އޮންނަ ރަނގަޅު ސަގާފަތަކެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަ ކަލަންޑަރެއް އޮފީހަށް ލިބެ އެވެ. އިއްޔެ މަސައްކަތުގައި ހުއްޓާ އަނެއްކާ ވެސް ކަލަންޑަރެއް ލިބިއްޖެ އެވެ. އޮރެންޖު ކުލައިގެ ހިތްގައިމު ފޮށްޓެކެވެ. ކުޑަކުއްޖަކަށް ކުޅޭ އެއްޗެއް ލިބުމުން އަވަހަށް ފޮށިން ކަނޑާ ނަގާ ހެން އުފަލާ އެކު އަހަރެން އެ ފޮށި ކަނޑާލައިފީމެވެ.

އޭގެ ތެރޭގައި އޮތީ އޮރެންޖާއި, ރަން ރީނދޫ ކުލައިން ޖަރީކޮށްފައިވާ ކުޑަކުޑަ ފޮށްޓެކެވެ. ވަށައިގެން ހުރީ އަހަރުތަކުގެ މަސްތަކާއި, ދުވަސްތައް, ހިޖުރީ ތާރީހާ އެކު, އަދި ބަންދު ދުވަސްތައް ވެސް އެނގޭހެން ލިޔެފަ އެވެ. ހިތަށް އެރި އެވެ. މި ކަލަންޑަރުގެ ހާއްސަ ކަމަކީ ކޮބާ ހެއްޔެވެ؟

އެކަން ފާހަގަކުރެވުނީ އެ ފޮށީގެ މައްޗަށް ދިން ނަޒަރުންނެވެ. މިއީ ހަމައެކަނި ކަލަންޑަރެއް ނޫނެވެ. މިއީ ކޮއިން ބޮކްސް އެއް ވެސް މެ އެވެ. މަތީގައި ކުޑަކުޑަ ތަންކޮޅެއް ކަނޑާފައި, އެތެރެއަށް ވަކި ރުފިޔާ އާއި ކަރުދާސް ރުފިޔާ ލެވޭ ގޮތަށް ވަނީ ހަދާފަ އެވެ.

ހައިރާންވާން ޖެހޭ ސަބަބެއް ނެތެވެ. މިއީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ކަލަންޑަރެވެ. އެއީ ރިޓަޔާކުރުމަށް ފަހު އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި, ޕެންޝަން ނިޒާމު ރާއްޖޭގައި ހިންގައި, ތަންފީޒުކުރުމުގެ ބާރު ގާނޫނުން މަތިކޮށްފައިވާ އޮފީހެވެ.

ޕެންޝަން އޮފީހުގެ މި ކަލަންޑަރުން ހިތްވަރު ދެނީ, އެ އޮފީހުގެ މަގުސަދާ އެއްގޮތަށް, ފަހަށް ފައިސާ ރައްކާކުރާށެވެ. ބާރު އަޅަނީ މާދަމާގެ ހިތްހަމަޖެހުމަށް, މިއަދު ތައްޔާރުވުމަށެވެ. ކުޑަކުޑަ މި ފޮށްޓަކީ މާ ބައިވަރު ފައިސާތަކެއް ރައްކާކުރެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް މީގެން ރަމްޒީ ގޮތުން މި ދެނީ ވަރަށް މުހިއްމު މެސެޖެކެވެ. ކޮންމެ ދުވަހަކު އަހަރެމެން ކަލަންޑަރު ބަލައި ކަންކަން ރާވާއިރު, ކަލަންޑަރު އެ ހަނދާން ކޮށްދެނީ އެހާމެ މުހިއްމު ކަމެކެވެ.

ފައިސާ ރައްކާކުރުމުގެ އާދަ ހަރުލެއްވުމަށް, އަހަރެމެންނަށް މި ފޮށްޓަށް ކޮންމެ ދުވަހަކު ވަކި ވަރެއް އަޅައިގެން, އަހަރު ނިމޭއިރު އޭގެން އަގުހުރި ކަންކަން ވެސް ކޮށްލެވިދާނެ އެވެ. ފޮށީގެ މަތީގައި ދީފައިވާ އިރުޝާދުގައިވާ ގޮތަށް, ކޮންމެ ދުވަހަކު 2ރ. ވައްޓާލައިފި ނަމަ އަހަރު ނިމޭއިރު 730ރ. އޮންނާނެ އެވެ. ކޮންމެ ދުވަހަކު 5ރ. ލައިފި ނަމަ އަހަރު ނިމޭއިރު 1825ރ. އަދި, ކޮންމެ ދުވަހަކު 20ރ. ލައިފި ނަމަ އެއީ އަހަރު ނިމޭއިރު 7300ރ. އެވެ.

އެއީ މީގައިވާ ގޮތުން ނަމަ, އެކުވެރިންނާ އެކު ރޭގަނޑުގެ ކެއުމަކަށް, ނުވަތަ ރީތީ ބޫޓެއް ނުވަތަ ހަފުތާ ބަންދުގައި ކޮންމެވެސް ތަނަކަށް ޖައްސާލެވިދާނެ ވަރުގެ އަދަދެކެވެ. ނަމަވެސް އެއަށް ވުރެ މުހިއްމީ އާއްމު ދިރިއުޅުމުގައި ފަހަށް ފައިސާ ރައްކާކުރުމުގެ އާދަ ހަރުލެއްވުމެވެ. އޭރުން އެއަށް ވުރެ ބޮޑެތި ކަންކަން ދައްޗެއް ނެތި ކޮށްލެވޭނެ އެވެ.

މި އަހަރުގެ ކަލަންޑަރުތަކުން އަހަންނަށް އެންމެ އަގުހުރި އެެއްޗަކަށް ވީ ޕެންޝަން އޮފީހުގެ ކަލަންޑަރެވެ. ޑިޖިޓަލް ޒަމާނުގައި އިނގިލި ކުރިން ފަސޭހަކަމާ އެކު, ކަލަންޑަރުތައް ބަލައި ކަންކަން ރާވާލެވެން އޮންނައިރު, މޭޒުމަތީގައި ބަހައްޓާ ކަލަންޑަރެއްގެ އަގު ހުންނާނީ އޭގެން އިތުރު ބޭނުމެއް ވެސް ފުދޭ ނަމަ އެވެ. މި ކަލަންޑަރަކީ އޭގެ ފުރިހަމަ މިސާލެކެވެ.