Advertisement

ލާޒިއޯ ބަލިވިޔަސް ނަޕޯލީގެ އިންތިޒާރު ދިގުލައިފި

30 އޭޕްރީލް 2023 - 20:40 0

ސެލަނިޓާނާގެ ޑަނީލިއުޗް އަތުން ބޯޅަ ހޯދަން ނަޕޯލީގެ އަންގީސާ ޓެކަލްކުރަނީ


ލާޒިއޯ ބަލިވިޔަސް ނަޕޯލީގެ އިންތިޒާރު ދިގުލައިފި

30 އޭޕްރީލް 2023 - 20:40 0

މިލާން (އޭޕްރީލް 30) - އިޓާލިއަން ލީގުގެ ދެ ވަނައިގައި އޮތް ލާޒިއޯ އިން މިއަދު ކުޅުނު މެޗުން 3-1 އިން އިންޓަ މިލާން އަތުން ބަލިވުމާ އެކު، ނަޕޯލީ އަށް މޮޅުވެގެން ތަށި ޔަގީންކުރެވެން އޮއްވައި، އަމިއްލަ ދަނޑުގައި ސެލަނިޓާނާއާ 1-1 އިން އެއްވަރުވެ، ޗެމްޕިއަންކަން ހޯދަން ކުރަމުން އަންނަ އިންތިޒާރު ދިގުލައިފި އެވެ.

ބުދަ ދުވަހުގެރޭ ސަސުއޯލޯ އަތުން ލާޒިއޯ އަށް މޮޅުނުވެވިއްޖެނަމަ 33 އަހަރަށް ފަހު ނަޕޯލީ އަށް ލީގު ޗެމްޕިއަންކަން ޔަގީންވާނެ އެވެ. ނަޕޯލީން އެންމެ ފަހުން އިޓަލީގެ ލީގު ޗެމްޕިއަންކަން ހޯދީ 1990 ވަނަ އަހަރު އެވެ.

ނަޕޯލީ ލީގުގެ އެއް ވަނައިގައި އޮތީ 32 މެޗުން 79 ޕޮއިންޓާ އެކު އެވެ. ލާޒިއޯ، ދެ ވަނައިގައި އޮތީ 32 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސް އަށް 31 މެޗުން ވަނީ 59 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އިންޓަ މިލާނާއި ފަސް ވަނައިގައި އޮތް އޭސީ މިލާނާއި ހަ ވަނައިގައި އޮތް ރޯމާ އަށް ވެސް ވަނީ 32 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ނަޕޯލީން ވަނީ 62 ވަނަ މިނިޓްގައި މަތިއަސް އޮލިވޭރާ ބޮލުން ޖެހި ގޯލުން ލީޑުނަގައިފަ އެވެ. މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް، ސެލަނިޓާނާ އަށް އެއްވަރުކޮށްދިނީ ބޫލާއޭ ޑިއާ އެވެ. އޭނާ ވާތު ފައިން ޖެހި ބޯޅަ ނަޕޯލީގެ ކީޕަރު އަލެކްސް މެރެޓް އަށް މަތަކުރެވޭ ގޮތެއްނުވި އެވެ.

ލާޒިއޯ އިން ފިލީޕޭ އެންޑަސަންގެ ގޯލުން ފުރަތަމަ ހާފުގައި ލީޑުނަގާފައިވަނިކޮށް، އިންޓަ އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގެ ފަހު 15 މިނިޓް ތެރޭ ގޯލުތައް ޖަހައިގެންނެވެ. އިންޓަގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ލަޓާރޯ މާޓިނޭޒް އެވެ. އަނެއް ލަނޑު ޖެހީ ފުލްބެކް، ރޮބިން ގޮސެންސް އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިންޓަގެ ހެންރިކް މިކިތާރްޔަން ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.