Advertisement

9838 މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަހަރަކު 482 މިލިއަން ރުފިޔާ ހޭދަވޭ

30 އޭޕްރީލް 2023 - 21:28 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އައިޖީއެމްއެޗުގައި ނަރުހެއް ހަރަކާތްތެރިވަނީ. ނަރުހުންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ވަނީ ގެނެސްފައި --- ފޮޓޯ: އަދަދު ފައިލް


9838 މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަހަރަކު 482 މިލިއަން ރުފިޔާ ހޭދަވޭ

30 އޭޕްރީލް 2023 - 21:28 0

އަންނަ މަހުން ފެށިގެން ސިއްހީ ދާއިރާ ހިމެނޭހެން 9,838 މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށާއި އެކަން ކުރުމަށް ދައުލަތުގެ ބަޖެޓުން އަހަރެއްގެ މައްޗަށް 482.2 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ މާދަމާއިން ފެށިގެން ބޮޑުކުރަން ނިންމާފައިވާއިރު ސަރުކާރުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންގެ ތެރެއިން 35 ޕަސެންޓު އެލަވެންސް ނުލިބޭ މުވައްޒަފުންނަށް އެ އެލަވަންސް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ސިވިލް ސާވަންޓުންގެ ތެރެއިން 35 ޕަސެންޓު އެލަވަންސް މިހާތަނަށް ޔޫތު މިނިސްޓްރީ, އިސްލާމިކް މިނިސްޓްރީ, އާޓްސް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނަށް ލިބިފައި ނުވެ އެވެ.

ނަމަވެސް, މި ބަދަލާ އެކު އެ މިނިސްޓްރީތަކުގައި މަސައްކަތްކުރާ 1,367 މުވައްޒަފުންނަށް މި އެލަވަންސް ދިނުމަށް މަހަކު 2.658 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އަދި, އަހަރެއްގެ މައްޗަށް އެކަމަށް 31.9 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން 3,710 މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލަށް މަހެއްގެ މައްޗަށް 23.6 މިލިއަން ހޭދަވެ އެވެ. އެހެންކަމުން އަހަރުގެ ބާކީ މިއޮތް އަށް މަސް ދުވަހުގެ ތެރޭ އެކަމަށް 188.9 މިލިއަން ހޭދަވާނެ ކަމަށް ސަރުކާރުގެ ހިސާބުތަކުން ދައްކަ އެވެ.

ސިއްހީ ދާއިރާގެ މުސާރަ ބޮޑުވިއިރު މުސާރައިގެ އާ އޮނިގަނޑަށް ޖުމްލަ 3710 މުވައްޒަފުން ހިޖުރަ ކުރި އެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުގެ 1004 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުންނާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލްތަކުގެ 471 މުވައްޒަފުންނާއި ހުޅުމާލޭ ހޮސްޕިޓަލުގެ 298 މުވައްޒަފެކެވެ.

އޭގެ އިތުރުން ދައުލަތުގެ އެހެނިހެން ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ 452 މުވައްޒަފަކު ވެސް މުސާރައިގެ އާ އޮނިގަނޑަށް ހިޖުރަ ކުރެ އެވެ. އޭގެ ތެރޭގައި ޖަލުތަކާއި ސްކޫލްތަކާއި ކުޑަަކުދިންނާއި ބޮޑެތިމީހުން ބަލަހައްޓާ ދައުލަތުގެ މަރުކަޒުތަކުގައި މަސައްކަތް ކުރާ ކައުންސިލަރުން، ސައިކޮލަޖިސްޓުން، ސައިކްރޭޓިސްޓުން، ސްޕީޗު ތެރަޕިސްޓުން ފަދަ އެލައިޑު ހެލްތު ޕްރޮފެޝަނަލްސް ހިމެނެ އެވެ.