Advertisement

ފިލިޕީންސްގައި ޑައިވް ބޯޓެއް އަޑިއަށް ގޮސް ހަތަރު މީހުން ގެއްލިއްޖެ

ބޯޓެއް ބަންޑުން ޖަހާލާފައި. -- ފައިލް ފޮޓޯ


ފިލިޕީންސްގައި ޑައިވް ބޯޓެއް އަޑިއަށް ގޮސް ހަތަރު މީހުން ގެއްލިއްޖެ

މެނީލާ، ފިލިޕީންސް (އެޕްރީލް 30) - ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ ފިލިޕީންސްގެ ކަނޑުގެ ސަރަހައްދަކުން ބޯޓެއް އަޑިއަށް ގޮސް ހަތަރު މީހުން ގެއްލިއްޖެ އެވެ.

ފިލިޕީންސްގެ ކޯސްޓުގާޑުން ބުނީ އާދީއްތަ ދުވަހު "ޑްރީމް ކީޕާ" ޑައިވް ބޯޓު އަޑިއަށް ދިޔުމުން 28 މީހުން ސަލާމަތް ކުރި ކަމަށެވެ. އެ ހާދިސާ ހިނގީ ޕަލަވަން ޕްރޮވިންސް ކައިރިން ޓުއްބަތަހަ ފަރު ސަރަހައްދުގަ އެވެ.

އެ ބޯޓުގައި ތިބި މީހުންގެ ތެރޭގައި ޗައިނާގެ ހަތަރު މީހުން ހިމެނެ އެވެ. ކޯސްޓުގާޑުގެ ތަރުޖަމާނު ރިއާ އެޑްމިރަލް އާމަންޑޯ ބަލީލޯ ވިދާޅުވީ ގެއްލިގެން ހޯދަނީ އުޅަނދުގެ ވެރިފަރާތާއި، ޑައިވް މާސްޓަރަކާއި، ދެ ގެސްޓުން ކަމަށެވެ.

ކޯސްޓާޑުގެ އުޅަނދުތަކާއި 10 ޑައިވް ބޯޓުން ދަނީ އެ ސަރަހައްދުން އެ މީހުން ފެނޭތޯ ބަލަމުންނެވެ.

ގާތްގަނޑަކަށް 97،000 ހެކްޓަރުގެ ޓުއްބަތަހަ ފަރަކީ ދުނިޔޭގައި ރައްކާތެރިކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު އެއް ސަރަހައްދެވެ. އެ ތަން ތަރިކައިގެ ލިސްޓުގައި ހިމެނީ 1993 ގަ އެވެ.